އެއް އަޒުމެއްގައި ނުކުމެއްޖެ ނަމަ، ޗެލެންޖް ކަޕް ކާމިޔާބު ކުރެވޭނެ: ނިޔާ

އަންނަ މެއި މަހުގެ 19 ވަނަ ދުވަހު ރާއްޖޭގައި ފަށާ އޭއެފްސީ ޗެލެންޖް ކަޕަށް ގައުމީ ޓީމު ނުކުންނައިރު، ހުރިހާ ކުޅުންތެރިން އެއް އަޒުމެއްގައި ނުކުމެއްޖެ ނަމަ، މުބާރާތް ކާމިޔާބު ކުރުމަކީ އުނދަގޫ ކަމަކަށް ނުވާނެ ކަމުގައި ގައުމީ ޓީމުގެ ތަޖުރިބާކާރު މިޑްފީލްޑަރު އަހްމަދު ނިޔާޒު (ނިޔާ) ބުނެފި އެވެ.

ނިޔާ މިހެން ބުނެފައިވަނީ ސަން ޓީވީ ޕްލަސްގެ ކުޅިވަރު ޕްރޮގްރާމަށް ދިން އިންޓަވިއުއެއްގަ އެވެ. އަމިއްލަ ގައުމުގައި އޭއެފްސީ ޗެލެންޖް ކަޕް ބޭއްވުމަކީ ބޮޑު އެޑްވާންޓޭޖެއް ކަމުގައި އޭނާ ދެކެ އެވެ.

"ކާމިޔާބަކީ މަސައްކަތް ކުރީމަ ލިބޭ އެއްޗެއް. ހުރިހާ ކުޅުންތެރިން ވެސް އެއް އަޒުމެއްގައި އެއް މަގްސަދެއް ހާސިލްކުރަން ނުކުމެއްޖެ ކަމުގައިވާ ނަމަ، މުބާރާތް ކާމިޔާބުކުރުމަކީ އުނދަގޫކަމަކަށް ނުވާނެ. އަޅުގަނޑުމެންގެ ގައުމުގަ އަޅުގަނޑުމެންގެ ފަސްގަނޑުގަ ކުޅޭ މުބާރާތަކަށް ވެފައި، ސަޕޯޓަރުންގެ ފުރިހަމަ ސަޕޯޓް ލިބޭ ކަމުގައި ވަނީނަމަ، މުބާރާތް ކާމިޔާބު ކުރުމަކީ އެއްވެސް ކަމެއް ނޫން،" ނިޔާ ބުންޏެވެ.

ގައުމީ ޓީމަށް ނިޔާ އެންމެ ފުރަތަމަ ނެގީ މިދިޔަ އަހަރުގެ ނޭޕާލުގައި ބޭއްވި ސާފް ޗެމްޕިއަންޝިޕް މުބާރާތަށެވެ. ގައުމީ ޓީމުގެ އިތުރުން ނިޔާ އަކީ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުގެ ވެސް މުހިންމު ކުޅުންތެރިއެކެވެ. ނިޔާ ބުނީ، މުބާރާތަށް ނުކުންނަ އިރު، އޭނާގެ އަދި ކޯޗު ވެސް އެހެން ޓީމުތަކުގެ ފެންވަރާއި ކުޅުމާއި މެދު ނުވިސްނާ ކަމަށެވެ.

"އިދިކޮޅު ޓީމުތަކާ މެދު އެއްވެސް ވަރަކަށް ނުވިސްނަން. ކޯޗުވެސް ވަކި އިދިކޮޅު ޓީމަކަށް ވިސްނައިގެން ގޭމެއް އަދި ޕްރެކްޓިސްއެއް ވެސް ރާވާފައެއް ނެތް. އަދި ކޯޗުގެ ވިސްނުމެއްގައެއް ނެތް އިދިކޮޅު ޓީމަކާއި ބެހޭ އެއްވެސް ވިސްނުމެއް. ކޯޗު ބޭނުންވަނީ ގައުމީ ޓީމު ރަނގަޅަށް ތައްޔާރުކުރަން. އެގޮތުގެ މަތިން އަޅުގަނޑުމެންގެ އެންމެ ބެސްޓް ދޭން އަޅުގަނޑުމެން ތައްޔާރުވަމުން މިދަނީ،" އޭނާ ބުންޏެވެ.

އޭއެފްސީ ޗެލެންޖް ކަޕަށް ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމު ނުކުންނަ އިރު، ކޯޗެއްގެ ގޮތުގައި ޓީމަށް އިރުޝާދުދޭނީ ޑްރާގޯ މަމިޗް އެވެ. ނިޔާ ބުނީ، ކޯޗުގެ ޓްރެއިނިންގްތައް ވަރަށް ފުރިހަމަ ކަމަށެވެ.

"ފާއިތުވި ކުޑަ މުއްދަތުގެ ތެރޭގައި ކޯޗުގެ ޓްރެއިނިންގްތައް ވަރަށް ރަނގަޅު، ވަރަށް ފުރިހަމައޭ ބުނެވޭނީ،" ތަޖުރިބާކާރު މިޑްފީލްޑަރު ބުންޏެވެ.

އަންނަ މަހު ފަށާ ޗެލެންޖް ކަޕްގައި ރާއްޖެ ހިމެނެނީ ގްރޫޕް އޭގަ އެވެ. މި ގްރޫޕްގައި ދެން ހިމެނޭ ޓީމުތަކަކީ ފަލަސްތީނު، ކިރްގިސްތާނު އަދި މިޔަންމާ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު