ކޮންޓޭނާ ވެއްޓި ނިޔާވި ދެ މުވައްޒަފުންގެ އާއިލާ އަށް އެއްފަހަރާ އެއްލައްކަ ރުފިޔާ ދޭން ނިންމައިފި

މިދިޔަ ހަފްތާގައި އެމްޕީއެލް ސަރަހައްދު ފަޅުތެރޭގައި އޮތް ބޯޓަކުން ކޮންޓެއިނާ ބާލަމުން ދަނިކޮށް ހިނގި ނުރައްކާތެރި ހާދިސާގައި ނިޔާވި އެ ކުންފުނީގެ ދެ މުވައްޒަފުންގެ އާއިލާތަކަށް އެއްލައްކަ ރުފިޔާ ދިނުމަށް އެމްޕީއެލުން ނިންމައިފި އެވެ.

އެ ހާދިސާގައި ނިޔާވެފައި ވަނީ ނ. ކުޑަފަރީ، ޗާނދަނީވިލާ، މުހައްމަދު ނާޝިދާއި މ. ޕެރިސްވިލާ އިބްރާހީމް ޝަރީފް އެވެ.

އެމްޕީއެލްގެ މީޑިއާ ކޯޑިނޭޓަރު އަދި އެޗްއާރުގެ ސީނިއާ މެނޭޖަރު އަހުމަދު އާތިފް މިއަދު "ސަން" އަށް ވިދާޅުވީ އެ ހާދިސާގައި ނިޔާވި އެ ކުންފުނީގެ ދެ މުވައްޒަފުންގެ ތެރެއިން ކޮންމެ މުވައްޒަފެއްގެ އާއިލާ އަށް ވެސް އެއް ފަހަރާ އެއް ލައްކަ ރުފިޔާ ދިނުމަށް ކުންފުނީގެ ބޯޑުން މިދިޔަ ބުރާސްފަތި ދުވަހު ނިންމާފައިވާ ކަމަށެވެ.

"އެއް ލައްކަ ރުފިޔާ އެއިން ކޮންމެ އާއިލާއަކަށް ވެސް މިދެނީ އެއްފަހަރާ ގަނޑުކޮށް،" އާތިފު ވިދާޅުވި އެވެ.

އެ ހާދިސާގައި ނިޔާވި އެމްޕީއެލްގެ ދެ މުވައްޒަފުންގެ އާއިލާތަކަށް ކޮންމެ މަހަކު ވެސް 15،000 ރުފިޔާގެ މުސާރައެއް ދިނުމަށް ވެސް އެކުންފުނީގެ ބޯޑުން ވަނީ ނިންމައިފަ އެވެ.

އާތިފް ވިދާޅުވީ 15،000 ރުފިޔާއަކީ އެ މުވައްޒަފުންނަށް ދެމުން ގެންދިޔަ މުސާރަ ނޫން ކަމަށާއި ނަމަވެސް ބޯޑުން ނިންމީ އެ ދެ މީހުންގެ ވެސް އާއިލާގައި ހުރި އެންމެ ހަގު ކުއްޖާގެ އުމުރުން 18 އަހަރު ވަންދެން އެ އާއިލާތަކަށް އެ ފައިސާ ކޮންމެ މަހަކު ވެސް ދިނުމަށް ކަމަށެވެ.

އެ ހާދިސާ ހިނގާފައި ވަނީ ކޮންޓެއިނާ އަންލޯޑް ކުރަން ހުންނަ ޝިޕް ނުވަތަ ކޮންޓެއިނާ ބާލަން ހުންނަ ކްރޭންގެ ބައެއް ފެއިލްވެެގެން، އޭގެއިން ބައެއް ވެއްޓި އެ ދެ މީހުންގެ ގައިގައި ޖެހިގެންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު