އޭޝިއަން ގޭމްސްގައި ބައިވެރިވާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް އަނީސް

ސަތާރަ ވަނަ އޭޝިއަން ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓުގެ ޗެފް ޑި މިޝަނަކަށް ޓްރާންސްޕޯޓް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ކުރީގެ މަޝްހޫރު ވޮލީބޯޅަ ކޯޗު މުހައްމަދު އަނީސް (ތަރި އަނީސް) ހަމަޖައްސައިފި އެވެ.

ސަތާރަ ވަނަ އޭޝިއަން ގޭމްސް ބޭއްވުމަށް ހަމަޖެހިފައި ވަނީ ދެކުނު ކޮރެއާގެ އިންޗެއޮންގައި އަންނަ ސެޕްޓެމްބަރު މަހުގެ 19 އިން ފެށިގެން އޮކްޓޯބަރު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށެވެ.

އޮލިމްޕިކް ކޮމެޓީން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ މިމުބާރާތުގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓުގެ ޑެޕިއުޓީ ޗެފް ޑި މިޝަނުންނަށް ދެ ބޭފުޅަކު ހަމަޖައްސާފައިވާކަމަށެވެ. އެ ދެބޭ ފުޅުން ނަކީ ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ނާއިބް ރައީސް އަލީ ވަހީދާއި ކެރަމް އެސޯސިއޭޝަނުގެ ނައިބް ރައީސް އައިމިނަތު ނިމާ އެވެ.

މީގެ އިތުރުން އޮލިމްޕިކް ކޮމިޓީން ވަނީ ކުރިއަށް އޮތް ކޮމަންވެލްތް ގޭމްސްގައި ރާއްޖޭން ބައިވެރިވާ ކޮންޓިންޖެންޓަށް ވެސް އޮފިޝަލުން ހަމަޖައްސައިފައެވެ.

މިފަހަރުގެ ކޮމަންވެލްތް ގޭމްސް އޮތީ އަންނަ ޖުލައި މަހުގެ 23 އިން އޮގަސްޓު މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ސްކޮޓްލެންޑުގެ ގްލާސްގޯގައެވެ.

ކޮމަންވެތް ގޭމްސްގައި ރާއްޖެއިން ބައިވެރިވާ ކޮންޓިންޖެންޓް އާއި ހަވާލުވުމަށް އޮލިމްޕިކް ކޮމެޓީން ވަނީ ޗެފް ޑި މިޝަނަކާއި ޖެނެރަލް މެނޭޖަރެއް ހަމަޖައްސާފައެވެ. އެގޮތުން ޗެފް ޑި މިޝަނަކަށް ހަމަޖައްސާފައި ވަނީ ޕޫލް ބިލިއާޑް އެސޯސިއޭޝަނުގެ ރައީސް އިސްމާއިލް ރަޒީން އެވެ. އަދި ޖެނެރަލް މެނޭޖަރަށް ހަމަޖެއްސީ އޮލިމްޕިކް ކޮމިޓީގެ އަންހެނުންގެ ކޮމިޓީގެ މެމްބަރު މޮނާ އައްބާސެވެ.

އޮލިމްޕިކް ކޮމެޓީން ބުނީ މިދެމުބާރާތައް ދާ ބޭފުޅުން އައްޔަނުކުރީ ހުސްވި ހަފްތާގެ އަންގާރަ ދުވަހު ބޭއްވި އެގްޒެކެޓިވް ކޮމެޓީގެ ބައްދަލުވުމުގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު