ދެކުނު އޭޝިއާގެ ބާސްކެޓްގެ ރައީސަކަށް ހާފިޒް އިންތިހާބު ކޮށްފި

ކުރިއަށް އޮތް ހަތަރު އަހަރަށް ސައުތު އޭޝިއާ ބާސްކެޓްބޯލް އެސޯސިއޭޝަން (ސާބާ)ގެ ރައީސްގެ މަގާމަށް ރާއްޖޭގެ ބާސްކެޓްބޯޅަ އެސޯސިއޭޝަނުގެ ރައީސް އަހުމަދު ހާފިޒް އިއްޔެ އިންތިހާބުކޮށްފި އެވެ.

ހާފިޒް އެމަގާމަށް އިންތިހާބުކުރީ، އިއްޔެ ބަންގްލަދޭޝްގެ ވެރިރަށް ޑާކާގައި ބޭއްވި ސާބާގެ ކޮންގްރެސްގައެވެ. އެގޮތުން އިއްޔެ ކޮންގްރެސްގައި ހާފިޒް އެ މަގާމަށް އިންތިހާބުވީ ކޮންގްރެސްގައި ބައިވެރިވި ހަ ގައުމުގެ އިއްތިފާގުވެގެންނެވެ.

އިއްޔެގެ ކޮންގްރެސްގައި ބައިވެރިވެފައި ވަނީ ރާއްޖެ، އިންޑިއާ، ބޫޓާން، ނޭޕާލް، ބަންގްލަދޭޝް އަދި ސްރީލަންކާއެވެ. އަދި ކޮންގްރެސްގައި ބައިވެރިނުވަނީ އަފްގާނިސްތާން އާއި ޕާކިސްތާނެވެ.

ދެކުނު އޭޝިއާގެ ބާސްކެޓްގެ ރައީސަކަށް އިންތިހާބު ވުމަށްފަހު ހާފިޒު މިއަދު "ސަން" އަށް ވިދާޅުވީ، ބާސްކެޓަކީ ވެސް ސަރަހައްދުގެ ގައުމު ތަކުގައި ކުޅެވޭ ވަރަށް ވާދަވެރި ކުޅިވަރެއް ކަމަށާއި އެގޮތުން ރާއްޖޭގެ ބާސްކެޓް ކުރިއަށް އޮތްތާގައި ރަނގަޅު ކުރުމަށް މިފުރުޞަތުގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށެވެ.

"މިލިބުނު ކުރިއެރުމާއެކު ބާސްކެޓް ރާއްޖޭގައި އިތުރަށް ތަރައްގީ ކުރާނަން. މިއީ ރާއްޖެއަށް ލިބުނު ބޮޑު ކުރިއެރުމެއް،" ހާފިޒް ވިދާޅުވިއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު