40 މިލިއަން ޑޮލަރުގެ ސްޓޭޑިއަމްއެއް ހުޅުމާލޭގައި އެޅުމުގެ ފުރުސަތު ހުޅުވާލަނީ

އަންނަ މޭމަހު ސިންގަޕޫރުގައި ބާއްވާ އިންވެސްޓުމަންޓް ފޯރަމްގައި ހުޅުމާލޭގައި 40 މިލިއަން ޑޮލަރު (616 މިލިއަން ރުފިޔާ)ގެ ސްޓޭޑިއަމްއެއް އެޅުމުގެ ފުރުޞަތު ހުޅުވާލެވޭނެ ކަމަށް ކުޅިވަރާ ބެހޭ މިނިސްޓުރީން ބުނެފި އެވެ.

ކުޅިވަރާ ބެހޭ ވަޒީރު މުހައްމަދު މަލީހް ޖަމާލް "ސަން" އަށް އިއްޔެ ވިދާޅުވީ، ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ބޮޑު ސްޓޭޑިއަމްއާ ބެހޭ ގޮތުން ސިންގަޕޫރުގައި ބާއްވާ އިންވެސްޓުމަންޓް ފޯރަމްގައި އެ ފުރުޞަތު ހުޅުވާލުމަށް ނިންމާފައިވާ ކަމަށާއި އެ ފޯރަމް ސިންގަޕޫރުގައި އޮންނާނީ މި މަހުގެ 25 ވަނަ ދުވަހު ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

"ހުޅުމާލާގައި ޔޫތު ސިޓީގެ ވަރަށް ގިނަ ކޮންޕޯނަންޓްތަކެއް ޕޮރޮމޯޓް ކުރާނަން ސިންގަފޫރު ފޯރަމްގައި. ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައި ވަނީ ސަރަހައްދީ ފެންވަރުގެ ބޮޑު ސްޓޭޑިއަމްއެއް. މިއީ ގާތް ގަނޑަކަށް 40 މިލިއަން ޑޮލަރުގެ ޕްރޮޖެކްޓެއް. މިކަން ކުރުމަށް ފުރުޞަތު ހުޅުވާލުން އޮތީ ސިންގަޕޫރުގައި ބާއްވާ އިންވެސްޓުމަންޓް ފޯރަމްގައި." މިނިސްޓަރު ވިދާޅުވި އެވެ.

މީގެ އިތުރުން މިނިސްޓަރު ވިދާޅުވީ ހުޅުމާލޭގައި އެޅުމަށް ހަމަޖެހިފައިވާ ސްޕޯޓްސް އެރީނާގެ މަސައްކަތް މިހަފްތާތެރޭގައި ބިޑަށް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އަދި ސަރުކާރު ހިއްސާވާ ކުންފުނިތަކާ އެކު އެކަން ކުރާ ކަމަށް ވާ ނަމަ ބިޑަށް ލުމެއް ނޯންނާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ޒުވާނުންނާއި ކުޅިވަރުގެ ތަރައްގީ އަށް ދިވެހި ސަރުކާރުން ރާވާފައިވާ ޕްލޭންތަކުގެ މައުލޫމާތު އިއްޔެ ސަންއާ ހިއްސާ ކުރައްވަމުން މިނިސްޓަރު ވިދާޅުވީ އަތޮޅު ތެރޭގައި ހުރި ޒުވާނުންގެ މަރުކަޒުތައް އަލުން ދިރުވައި، މި އަހަރު ތެރޭގައި ދެ ހާސް މަތީގެ އާބާދީތަކުގެ ރަށްރަށުގައި ސްޕޯޓްސް އެރީނާތައް ގާއިމު ކުރައްވާނެ ކަމަށެވެ. އަދި އެ ދާއިރާތަކާ ގުޅުން ހުރި ދިވެހި މުދައްރިބުން ތަމްރީން ކުރައްވާނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވި އެވެ.

ސްޕޯޓްސް އެރީނާ ޕްރޮޖެކްޓްތަކުގެ ފުރަތަމަ މަރުހަލާއެއްގެ ގޮތުގައި ކުރިއަށް ދާނީ ފުޓްސަލް ދަނޑުތައް އެޅުން ކަމަށް ވެސް މިނިސްޓަރު އިއްޔެ ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު