ފައިނަލުގައި ބާސާގެ ބަލިކަށިކަން ފެންނާނެކަމަށް ގަބޫލެއްނުކުރަން: ކަސިޔަސް

ކޮޕާ ޑެލްރޭ ފައިނަލުގައި ބާސެލޯނާއާ ދެކޮޅަށް ނުކުންނަ މެޗުގައި އެޓީމުގެ ބަލިކަށިކަން ފެނިދާނެ ކަމަށް ގަބޫލުނުކުރާ ކަމުގައި ރެއާލް މެޑްރިޑްގެ ގޯލްކީޕަރު އިކާ ކަސިޔަސް ބުނެފި އެވެ.

ސްޕެނިޝް ލަލީގާގައި ހޮނިހިރު ދުވަހު ގްރެނޭޑާ އަތުން ބާސާ ބަލިވުމުން އެޓީމަށް ވަނީ ގިނަ ހުރަސްތަކަކާ ކުރިމަތިވެފަ އެވެ. ލަލީގާގެ ތިންވަނަ އަށް ބާސާ ވެއްޓުނުއިރު، އެއްވަނައިގައި އޮތް އެތުލެޓިކޯ މެޑްރިޑާއި ދެމެދު އޮތް ތަފާތު ވަނީ ބޮޑުވެފަ އެވެ. އޭގެ އިތުރުން އެ ކްލަބަށް ވަނީ ޗެމްޕިއަންސް ލީގަށް ވެސް އަލްވަދާއު ކިޔަން ޖެހިފަ އެވެ.

"ޗެމްޕިއަންސް ލީގާއި ލަލީގާގައި ލިބުނު ނާކާމިޔާބީގެ ސަބަބުން ބާސާ އަށް ބަދަލެއް އަތުވެދާނެ ކަމަށް އަހަރެން ގަބޫލެއް ނުކުރަން،" ރެއާލްގެ ގޯލްކީޕަރު ބުންޏެވެ. "މިވަގުތު ދެ ޓީމުގެ ފޯމަށް ބަލާއިރު، ވަރަށް ތަފާތު. އެކަމަކު ފައިނަލުގައި އެ ހުރިހާ ކަމެއް ބަދަލުވެގެންދާނެ. މޮޅުވުމަކީ އެންމެންވެސް ގެންގުޅޭނެ ހިޔާލެއް. އަހަރެމެން ޓީމުން ކޮޕާ ޑެލްރޭގައި ރަނގަޅު ކުޅުމެއް ދެއްކި. އަދި މުބާރާތް ކާމިޔާބުކުރުމަކީ ރަނގަޅު ނިމުމަކަށް ވެގެންދާނެ. ކާމިޔާބުކުރެވޭނެ ކަމަށް އަހަރެމެން ގަބޫލުކުރަނީ،"

މިއަދު ކުޅޭ ފައިނަލު މެޗުގައި ކްރިސްޓިއާނޯ ރޮނާލްޑޯ އަށް ބައިވެރި ނުވެވޭނެކަން އިއްޔެ ވަނީ ކަށަވަރުވެފަ އެވެ. ކަސިޔަސް ބުނީ، ފައިލަނު މެޗުގައި ރޮނާލްޑޯ ނެތުމުން ރަނގަޅުވާނީ އެކަމާއި މެދު ނުވިސްނުން ކަމަށެވެ.

"ރޮނާލްޑޯ ނެތުމަކީ ޓީމަށް ލިބުނު ދެރައެއް. އޭނާގެ އިތުރުން ޖޭސޭ ރޮޑްރިގޭޒް، އަރްބެލޯއާ، މާސެލޯނާ އަށް ވެސް އެރޭނެކަމުގެ ޔަގީންކަމެއް ނެތް. އެއީ ޓީމަށް އޮތް ދައްޗަކަށް ވާނެ. ނުކުޅެވޭ ކުޅުންތެރިންނާއި މެދު ވިސްނުމަށްވުރެ، ރަނގަޅުވާނީ ނުވިސްނުން،" އޭނާ ބުންޏެވެ.

ކޮޕާ ޑެލްރޭ ފައިނަލުގައި ރެއާލްއާ ދެކޮޅަށް ބާސާ ނުކުންނާނީ ވެލެންސިއާގެ މެސްޓަލާ ސްޓޭޑިއަމްގަ އެވެ. މި މެޗު ފަށާނީ ރާއްޖޭގަޑިން މިރޭ މެންދަމު 12:45 ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު