ޖަނަވާރުތައް ނައްތާލުމުގައި އެގްރިކަލްޗަރުގެ ޓެކްނިކަލް ލަފައެއް ހޯދަން ޖެހޭކަން އެނގިފައެއްނުވޭ: އެމްއެންޑީއެފް

ރާއްޖެ އެތެރެކުރުން މަނާ ޖަނަވާރުތައް ނައްތާލުމުގައި އެގްރިކަލްޗަރ މިނިސްޓްރީގެ ޓެކްނިކަލް ލަފައެއް ހޯދަން ޖެހޭކަން އެނގިފައި ނުވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.

އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން އަލީ އިހުސާން ވިދާޅުވީ، ޖަނަވާރުތައް ނައްތާލާފައިވަނީ ޑިފެންސްމިނިސްޓްރީގެ ޕްރޮސީޖާގެ ދަށުން ކަމަށެވެ.

އެގްރިކަލްޗަރ މިނިސްޓްރީން އިއްޔެ ނެރެނު ކުރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ދިރޭ ޖަނަވާރު އަތުލައިގަތުމަށް މިމަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މިނިސްޓްރީން ބައިވެރިވެ، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް އެ ތަކެތި އެމްއެންޑީއެފްއިން ނައްތާލާފައި ވަނީ އެ މިނިސްޓްރީގެ އެއްވެސް ޓެކްނިކަލް ލަފައެއް ލިބިގެން ނޫން ކަމަށް އެބަޔާނުގައި ވަނީ ބުނެފަ އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ، މާލެތެރޭގައި ނުރައްކާތެރި ޖަނަވާރުތައް ގެންގުޅޭތީ ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތަކުގެ ތެރޭ 11 އިގުއާނާ އާއި ހަރުފައަކާއި ފައިދިގު މަކުނަކާއި ޝުގާ ގްލިޑާ އަކާއި ބަކަމޫނަކާއި މުގޮށިމީދަލަކާއި 105 މީދާ ހިމެނޭ ކަމަށެވެ.

އިހުސާން ވިދާޅުވީ ނައްތާލި ތަކެއްޗަކީ ރާއްޖެ އެތެރެކުރުން މަނާ ތަކެތި ކަމަށާއި އޭގެ ތެރޭގައި ބަކަމޫނު ވެސް ހިމެނޭ ކަމަށެވެ. ނަމަވެސް ދުނިޔޭން ނެތި ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ސްލޯ ލޮރިސް އޭގެ ތެރޭ ނުހިމެނޭ ކަމަށް އިހުސާން ވިދާޅުވި އެވެ.

ބަކަމޫނަކީ ބައެއް މޫސުމުގައި ރާއްޖޭގެ ބައެއް ރައްތަކުން ވެސް މަދުން ނަމަވެސް ފެންނަ ބާވަތުގެ ދޫންޏެކެވެ.

މާލެތެރޭން ހޯދި ޖަނަވާރުތައް ނައްތާލި މައްސަލައާ ގުޅިގެން އިއްޔެ ވަނީ ކުޑަކުދިންގެ ބަގީޗާ ކުރިމަތީ ބަޔަކު އިހްތިޖާޖު ވެސް ކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު