ޑީއާރުޕީގެ ކުރީގެ ބައެއް މެމްބަރުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި ވާދަކުރަނީ

ޑީއާރުޕީ ދޫކުރައްވައި އެމްޑީޕީއާ ގުޅިވަޑައިގެންނެވި ބައެއް މެމްބަރުން އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލައްވައިފި އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބަށް ކުރިމަތިލައްވާފައިވާ ޑީއާރުޕީގެ ކުރީގެ މެމްބަރުންގެ ތެރޭގައި ހިމެނިވަޑައިގެންނަވާ ބޭފުޅުންނަކީ ރައްޔިތުންގެ މަޖިލީހުގެ ކެންދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ކުރީގެ ލީޑަރު އަހުމަދު ތަސްމީން އަލީ އާއި މަޑުއްވަރީ ދާއިރާގެ މެމްބަރު ވިޝާމް އަލީ އާއި އަލިފުށީ ދާއިރާގެ ކުރީގެ މެމްބަރު މުހައްމަދު ނާޝިޒުގެ އިތުރުން ޑީއާރުޕީގެ ކުރީގެ ޑެޕިއުޓީ ލީޑަރު އަދި ތުލުސްދޫ ދާއިރާގެ މެމްބަރު ރޮޒެއިނާ އާދަމް އެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބުގައި އަހުމަދު ތަސްމީން އަލީ، މާލޭ ސިޓީ މެދު ހެންވޭރު ދާއިރާއަށް ކުރިމަތިލައްވާފައިވާއިރު ވިޝާމް އަލީ ކުރިމަތިލައްވާފައި ވަނީ މާލޭ ސިޓީ ހެންވޭރު އުތުރު ދާއިރާއަށެވެ. އަދި އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބްގައި އަހުމަދު ނާޝިޒު ކިނބިދޫ ދާއިރާ އަށް ކުރިމަތިލައްވާފައިވާއިރު ރޮޒެއިނާ އާދަމް ކުރިމަތިލައްވާފައިވަނީ ސ. މީދޫ ދާއިރާ އަށެވެ.

މި ހަަތަރު ބޭފުޅުންގެ ތެރެއިން ރޮޒެއިނާ ފިޔަވައި ދެން ތިއްބެވި ތިން މެމްބަރުން ވެސް ވަނީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބްގައި އެމްޑީޕީ ޓިކެޓްގައި ވާދަކުރައްވައިގެން ނާކާމިޔާބުވެވަޑައިގެންފަ އެވެ.

އެގޮތުން ތަސްމީން މިހާރު ވެސް އޭނާ ނިސްބަވްވެވަޑައިގެންނަވާ ކެންދޫ ދާއިރާ އަށް ކުރިމަތިލެއްވި އިރު ނާޝިޒު ކުރިމަތިލެއްވީ ކިނބިދޫ ދާއިރާއަށެވެ. އަދި ވިޝާމް ކުރިމަތިލެއްވީ މަޑުވައްރީ ދާއިރާ އަށެވެ.

އެމްޑީޕީގެ ދާއިރާތަކުގެ އިންތިހާބު ބާއްވަން ކުރިން ހަމަޖެހިފައި ވަނީ، މި މަހުގެ 25ގަ އެވެ. ނަމަވެސް އެ އިންތިހާބު މިހާރު ބޭއްވުމަށް ހަމަޖައްސާފައި ވަނީ މިމަހުގެ 28، 29 އަދި 30 ގަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު