ޓެކްސް ނެގުމަށް ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތައް ތަމްރީނުކޮށްފި

މުއާސަލާތީ ހިދުމަތުން ޓެކްސް ނަގަން ފެށުމަށްޓަކައި ޓެލެކޮމިއުނިކޭޝަން ދާއިރާގެ ހިދުމަތްދޭ ފަރާތްތައް ތަމްރީނުކޮށްފި އެވެ.

މީރާގެ އިސް އޮފިޝަލަކު "ސަން"އަށް ވިދާޅުވީ، ޓެލެކޮމިއުނިކޭޝަން ދާއިރާއިން ޓެކްސް ނެގުމުގެ އެންމެ ފަހުގެ ތައްޔާރީތައް މީރާއިން ވެފައިވާ ކަމަށެވެ. އެގޮތުން ޓެލެކޮމިއުނިކޭޝަން ހިދުމަތްދޭ ފަރާތްތަކަށް މިދިޔަމަހުގެ ފަހު ކޮޅުގަޔާއި މިމަހުގެ ކުރީކޮޅުގައި ތަމްރީން ޕުރޮގުރާމްތައް ހިންގައިފައިވާ ކަމަށެވެ.

މީރާއިން ވަނީ ޓެލެކޮމިއުނިކޭޝަން ދާއިރާއިން ޓެކްސް ނެގުމުގެ ގަވައިވެސް އާންމު ކޮށްފައެވެ.

މީރާއިން ބުނީ އަންނަ މަހުގެ ފުރަތަމަ ދުވަހުން ފެށިގެން ޕްރިޕެއިޑް ނަމްބަރުތައް ގެންގުޅޭ ފަރާތްތަކުން ފޯނަށް ބެލެންސް އަޅާއިރު ޓެކްސް ނެގިގެންދާނެ ކަމަށެވެ. އަދި ޕޯސްޓްޕެއިޑް ނަމްބަރުތަކުން ބިލްދައްކާއިރު ޓެކްސް ނެގިގިގެންދާނެ ކަމަށެވެ.

ޓޫރިޒަމް ހިދުމަތްދޭ ފިހާރައަކުންނަމަ ޓެކްސްނަގާނީ އަށް ޕަސެންޓުންނެވެ. އާންމު ފިހާރަތަކުން ޓެކްސް ނަގާނީ ހަ ޕަސެންޓުންނެވެ.

މުއާސަލާތީ ހިދުމަތުން ޓެކްސް ނަގަން ފެށުމުން މިއަހަރު ތެރޭގައި 110 މިލިއަން ރުފިޔާ ލިބޭނެ ކަމަށް އަންދާޒާ ކުރެވޭކަމަށް ޓެކްސްގެ އިދާރާ މީރާއިން ބުނެއެވެ.

މުދަލާއި ހިދުމަތުން ނަގާ ޓެކްސްގެ ތެރެއަށް މުއާސަލާތީ ހިދުމަތް ހިމަނާފައި ވަނީ މިސަރުކާރުން އާމްދަނީ އިތުރުކުރުމަށް ގެނައި އިސްލާހުތަކުގެ ތެރެއިންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު