ޗެލެންޖްކަޕް ފެށުމުގެ 30 ދުވަސް ކުރިން ދަނގަޑޭ ގައުމީ ޓީމަށް ދޫކުރަން ޕީޑީއާރްއެމް އިން ނިންމައިފި

އަންނަ މަހު ރާއްޖޭގައި ބާއްވާ އޭއެފްސީ ޗެލެންޖްކަޕް ފުޓްބޯޅަ މުބާރާތް ފެށުމުގެ 30 ދުވަސް ކުރިން ގައުމީ ޓީމަށް ކެޕްޓަން އަލީ އަޝްފާގް (ދަގަނޑޭ) ދޫކުރަން، އޭނާ މިހާރު ކުޅެމުން އަންނަ މެލޭޝިއާގެ ކްލަބް ޕީޑީއާރްއެމް އިން ނިންމައިފި އެވެ.

ދަގަނޑޭ ދޫކުރުމަށް ޕީޑީއާރުއެމް އިން ނިންމީ، އޭނާގެ ރިލީޒް ހޯދުމަށް ގައުމީ ޓީމުގެ މެނޭޖަރު އަހުމަދު މަހުލޫފް (މަހޭ) އާއި އެފްއޭއެމްގެ ޑިރެކްޓާ އޮފް ނޭޝަނަލް ޓީމް އަލީ ސުޒޭން މީގެ ދެ ދުވަސް ކުރިން މެލޭޝިއާ އަށް ގޮސް، ޕީޑީއާރުއެމްގެ ކޯޗާ ބައްދަލުކޮށް މަސްވަރާ ކުރުމަފަހުއެވެ.

ގައުމީ ޓީމުގެ މޭނޭޖަރު މަހޭ ކުރައްވާފައިވާ ޓްވީޓެއްގައި ވަނީ، ގައުމީ ކެޕްޓަން އަލީ އަޝްފާގު އަންނަ އާދިއްތަ ދުވަހުން ފެށިގެން އޭނާ މިހާރު ކުޅެމުން އަންނަ ޕީޑީއާރުއެމް އިން ގައުމީ ޓީމަށް ދޫކުރަން އެޓީމުގެ ކޯޗް ވަނީ ނިންމާފައި ކަމަށެވެ.

"މިމަހުގެ 20 ވަނަ ދުވަހުން ފެށިގެން ދަނގަޑޭ ދޫކުރަން ޕީޑީއާރްއެމްގެ ކޯޗު ވަނީ ނިންމައިފި،" ގައުމީ ޓީމުގެ މެނޭޖަރު މަހުލޫފް ކުރެއްވި ޓްވީޓްގައި ވެއެވެ.

ފީފާ ގަވާއިދު ބުނާ ގޮތުން ކްލަބުން ކުޅުންތެރިޔާ ގައުމީ ޓީމުގެ މުބާރާތަކަށް ދޫކުރަން މަޖުބޫރުވާނީ މުބާރާތް ފެށުމުގެ 14 ދުވަސް ކުރިންނެވެ. ނަމަވެސް އޭގެ ކުރިން ދޫކުރުމުގެ އިހުތިޔާރު ކްލަބަށް އޮވެ އެވެ.

"ސަން"އަށް އެނގިފައިވާ ގޮތުން މިމަހުގެ 20 ވަނަ ދުވަހު ދަނގަޑޭ މާލެ އައުމަށް މިހާރު ވަނީ ހަމަޖެހިފައެވެ.

މިފަހަރުގެ ޗެލެންޖްކަޕަށް ގައުމީ ޓީމުން ވަނީ 32 ކުޅުންތެރިންގެ ސްކޮޑެއް އެކުލަވައިލައި، ފަރިތަކުންތައް ވެސް ފަށައިފައެވެ.

ޗެލެންޖު ކަޕް ހުޅުވާ މެޗުގައި، މޭ މަހުގެ 19 ވަނަ ދުވަހު ރާއްޖެއާއި މިޔަންމާ، ވާދަކުރާއިރު މުބާރާތުގައި ރާއްޖެ ވާދަކުރާ ދެވަނަ މެޗުގައި މޭ މަހުގެ 21 ވަނަ ދުވަހު ނިކުންނާނީ، ކިރުގިސްތާނާ ދެކޮޅަށެވެ. އަދި ގްރޫޕް ސްޓޭޖްގައި ރާއްޖެ ކުޅޭ ފަހު މެޗުގައި މޭ 23 ވަނަ ދުވަހު ނުކުންނާނީ ފަލަސްތީނާ ދެކޮޅަށެވެ.

މުބާރާތުގައި ރާއްޖެ ހިމެނޭ ގްރޫޕް އޭ ގެ މެޗުތައް ކުރިއަށް ގެންދާނީ، ގަލޮޅު ރަސްމީ ބޯޅަ ދަނޑުގަ އެވެ. ދެ ގްރޫޕަކަށް ބަހާލައިގެން ކުރިއަށް ގެންދާ މުބާރާތުގެ ގްރޫޕް ބީގެ މެޗުތައް އައްޑޫ ޒޯން ސްޓޭޑިއަމްގައި ކުޅެން ހަމަޖެހިފައިވާއިރު އެ ގްރޫޕްގައި ހިމެނެނީ، ތުރުކުމަނިސްތާނާއި ފިލިޕިންސްއާއި އަފްޣާނިސްތާނުގެ އިތުރުން ލާއޯސް އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު