މާލިއްޔަތު ގަވާއިދާ ޚިލާފުވި ތިން ބޭފުޅެއްގެ މައްސަލަ ޕީޖީ އަށް ފޮނުވައިފި

މާލިއްޔަތު ގަވާއިދާ ޚިލާފަށް ޚަރަދު ކުރި މައްސަލައަކާ ގުޅިގެން މަތިދެކުނު ޕްރޮވިންސްގެ ކުރީގެ ސްޓޭޓް މިނިސްޓަރު އުމަރު ޖަމާލާއި ދެ ނާއިބުންގެ މައްޗަށް ދައުވާ ކުރުމަށް ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހަށް ފޮނުވައިފި އެވެ.

އުމަރު ޖަމާލުގެ އިތުރުން އެ މައްސަލައިގައި ދައުވާ ކުރަން ފޮނުވާފައި ވަނީ ސްޓޭޓް މިނިސްޓަރުގެ ނާއިބުން ކަމަށްވާ ވިލިނގިލީ މުހައްމަދު ޝަރީފް އާއި ތިނަދޫ މުހައްމަދު ޝަރީފްގެ މައްޗަށެވެ.

އެ ދެ ބޭފުޅުންގެ މައްޗަށް ދައުވާ ކުރަން ފޮނުވާފައި ވަނީ ގއ. އަދި ގދ. އަތޮޅުގެ ރަށްރަށުގެ މެދުގައި 2009 އަދި 2010ގައި އަމިއްލަ ފަރާތްތަކުން ބާއްވާފައިވާ އެކި އެކި ކުޅިވަރު މުބާރާތްތަކަށާއި އެހެނިހެން ހަރަކާތްތަކަށް އެހީގެ ގޮތުގައި ޕްރޮވިންސް އޮފީހުން ގަވާއިދާ ޚިލާފަށް ބަޖެޓު އައިޓަމްތަކުން މައިނަސްކޮށް ޚަރަދުކޮށްފައިވާތީ އެވެ.

އެންޓިކޮރަޕްޝަން ކޮމިޝަނުން މިއަދު ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ކުޅިވަރުގެ މުބާރާތްތަކާއި މެޗްތަކަށް 2009 އަހަރުގެ ބަޖެޓުން 30،764.03 ރުފިޔާ އަދި 2010 ވަނަ އަހަރުގެ ބަޖެޓުން 87،758 ރުފިޔާ ޚަރަދުކޮށްފައިވާ ކަމަށެވެ.

އެ ޚަރަދުތައް ކުރެވިފައި ވަނީ ފިއުލްގެ ގޮތުގައި ބޭނުންކުރެވޭ އިންޖީނު ތެޔޮފަދަ ތަކެތި ގަތުމަށް ކަނޑައަޅާފައިވާ އައިޓަމުންނާއި ރާއްޖޭގެ އެތެރޭގައި ކަނޑުމަގުން ކުރާ ދަތުރުގެ ޚަރަދުތައް ކުރާ އައިޓަމްގެ އިތުރުން ޖަމާއަތުގެ ފައިދާއަށް ޓަކައި ކުރާ މަސައްކަތަށް އެހީގެ ގޮތުގައިދޭ ފައިސާގެ އައިޓަމުންނާއި އިތުރު ގަޑީގެ މަސައްކަތަށް ފައިސާދޭ އައިޓަމުން ކަމަށް ވެސް އެ ބަޔާނުގައި ވަނީ ބުނެފަ އެވެ.

މާލިއްޔަތު ގަވާއިދު ބުނާ ގޮތުން އެކަމަކަށް ޚާއްސަ ކުރެވިފައިވާ އައިޓަމަކުން ފިޔަވައި އެހެން އައިޓަމަކުން ޚަރަދު ކުރުމަކީ ހުއްދަކަމެއް ނޫނެވެ.

ގަވާއިދު ބުނާ ގޮތުން ޚަރަދުކުރަން އުޅޭ އައިޓަމްގައި ބޭނުންވާ ވަރަށް ފައިސާ ނެތްނަމަ ދެންޖެހޭނީ ފިނޭންސް މިނިސްޓްރީއަށް ހުށަހަޅައިގެން އެހެން އައިޓަމެއްގައި ހުރި ފައިސާ އެ އައިޓަމަށް ބަދަލުކުރާށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު