ނައިޖީރިޔާގެ ސްކޫލަކުން 200 އަށްވުރެ ގިނަ އަންހެން ކުދިން ވަގަށްނަގައިފި

އަބޫޖާ (އެޕްރީލް 16): ނައިޖީރިޔާގެ އިރުއުތުރުގެ ސްޓޭޓެއް ކަމަށްވާ ބްރޫނޫގެ އަންހެން ކުދިންގެ ބޯޑިން ސްކޫލަކުން 200 އަށްވުރެގިނަ އަންހެންކުދިން ވަގަށް ނަގައިފިއެވެ.

ވަގަށް ނަގާފައިވާ ބައެއް ކުދިންގެ ބެލެނިވެރިންނާ ހަވާލާދީ ޚަބަރު ފަތުރާ ވަސީލަތްތައް ބުނާގޮތުން ބްރޫނޫގެ ޗީބުކް ސަރަހައްދުގައިވާ އަންހެންކުދިންގެ ބޯޑިން ސްކޫލަކުން 200 އަންހެންކުދިން ވަގަށް ނަގާފައިވަނީ އެގައުމުގައި ހަރަކާތްތެރިވާ ހަތިޔާރުއެޅި ހައްދުފަހަނަޅާފައިވާ ޖަމާއަތެއް ކަމަށްވާ "ބޫކޫ ހަރާމް" ޖަމާއަތުންނެވެ. އެޖަމާއަތުގެ ހަނގުރާމަވެރިން މިޖަރީމާ ހިންގާފައިވަނީ އެކުދިންތިބޭ ބޯޑިންއަށް އިއްޔެރޭގެ ވަގުތެއްގައި ގަދަބާރުން ވަދެގަނެ އަންހެންކުދިންތައް ނިދާފައިތިއްބައި އެކުދިން ކޮޓަރިތަކުން ގަދަކަމުން ނެރެގެން ކަމަށާ އެކުދިން ވަގަށްނަގައިގެން ގެންގޮސްފައިވަނީ ލޮރީތަކެއްގައި ކަމަށްވެސް ބެލެނިވެރިން ބުނެއެވެ.

ނައިޖީރިޔާގެ ފުލުހުންވެސްވަނީ ބްރޫނޫގެ ޗީބުކް ބޯޑިން ސްކޫލަށް "ބޫކޫ ހަރާމް" ޖަމާއަތުގެ ހަނގުރާމަވެރިން ކަމަށް ޝައްކުކުރެވޭ ބަޔަކު އަރައިގަތްކަން ކަށަވަރު ކޮށްދީފައެވެ. ނަމަވެސް އެ މަދްރަސާއިން 200 އަންހެންކުދިން ވަގަށް ނަގާފައިވާކަން ނުވަތަ ނޫންކަން ފުލުހުން ކަށަވަރުކޮށްދީފައެއް ނުވެއެވެ. ނަމަވެސް ބްރޫނޫ ސްޓޭޓްގެ ލޯކަލް ސަރުކާރުގެ މަސްއޫލުވެރިއަކު ވަނީ ޗީބުކްގެ ސްކޫލުން 200 އަންހެންކުދިން ވަގަށް ނަގާފައިވާކަން ކަށަވަރު ކޮށްދެއްވާފައެވެ.

ނައިޖީރިޔާގެ ވެރިރަށް އަބޫޖާގައި މިދިޔަ ހޯމަދުވަހު ބާރުގަދަ ބޮމެއް ގޮއްވާލުމުގެ ސަބަބުން 70 މީހުން މަރުވެފައިވާއިރު މިޙަމަލާގެ ފަހަތުގައިވާ ކަމުގެ ތުމަތުކުރެވިފައި ވަނީވެސް "ބޫކޫ ހަރާމް" ޖަމާއަތުގެ މައްޗަށެވެ. "ބޫކޫ ހަރާމް" ޖަމާއަތަކީ ނައިޖީރިޔާގެ ކަންކޮޅުތަކުގައި ބޮންގޮއްވުމާއި މީހުން މެރުމުގެ ހަރުކަށި އަމަލުތައް ހިންގައި އެކަމުގެ ޒިންމާ އުފުލަމުން ގެންދާ ޖަމާއަތެކެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު