އޭޝިއާގެ ވައި ތަޣައްޔަރު ވުމާ ގުޅިގެން ޕެސިފިކްގެ ތޫފާންތަކުގެ ނުރައްކާތެރިކަން ބޮޑު ވަނީ

ޗައިނާ އާއި އޭޝިއާގެ އެހެން ގައުމުތަކުގައި ވައި ތަޣައްޔަރު ވުން އިތުރު ވުމުގެ ނަތީޖާއެއްގެ ގޮތުން، ޕެސިފިކް ކަނޑާއި ދުނިޔޭގެ އީކުއޭޓަރުގެ އުތުރު ފަޅީގެ މޫސުމީ ނިޒާމަށް ބޮޑެތި ޚަލަލްތަކެއް އައިސް، އުފެދޭ ތޫފާންތައް އިތުރަށް ބާރުގަދަވެ، ނުރައްކާތެރި ވާ ކަމަށް ސައެންސީ ދިރާސާއަކުން ދައްކައިފިއެވެ.

ޔުނައިޓެޑް ސްޓޭޓްސް އޮފް އެމެރިކާގެ "ޕްރޮސީޑިންގްސް އޮފް ދަ ނެޝަނަލް އެކަޑެމީ އޮފް ސައެންސަސް" (ޕީއެންއޭއެސް)ގެ ތަޖުރިބާކާރުން ކުރެއްވި ދިރާސާއަކުން ދައްކާ ގޮތުގައި، ޗައިނާ އާއި އެހެންވެސް އޭޝިއާގެ ސިނާއީ ބޮޑުބާރުތަކުން ދުނިޔޭގެ ޖައްވަށް ބޭރު ކުރާ ވިހަ ގޭސްތަކުގެ ސަބަބުން ޕެސިފިކް ކަނޑުގެ ތޫފާންތަކުގެ ބާރު ޚާއްސަކޮށް ފިނި މޫސުމުގައި ވަރުގަދަ ވެ އެވެ. އަދި ޕެސިފިކް ކަނޑުގެ ސަރަހައްދަށް އަންނަ މި ބަދަލުތަކުގެ ނޭދެވޭ އަސަރު އެހެން ސަރަހައްދުތަކަށް ވެސް ފެތުރެއެވެ.

ޕީއެންއޭއެސްގެ ދިރާސާ ރިޕޯޓުގެ އިސް މުސައްނިފު، ޑރ. ޔުއާން ވާންގް ވިދާޅުވި ގޮތުގައި އޭޝިއާގެ ވައި ތަޣައްޔަރު ވުމުގެ ނަތީޖާއަކީ "ސަމާސާ ގޮތަކަށް އަންނަ ކަމެއް" ނޫނެވެ. ކެލިފޯރނިއާ އިންސްޓިޓިއުޓް އޮފް ޓެކްނޮލޮޖީގެ ޖެޓް ޕްރޮޕަލްޝަން ލެބޯރޓަރީގައި މަސައްކަތް ކުރައްވާ ޑރ. ވާންގ ވިދާޅުވި ގޮތުގައި ވައި ތަޣައްޔަރު ވުމުގެ ސަބަބުން ވިލާތައް ބޯ ވެ، ބިޔަ ވެ، ވިލާތަކުން އަންނަ ވާރޭގެ މިންވަރު ވެސް ދަނީ މަތި ވަމުންނެވެ.

އޭޝިއާގެ ބައެއް ސަރަހައްދުތަކަކީ މުޅި ދުނިޔޭގައި ވެސް އެންމެ ބޮޑަށް ވައި ތަޣައްޔަރު ވެފައި ވާ ސަރަހައްދުތަކެވެ. އެގޮތުން ވިހަ ގޭސްތަކުގެ ސަބަބުން ޗައިނާގެ ވެރިރަށް ބެއިޖިންގްގެ ވައި ތަކުރާރުކޮށް އިންސާނީ ސިއްހަތަށް ނުރައްކާ ވާ މިންވަރަށް ގޯސް ވެ އެވެ. ހަމައެފަދައިން، އިންޑިއާގެ ވެރިރަށް ނިއު ދިއްލީ އަކީ ވެސް ތަކުރާރުކޮށް، ވޯރލްޑް ހެލްތު އޯރގަނައިޒޭޝަނުގެ މިންގަނޑުތަކަށް ވުރެ ވައިގެ ތަޣައްޔަރުކަން ބޮޑު ވާ ސަރަހައްދެކެވެ.

ވައި ނުސާފު ވުމުގެ ސަބަބުން މި ސަރަހައްދުތަކުގައި ދިރިއުޅޭ އެތައް މިލިއަން ބައެއްގެ ސިއްހަތު ބޮޑެތި ހިރާސްތަކަކަށް ހުރަހޮޅިފައި ވާ އިރު، ވައި ނުސާފު ވުމުގެ ނަތީޖާ މުޅި ދުނިޔޭގެ މޫސުމަށް ވެސް ކުރާ ކަން މިހާރު މި ވަނީ ކަށަވަރު ވެފައެވެ.

ވައި ނުސާފު ވެގެން މޫސުމަށް އަންނަ ބަދަލުތައް ދެނެގަތުމަށް ޓަކައި އެމެރިކާ އާއި ޗައިނާގެ ސައެންސްވެރީން ކުރެއްވި މަސައްކަތުގެ ތެރޭގައި، ކޮމްޕިއުޓަރު މޮޑެލްތަކެއްގެ ޒަރީޢާއިން ގިނަ ތަޖުރިބާތަކެއް ކުރައްވައިފައި ވެއެވެ. އެ ތަޖުރިބާތަކުން ދައްކާ ގޮތުގައި، ވައި ތަޣައްޔަރު ކުރާ މާއްދާތައް ދުނިޔޭގެ އުތުރު ފަޅިއަށް ދަތުރު ކޮށް، ވިލާތަކުގައި ހުންނަ ފެންތިކިތަކާ އެކު ވެއެވެ. ވިލާގެ ފަށަލަތައް ބޯ ވެ، އޭގެ ސާފުކަން ގެއްލިގެން ދިޔުމާ އެކު، މި ވިލާތަކުން އުފެދޭ ތޫފާންތައް ވަރުގަދަ ވެ، ނުރައްކާތެރި ވެއެވެ.

ޑރ. ވާންގ ވިދާޅުވި ގޮތުގައި ޕެސިފިކް ކަނޑުގެ ތޫފާންތަކަކީ މުޅި ދުނިޔޭގެ މޫސުމުގެ ނިޒާމަށް ވަރަށް ބޮޑަށް އަސަރު ފޯރުވާ ނިޒާމެކެވެ. އެހެންކަމުން، އެ ސަރަހައްދަށް އަންނަ މޫސުމީ ބަދަލުތަކުގެ ނަތީޖާ މުޅި ދުނިޔޭގެ ހުރިހާ ހިސާބަކުން ވެސް ފެންނާނެއެވެ.

"އަޅުގަނޑުމެންނަށް އިތުރަށް އެނގެމުން، އިތުރަށް ސާފު ވަމުން އަންނަ ހަގީގަތަކީ، ޖައްވު ތަޣައްޔަރު ވުމުގެ ސަބަބުން އެ ތަޣައްޔަރު ވާ ސަރަހައްދުތަކާއި، އޭގެ ބޭރު، ދުރު ސަރަހައްދުތަކުގެ މޫސުމަށް ވެސް ނޭދެވޭ ބޮޑެތި ބަދަލުތަކެއް އަންނަ ކަން." ޕީއެންއެސްއޭގެ ރިޕޯޓާ މެދު ބީބީސީގެ ނޫސްވެރީންނާ ވާހަކަ ދައްކަވަމުން ޔުނިވަރސިޓީ އޮފް ރެޑިންގގެ ޕްރޮފެސަރ އެލީ ހައިވުޑް ވިދާޅުވިއެވެ.


ޗައިނާގެ ވެރިރަށް ބެއިޖިންގގެ ޖައްވު، ވިހަ ދުމުން ތަޣައްޔަރު ވެފައި --
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު