ޔުކްރޭނުން އިދިކޮޅު ފަރާތްތަކާ ދެކޮޅަށް ފެށި އޮޕަރޭޝަނަށް އެމެރިކާ ތާއީދުކޮށްފި

ކިޔެވް (އެޕްރީލް 16) : ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވަމުންދާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކާ ދެކޮޅަށް ޔުކްރޭންގެ ސަލާމަތީ ބާރުތަކުން އިއްޔެފެށި އަސްކަރީ އޮޕަރޭޝަނަށް ތާއީދުކުރާކަން އެމެރިކާ ހާމަކޮށްފި އެވެ.

ވައިޓް ހައުސްއިން ބުނީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަމަޖެހުން ގާއިމްކޮށް ގާނޫނާއި ގަވައިދުން ބޭރުވެގެންއުޅޭ ފަރާތްތައް މައިތިރިކުރުމަށް ޓަކައި ޔުކްރޭނުގެ ސަލާމަތީ ބާރުތަކުން ހިންގަމުން ގެންދާ އޮޕަރޭޝަންތަކަށް އެމެރިކާ ސަރުކާރުގެ ފުރިހަމަ ތާއީދު އޮތް ކަމުގަ އެވެ. ޔުކްރޭންގައި ވެރިކަންކުރާ ހުޅަނގަށް ތާއީދުކުރާ ސަރުކާރުގެ ވަގުތީ ރައީސް އޮލިގްޒެންޑާ ތުރްޗިނޯވް އިއްޔެ ވިދާޅުވީ އެގައުމުގެ އިރުމަތީގެ ރަށެއްކަމަށްވާ ސޮލޮވިޔަންސިކް ގެ ބޮޑުބައެއް އަތްދަށުލައި އިތުރު ހަތަރު ރަށެއްގައިވާ ސަރުކާރުގެ އިމާރާތްތަކާއި ފުލުހުންގެ މަރުކަޒުތައް ހިސާރުކޮށްގެންއުޅޭ ހަތިޔާރުއެޅި ފަރާތްތަކާ ދެކޮޅަށް ޔުކްރޭންގެ ސަލާމަތީ ބާރުތަކުން "ޓެރަރިޒަމާ އިދިކޮޅު އޮޕަރޭޝަނެއް" ފަށާފައިވާ ކަމުގަ އެވެ.

ހަތިޔާރާ އެކު ކުރިޔަށް ގެންދާ މިއޮޕަރޭޝަންގެ ބޭނުމަކީ ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ވަކިވެގަތުމަށް މަސައްކަތްކުރާ ރަޝިޔާއަށް ތާއީދުކުރާ ހަތިޔާއެޅި ޖަމާއަތްތައް ހުއްޓުވައި އެމީހުންގެ ނުރައްކަލުން އެސަރަހައްދުތައް ސަލާމަތްކުރުން ކަމަށާ މިއޮޕަރޭޝަން ފެށީ ވަކިވެގަތުމުގެ ހަރަކާތްތައް އެންމެ ބޮޑަށް ހިނގަމުންދާ "ދޮނެތްސިކް" އިން ކަމަށްވެސް ތުރްޗިނޯވް ވިދާޅުވި އެވެ. ތުރްޗިނޯވް ވަނީ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހިންގަމުންގެންދާ ވަކިވެގަތުމުގެ ހަރަކާތްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ސިފަކުރައްވާފަ އެވެ. ޔުކްރޭން ސަރުކާރުން ފަށާފައިވާ މިއޮޕަރޭޝަން އަށް ތާއީދުކުރާކަން އެމެރިކާ ހާމަކޮށްފައިވާ އިރު ރައީސް ބަރަކް އޮބާމާ އިއްޔެވަނީ ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއާ ފޯނުން ގުޅުއްވައި ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ޔުކްރޭންގެ އިދިކޮޅު ފަރާތްތައް މައިތިރި ކުރުމަށް ޓަކައި ރަޝިޔާއަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުން ކުރުމަށް ޕޫޓިންގެ ކިބައިން އެދިވަޑައިގެންފަ އެވެ.

އަދި ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ވަކިވެގަތުމުގެ ހަރަކާތްތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ތުހުމަތު ކުރައްވައި ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަނުން ހުއްޓާނުލައިފި ނަމަ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައް އެމެރިކާއިން އަޅާނެ ކަމުގެ އިންޒާރުވެސް އޮބާމާ، ޕޫޓިންއަށް ދެއްވި ކަމަށް ވައިޓް ހައުސްއިން ބުނެފައިވެ އެވެ.

ޔުކްރޭންގެ ހަމަނުޖެހުންތަކުގެ ފަހަތުގައިވަނީ ރަޝިޔާ ކަމަށް އެމެރިކާއާއި ޔުކްރޭނުން ކުރާ ތުހުމަތުތަކަށް ރައީސް ވްލަޑިމޭރު ޕޫޓިން ވަނީ ދެކޮޅު ހައްދަވާފަ އެވެ. މިއާއެކު ޔުކްރޭން ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފިނަމަ އެގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ވެސް ރަޝިޔާ އިން ވަނީ ދީފައެވެ. ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި ހަރަކާތްތެރިވާ ރަޝިޔާއަށް ތާއީދުކުރާ ފަރާތްތައް ޔުކްރޭންގެ ސަރުކާރުގެ ކިބައިން އެދެމުންދަނީ އެމީހުންގެ ސަރަހައްދުތައް ރަޝިޔާގެ ދަށަށްދިޔުމާމެދު ރައްޔިތުން ދެކޭގޮތް ބެލުމަށްޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ. ނަމަވެސް ޔުކްރޭނުން ވަނީ ކަނޑައެޅިގެން މިކަމަށް ދެކޮޅު ހަދާފައެވެ. (ރޮއިޓާސް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު