ޖާސޫސީ އިދާރާގެ ވެރިޔާ، ބަންދަރު ބިން ސުލްތާން ކުއްލިއަކަށް އެ މަގާމުން ވަކިކޮށްފި

ރިޔާޟް (އެޕްރީލް 16): ސައޫދީ އަރަބިޔާގެ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމުގައި ހުންނެވި ބަންދަރު ބިން ސުލްތާން އެމަގާމުން ވަކިކޮށްފި އެވެ.

މިކަމާ ބެހޭ ގޮތުން ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނަކާ ހަވާލާދީ ސައޫދީ ނޫސްއެޖެންސީ ބުނެފައި ވަނީ ބަންދަރު ބިންސުލްތާން މަގާމުން ދުރުކުރުމަށް ސައޫދީ ރަސްގެފާނު އަބްދުﷲ ބިން އަބްދުލްއަޒީޒު ނިންމެވީ ބަންދަރުގެ އެދިވަޑައިގަތުމުގެ މަތިން ކަމުގަ އެވެ. ބަންދަރުގެ ބަދަލުގައި ސައޫދީ ޖާސޫސީ އިދާރާގެ ވެރިޔާގެ މަގާމަށް ރަސްގެފާނު އައްޔަން ކުރެއްވީ އެ އިދާރާގެ ވެރިޔާގެ ނައިބުގެ މަގާމުގައި ހުންނެވި ޔޫސުފް ބިން އަލީ އަލްއިދްރީސީ ކަމަށް ވެސް ސައޫދީ ރަސްކަމުގެ ދީވާނުން ނެރުނު ބަޔާނާ ހަވާލާދީ ސައޫދީ ނޫސްއެޖެންސީ ބުނެފައިވެ އެވެ.

ސައޫދީ ރަސްގެފާނު އަބްދުﷲ އަށް ބޮޑުބޭބެ ވިދާޅުވާ ބަންދަރު ބިން ސުލްތާނަކީ 2012 ވަނަ އަހަރު އަވަހާރަވި އެގައުމުގެ އޭރުގެ ވަލީއުލްއަހްދު ސުލްތާން ބިންއަބްދުލްއަޒީޒުގެ ދަރިކަލެކެވެ. ބަދަރަކީ ސައޫދީ ޝާހީ އާއިލާގައާއި ސައޫދީ ސަރުކާރުގައި ވަރަށް އިސް މަގާމުތަކެއް ފުރުއްވަމުން ގެންދެވި ވަރަށް ނުފޫޒުގަދަ ޝަޚްސިއްޔަތެކެވެ. އޭނާ ވަނީ އެމެރިކާގައި ހުންނަވާ ސައޫދީ ސަފީރުކަމުގެ މަގާމު 18 އަހަރުވަންދެން އަދާކުރައްވާފަ އެވެ. އަދި ސައޫދީ އަރަބިޔާއާއި އެމެރިކާއާ ދެމެދުގައިވާ ޚާއްސަ ގުޅުންތަކުގެ އިސް މޭސްތިރިއަކީ ވެސް ބަންދަރު ކަމަށް ސިފަކުރެވެ އެވެ.

ސޫރިޔާގެ ސަރުކާރު ވައްޓާލުމަށް މަސައްކަތްކުރާ ހަތިޔާރުއެޅި ޖަމާއަތްތަކަށް ސައޫދީ އަރަބިޔާއިން ދެމުންގެންދާ އެހީތަކާއި އެޖަމާއަތްތަކާއި ސައޫދީ ސަރުކާރާ ދެމެދު ބާއްވާ ގުޅުންތަކާއި ކުރެވޭ މުއާމަލާތްތައް ވިލަރެސްކުރާ އިސްވެރިއެއްގެ ގޮތުގައިވެސް ސައޫދީ ރަސްގެފާނު ހަމަޖައްސަވާފައިވާ ފަރާތަކީ ބަންދަރުބިން ސުލްތާނެވެ.

ސޫރިޔާގެ މައްސަލައިގެ ތެރެއަށް އެމެރިކާ ވެއްދުމަށް ބަންދަރު އިސްކޮށް ހުންނަވައިގެން ސައޫދީ އަރަބިޔާ އިން ކުރި މަސައްކަތްތައް ނާކާމިޔާބުވި ހިސާބުން ބަންދަރުވަނީ އެމެރިކާގެ ސިޔާސަތާމެދު މާޔޫސްވެވަޑައިގެންފައިވާ ކަމަށް ވިދާޅުވެ އެމެރިކާ އަށް ބަހުގެ ހަމަލާ ދެއްވައި އެމެރިކާއާ ދުރަށް ސައޫދީ އަރަބިޔާ ދާނެކަމުގެ އިންޒާރުތައް ދެއްވާފަ އެވެ. ބަންދަރު އިސްކޮށް ހުންނަވައިގެން ސައޫދީން މަސައްކަތްކުރީ އެމެރިކާ ލައްވައި ސޫރިޔާ އަށް ބޮން އަޅައި ރައީސް ބައްޝާރުލްއަސަދުގެ ސަރުކާރު ވައްޓާލުމަށެވެ. ނަމަވެސް ބައްޝާރުގެ ވެރިކަން ވައްޓާލުމަށްޓަކައި އަސްކަރީ ބާރުގެ ބޭނުންކުރުމަށް އެމެރިކާ ފަސްޖެހުމުން ސައޫދީ އަރަބިޔާއާއި އެމެރިކާގެ ގުޅުންތަކަށް ހީނަރުކަމެއް އަ އެވެ.
މީގެ އިތުރުން އީރާނުގެ ނިއުކްލިޔާ މަރުކަޒުތަކަށް އިސްވެ ހަމަލާދިނުމަށް އެމެރިކާ ގެންގުޅުނު ސިޔާސަތުތަކަށް ބަދަލުއައިސް އޮބާމާގެ ދެވަނަ ދައުރުގައި އެމެރިކާ އިން އީރާނާއެކު ސުލްޙައިގެ ވާހަކަތައް ފަށައި ނިއުކްލިޔާ މައްސަލާގައި އީރާނާއެކު ވަގުތީ އެއްބަސްވުމަކަށް އައިސް އީރާނާ ދެކޮޅަށް ޒަމާނުއްސުރެ އަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތަކަށް ލުއިދިނުމަށް އެމެރިކާ ނިންމި ނިންމުމަކީ ވެސް ސައޫދީ އަރަބިޔާގެ ނުރުހުން އެމެރިކާއަށް އަމާޒުވެގެން ދިޔަކަމެވެ.

މިމައްސަލާގައި ވެސް ބަންދަރުވަނީ އެމެރިކާއަށް ބަހުގެ ހަމަލާ ދެއްވައި ވާހަކަ ދައްކަވާފަ އެވެ. އީރާނުގެ މައްސަލާގައި ސައޫދީންނަށް އިހްސާސް ވެގެންދިޔައީ މެދުއިރުމަތީގައި ސައޫދީ އަރަބިޔާއަށް ވުރެ އެމެރިކާ އަށް އީރާން މުހިއްމު ކަމުގެ އިހްސާސް ކަމަށް ތަހްލީލީ ބައެއް ރިޕޯޓްތައް ބުނެއެވެ. ޚާއްސަކޮށް އީރާނުގެ އަސްކަރީ ބާރާއި ނިއުކްލިޔާ ޓެކްނޮލޮޖީއާ އެކު އެގައުމުގެ ނުފޫޒު އިރާގާއި ސޫރިޔާއާއި ލުބްނާނާއި ސޫދާނުގައި އާދަޔާ ޚިލާފަށް ވަރުގަދަވެފައި ޙަމާސްފަދަ ފަލަސްތީނުގެ މިނިވަންކަމަށް ޖިހާދުކުރާ ޖަމާއަތްތައްވެސް އީރާނާއެކު ބާއްވަމުން ގެންދާ ބަދަހިގުޅުންތަކުގެ ސަބަބުން ސައޫދީ އަރަބިޔާއަށް ވުރެ އީރާނުގެ މުހިއްމުކަން އެމެރިކާއަށް ބޮޑު ކަމަށް މުހައްލިލުން ދެކެ އެވެ.

ރިޕޯޓްތައް ބުނާގޮތުން މިއަހަރުގެ ކުރީކޮޅުން ފެށިގެން ބަންދަރު އުޅުއްވަނީ ބޮޑު އާލާސްކަންފުޅެއްގަ އެވެ. ނަމަވެސް މަގާމުން ވަކިކޮށް ދެއްވުމަށް ސައޫދީ ރަސްގެފާނު އަރިހުން ބަންދަރު އެދިވަޑައިގަތީ އާލާސްކަންފުޅުގެ ސަބަބުންކަން ނުވަތަ ނޫންކަން އެނގިފައެއް ނުވެ އެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު