ޖަޕާނާއެކު ބޭއްވި ރަސްމީ ވާހަކަތައް ކާމިޔާބު: ރައީސް

ދިވެހިރާއްޖެ އާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި ބޭއްވެވި ރަސްމީ ވާހަކަފުޅުތައް ވަރަށް ކާމިޔާބު ކަމަށް ‏ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލްގައްޔޫމް‏ ވިދާޅުވެއްޖެ އެވެ.

ރައީސް އެގޮތަށް ވިދާޅުވީ ޖަޕާނުގެ ބޮޑުވަޒީރު ޝިންޒޯ އަބޭ އާއި އެކު މިރޭ އިރާކޮޅު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގެ ތަފްސީލު މީޑިއާއާ ހިއްސާ ކުރައްވައި ވާހަކަފުޅު ދައްކަވަމުންނެވެ.

ރަސްމީ ވާހަކަފުޅުތަކުގައި މައިގަނޑު ގޮތެއްގައި ދެއްކެވި ވާހަކަފުޅުތަކުގެ މައްޗަށް ރައީސް ބައްލަވާލައްވަމުން، ދިވެހިރާއްޖެ އާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި ޒަމާނުއްސުރެ އުފެދިފައި އޮތީ ވަރަށް ގާތް ރަޙްމަތްތެރި ގުޅުމެއްކަން ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ. އަދި ދެ ގައުމުގެ ދެމެދުގައި ތަފާތު ދާއިރާތަކުގައި ގުޅުން އިތުރަށް ބަދަހިކުރެއްވުމާ ގުޅޭގޮތުން ވެސް ވަރަށް ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރެއްވި ކަމުގައި ރައީސް ވިދާޅުވި އެވެ.

އެގޮތުން ތިމާވެށްޓާއި މޫސުމަށް އަންނަ ބަދަލުތަކާއި ސާފު ހަކަތަ އާއި ފަތުރުވެރިކަމާއި މުވާސަލާތާއި އިންސާނީ ވަސީލަތްތައް ތަރައްގީކުރުމާއި ކަނޑުގެ ސަލާމަތާއި ރައްކާތެރިކަމާ ގުޅޭގޮތުން މަޝްވަރާ ކުރެއްވި ކަމަށް ރައީސް ވިދާޅުވި އެވެ.

ރައީސްގެ ވާހަކަފުޅުގައި މީގެ 10 އަހަރު ކުރިން ރާއްޖެއަށް ކުރިމަތިވި ސުނާމީ ކާރިސާގައި ޖަޕާނު ސަރުކާރުން ރާއްޖެއަށް ވެދެއްވި ދީލަތި އެހީ ހާއްސަ ގޮތެއްގައި ފާހަގަކުރެއްވި އެވެ. އަދި ސުނާމީ ކާރިސާއިން އަރައިގަތުމަށް ރާއްޖެއިން ކުރަމުން ގެންދިޔަ މަސައްކަތުގައި ޖަޕާނު ސަރުކާރުގެ ފަރާތުން ލިބިވަޑައިގެންނެވި ފުރިހަމަ އެއްބާރުލެއްވުމަށްޓަކައި ޖަޕާނު ސަރުކާރަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފަ އެވެ.

ރަސްމީ މަޝްވަރާތަކުގައި ޖަޕާނުގެ ބޮޑުވަޒީރު ވަނީ މިނިވަންކަމާއި ޑިމޮކްރަސީ ހަރުދަނާ ކުރުމުގައި ރާއްޖެ އާއި ޖަޕާނުން ގެންގުޅެނީ ވަރަށް އެއްގޮތް ވިސްނުމެއްކަން ފާހަގަކުރައްވާފަ އެވެ. އަދި ސަރަޙައްދީ، ބައިނަލްއަގްވާމީ އެކިއެކި މައްސަލަތައް ހައްލުކުރުމުގައި ދެ ގައުމުން ވެސް އެއްބާރުލުން ދިނުމަށް ވެސް މިއަދު ބޭއްވެވި ރަސްމީ ވާހަކަފުޅުތަކުގައި އެއްބަސްވެފައިވާ ކަމުގައި ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

މީގެ އިތުރުން މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުރާ ނޭދެވޭ އަސަރާ ދެކޮޅަށް ކުރާ މަސައްކަތުގައި ދެގައުމުގެ ސަރުކާރުން ވެސް ގުޅިގެން މަސައްކަތްތަކެއް ކުރެއްވުމަށް ނިންމަވާފައިވާ ކަމަށްވެސް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ. އަދި ރާއްޖެއާއި ޖަޕާނާ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ހަރުދަނާ ކުރެއްވުމަށް ރައީސް ޔާމީންގެ މި ދަތުރުފުޅުގެ އަލީގައި މަސައްކަތް ކުރައްވަމުން ގެންދަވާނެ ކަމުގައިވެސް ޖަޕާނުގެ ބޮޑުވަޒީރު ވިދާޅުވި އެވެ.

ރަސްމީ ވާހަކަފުޅުތަކަށްފަހު، ދެ ޤައުމުން ނެރުނު ޖޮއިންޓް ސްޓޭޓްމަންޓުގައި ރައީސުލްޖުމްހޫރިއްޔާއާއި ޖަޕާނުގެ ބޮޑުވަޒީރު ސޮއި ކުރެއްވި އެވެ.

އެއަށްފަހު ދެ ގައުމުގެ ދެމެދުގައި ހަދިޔާ ބަދަލުކުރުމުގެ ގޮތުން ރާއްޖޭގެ ގައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ އެއްވަނީ ޖަޕާނުގެ ބޮޑުވަޒީރަށް އެރުވާފަ އެވެ. އަދި ޖަޕާނުގެ ޤައުމީ ފުޓްބޯޅަ ޓީމުގެ ޖާޒީ އެއް ޖަޕާނުގެ ބޮޑުވަޒީރު ވަނީ ރައީސް އަރުވާފަ އެވެ.

މީގެ އިތުރުން، ޖަޕާނު ފުޓްބޯޅަ އެސޯސިއޭޝަނުން ރާއްޖެއަށް ހަދިޔާކުރި 100 ފުޓްބޯޅަ ވެސް ވަނީ މިއަދު ބޭއްވި ރަސްމީ މަޝްވަރާތަކުގައި ރަމްޒީ ގޮތުން ރައީސުް އަށް ހަވާލުކުރައްވާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު