"ދިއްލޭ ބޯޑު" ޖަހައިގެން ޓެކްސީ ކުރަން ފަށައިފި

ޓްރާންސްޕޯޓް މިނިސްޓްރީން އެކުލަވާލާފައިވާ ޓެކްސީ ދުއްވުމާ ބެހޭ އައު ގަވައިދުގެ ދަށުން ޓެކްސީތަކުގައި ހަރުކުރަންޖެހޭ "ދިއްލޭ ބޯޑު" ހަރުކޮށްގެން ޓެކްސީއަކުން މާލޭގައި ދަތުރު ކުރަން ފަށައިފި އެވެ.

ފުރަތަމަ ފަހަރަށް ދިއްލޭ ބޯޑު ޖަހައިގެން ދަތުރުކުރަން ފަށާފައި ވަނީ ސިޓީ ކެބް (3321313) ސެންޓަރުގެ ޓެކްސީއަކުންނެވެ. ދިއްލޭ ބޯޑު ހަރުކުރި އެ ޓެކްސީގައި ފުރަތަމަ ފަހަރަށް ދަތުރު ކުރައްވާފައި ވަނީ ޓްރާސްޕޯޓް މިނިސްޓަރު އަމީން އިބްރާހިމެވެ. މިނިސްޓަރު އަމީން ޓެކްސީގައި ވަޑައިގެންނެވީ ވީޓީވީއިން ޖުމްހޫރީ ޕާޓީގެ މައި ޖަގަހަ ހިންގާ މ. ކުނޫޒަށެވެ.

ދިއްލޭ ބޯޑު ޖެހި ޓެކްސީއެއް: މާލޭގެ ގަރާޖަކުން ހެދި ދިއްލޭ ބޯޑު ފުރަތަމަ ބޭނުން ކުރަން ފެށީ ސިޓީ ކެބް ޓެކްސީ ސެންޓަރުގެ ކާރަކުން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދިއްލޭ ބޯޑު ހަރުކުރި ޓެކްސީ ދުއްވަން މިރޭ އިން ޑުރައިވަރު، ލ. މައިބައިދޫ އަހްމަދު އާދަމް "ސަން"އަށް ބުނީ އެ ޓެކްސީ ބޯޑު ހަރުކުރީ މިރޭ 9:00 ހާއިރު ކަމަށެވެ. އަދި އެ ބޯޑު ހަދައިދިނީ މާލޭގެ ގަރާޖަކުން ކަމަށާއި ދިއްލޭ ބޯޑުއިނީ "ހަރު ދަނގަޑު އަރާފައި" ކަމަށް ވެސް އޭނާ ބުންޏެވެ.

އާދަމް ބުނީ އެ ބޯޑު ޖެހުމުން ވަރަށް ގިނަ މީހުުންގެ ސަމާލުކަން އެ ކަމަށް ހުއްޓޭ ކަމަށެވެ. އަދި ދިއްލޭ ބޯޑު ޓެކްސީތަކުގައި ހަރުކުރުމުގެ ސަބަބުން ޓެކްސީ ހޯދާ މީހުންނަށް އެ ޓެކްސީ އުޅެނީ ދަތުރެއްގަތޯ ނޫނީ ނޫންތޯ އެނގި އެ މީހުންނަށް ވެސް ފަސޭހަތަކެއް ވެގެންދާނެ ކަމަށް އޭނާ ބުންޏެވެ.

"ދިއްލޭ ބޯޑު ހަރުކުރުމުން އަތް ނެގުން ހުއްޓޭނެ. ނަމަވެސް ދުވަސް ކޮޅެއް ނަގާނެ. މިކަމަށް ތޮރުފާކަށް ވެސް ނުޖެހޭ. މިހާރުވެސް ސިލިކޯނުން ހަރުކޮށްފަ މިހުރީ. ހަމަ ހަރު ދަނގަޑު،" ޒުވާން ޓެކްްސީ ޑްރައިވަރު ބުންޏެވެ.
ދިއްލޭ ބޯޑު ޖެހި ޓެކްސީއަކުން މީހަކު ފައިބަނީ: މާލޭގެ ގަރާޖަކުން ހެދި ދިއްލޭ ބޯޑު ފުރަތަމަ ބޭނުން ކުރަން ފެށީ ސިޓީ ކެބް ޓެކްސީ ސެންޓަރުގެ ކާރަކުން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ދިއްލޭ ބޯޑު ކޮންޓްރޯލް ކުރަނީ ޑްރައިވަރެވެ. އެގޮތުން ހުދު ކުލައިގެ ބޯޑެއްގައި "TAXI" ޖަހާފައި ހުންނަ އެ ބޯޑު ދަތުރެއްގައި އުޅޭއިރު ދިއްލިފައި ހުންނަނީ ރަތް ކުލައިންނެވެ. އަދި ދަތުރެއްގައި ނޫޅޭނަމަ އެ ބޯޑު ދިއްލިފައި ހުންނަނީ ފެހިކުލައިންނެވެ. އެއްވެސް ދަތުރެއް ބޭނުން ނުވާނަމަ ބޯޑު ނިންވާލާފަ ވެސް ބެހެއްޓެ އެވެ.

ދިއްލޭ ބޯޑު ޓެކްސީ ތަކުގައި ހަރު ކުރުމުގެ ސުންގަނޑި ހަމަވާނީ އަންނަ މަހުގެ 15 އަށެވެ.

ދަތުރަކަށް ހުސްވާތީ ޓެކްސީއެއްގެ "ދިއްލޭ ބޯޑު" ފެހި ވެފައި: ދިއްލޭ ބޯޑު ހަރު ކުރުމުގެ ސުންގަޑި ހަމަވާނީ އަންމަ މަހުގެ 15 އަށް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން : މާލޭގެ ގަރާޖަކުން ހެދި ދިއްލޭ ބޯޑު ފުރަތަމަ ބޭނުން ކުރަން ފެށީ ސިޓީ ކެބް ޓެކްސީ ސެންޓަރުގެ ކާރަކުން-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު