ނުރައްކާތެރި ޖަނަވާރު ނައްތާލީ ޓެކްނިކަލް ލަފައެއް ނެތި: މިނިސްޓްރީ

ރާއްޖެ އެތެރެ ކުރުން މަނާ ޖަނަވާރުތަކެއް ކަމަށް ބުނެ، މާލެ ތެރޭ ގެންގުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތައް އެމްއެންޑީއެފުން ނައްތާލީ އެގްރިކަލްޗާ މިނިސްޓްރީ އެއްވެސް ޓެކްނިކަލް ލަފައެއް ލިބިގެން ނޫން ކަމަށް އެ މިނިސްޓްރީން ބުނެފި އެވެ.

ފުލުހުން ހޯދި ނުރައްކާތެރި ޖަނަވާރުތައް ނައްތާލުމާއި ގުޅިގެން އާންމުންގެ ޝަކުވާތައް ލިބެމުންދާތީ، އެ މިނިސްޓްރީން މިއަދު ނެރެނު ކުރު ނޫސް ބަޔާނެއްގައި ބުނެފައި ވަނީ، ރާއްޖެއަށް ގަވާއިދާ ހިލާފަށް އެތެރެކޮށްފައިވާ ދިރޭ ޖަނަވާރު އަތުލައިގަތުމަށް މިމަހުގެ 12 ވަނަ ދުވަހު ހިންގި އޮޕަރޭޝަންގައި އެ މިނިސްޓްރީން ބައިވެރިވެ، ޓެކްނިކަލް އެހީތެރިކަން ފޯރުކޮށްދީފައިވާނެ ކަމަށެވެ.

ނަމަވެސް އެ ތަކެތި އެމްއެންޑީއެފް އިން ނައްތާލާފައި ވަނީ އެ މިނިސްޓްރީގެ އެއްވެސް ޓެކްނިކަލް ލަފައެއް ލިބިގެން ނޫން ކަމަށް ވެސް އެ ބަޔާނުގައިވެ އެވެ.

އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ކެޕްޓަން އަލީ އިހުސާން މިއަދު ސަން އަށް ވިދާޅުވީ، ރާއްޖެ ގާނޫނާއި ހިލާފަށް އެތެރެކުރާ އެއްވެސް އެއްޗެއް އުސޫލުގެ މަތިން ހަވާލުކުރުމަށް ހަމަޖެހިފައި ވަނީ ޑިފެންސް މިނިސްޓްރީއަށް ކަމަށެވެ. އަދި އޮންނަ އުސޫލެއްގެ މަތިން އެ އެއްޗަކާއި މެދު ފިޔަވަޅު އަޅާނީ ވެސް އެ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

ފުލުހުން ހޯދި ނުރައްކާތެރި ޖަނަވާރުތައް އެމްއެންޑީއެފް އިން ނައްތާލުމާއި ގުޅިގެން އާއްމުންގެ މަދު އަދަދެއްގެ ބަޔަކު ވަނީ، ކުޑަކުދިންގެ ބަގީޗާގެ ތެރޭގައި ވެސް ނުރައްކާތެރި ޖަނަވާރު ގެންގުޅޭ ކަމަށް ބުނެ އެތަނުގައި ތަޅު އަޅުވާފަ އެވެ.

ފުލުހުން ކުރިން ބުނެފައިވަނީ، މާލެތެރޭ ނުރައްކާތެރި ޖަނަވާރުތައް ގެންގުޅެތީ ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތަކުގެ ތެރޭ 11 އިގުއާނާއި ހަރުފައަކާއި ފައިދިގު މަކުނަކާއި ޝުގާ ގްލިޑާ އަކާއި ބަކަމޫނަކާއި މުގޮށިމީދަލަކާއި 105 މީދާ ހިމެނޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު