ފޮޓޯ ގޮޅީގެ މައްސަލައިގައި ދިއެފްއެމް ޕްލަސްއަށް ކޮމިޝަނުން އިންޒާރުދީިފި

"ދިއެފްއެމް ޕްލަސް"ގެ ފޮޓޯ ގޮޅީގައި އިލެކްޝަންސް ކޮމިޝަންގެ މެމްބަރުންތަކެއްގެ ފޮޓޯ އެކޮޅުކޮޅުން ޖަހައިގެން، އެފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު މޯލްޑިވްސް ބްރޯޑްކާސްޓްން ކޮމިޝަނުން ދީފި އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން ދިއެފްއެމް ޕްލަސް ހިންގަމުން އަންނަ މޯލްޑިވްސް މީޑިއާ ކޮމްޕެނީއަށް އެޑްރެސްކޮށް ފޮނުވި ސިޓީއެއްގައި ބުނެފައިވަނީ އެ ސްޓޭޝަނުން ފެބްރުއަރީ 23،24 އަދި 25 ގައި ގެނެސްދިން ކޮންޓެންޓެއްގައި އިލެކްޝަންސް ކޮމިޝަންގެ ތިން މެމްބަރެއްގެ ފޮޓޯ އެކޮޅުކޮޅުން ގެނެސްދީފައިވާ ކަމަށެވެ. އަދި އެ މައްސަލަ އެކޮމިޝަނުން ބެލިއިރު އެކަންތައް އެ ސްޓޭޝަނުން ކޮށްފައިވަނީ އެ މެމްބަރުންގެ އިއްޒަތާއި ގަދަރަށް އުނިކަން އަންނަ ފަދަ ގޮތަކަށް ކަމަށް ވެސް އެކޮމިޝަނުން ވަނީ ބުނެފަ އެވެ.

ދިއެފްއެމް ޕްލަސްގެ އެ އަމަލަކީ ބްރޯޑްކާސްޓްކުރުމުގެ ކޯޑް އޮފް ޕްރެކްޓިސްގެ ތިން ވަނަ ހަމައިގެ (1) އާ ހިލާފު ކަމެއް ކަމުގައި ކުރިން ވެސް ނިންމާފައިވާއިރު އެކަން ކަމަށް އެއްވެސް އިސްލާހެއް އައިސްފައިނުވާ ކަމަށާއި އެކަންކަން އެ ސްޓޭޝަނުން ތަކުރާރުކުރަމުން ގެންދާކަން ފާހަގަކޮށް އެފަދަ ކަމެއް ދެން ތަކުރާރުކޮށްފިނަމަ ހަރުކަށި ފިޔަވަޅު އަޅަންޖެހިދާނެ ކަމުގެ އިންޒާރު އެކޮމިޝަނުން ވަނީ ދީފަ އެވެ.

ބްރޯޑްކާސްޓިން ކޮމިޝަނުން މީގެކުރިން ވެސް ވަނީ ދިއެފްއެމް ޕްލަސްއިން އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައިސް ފުއާދު ތައުފީގުގެ ފޮޓޯ އެކޮޅުކޮޅުން ދެއްކި މައްސަލައަކާ ގުޅިގެން އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅައިފަ އެވެ. އެގޮތުން އެ ސްޓޭޝަނުން އެކަމަށް މައާފަށް އެދުމަށް އެ ކޮމިޝަނުން ދިއެފްޕްލަސް އަށް މިދިޔަ މަހު ވެސް ވަނީ އަންގައިފަ އެވެ.

ދިއެމްއެމް ޕްލަސްގެ ފޮޓޯ ގޮޅިއަށް މިދިޔަ އަހަރުގެ ސެޕްޓެމްބަރު މަހުގައި ވެސް ބައެއް ބޭފުޅުންގެ ފޮޓޯ އެރުވި މައްސަލައަކާ ގުޅިގެން ބްރޯޑްކާސްޓިން ކޮމިޝަނުން ވަނީ އެ ސްޓޭޝަނާ މެދު ފިޔަވަޅު އަޅައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު