ފޭދޫ ދާއިރާ އިންތިހާބުގެ މައްސަލަ ހައި ކޯޓުގެ ބެންޗުން ބަލައިގެންފި

މިދިޔަ މަހު ބޭއްވި ރައްޔިތުން މަޖިލިސް އިންތިހާބުގެ ފޭދޫ ދާއިރާ ނަތީޖާ ބާތިލް ކުރަން ހައިކޯޓަށް ހުށަހެޅި މައްސަލަ އެ ކޯޓުގެ ރަޖިސްޓްރާ ބަލައިނުގަނެ ބޭރު ކޮށްލާފައިވަނިކޮށް އެ ކޯޓުގެ ފަނޑިޔާރުންގެ ބެންޗުން އެ މައްސަލަ ބަލައިގަތުމަށް ނިންމައިފި އެވެ.

ފޭދޫ ދާއިރާގެ އިންތިހާބު ބާތިލް ކުރުމަށް ހައިކޯޓަށް ހުށަހެޅީ އެ ދާއިރާއަށް އެމްޑީޕީގެ ޓިކެޓްގައި ވާދަކުރެއްވި މުހައްމަދު ނިހާދެވެ. އަދި އެ މައްސަލަ ހައިކޯޓަށް ބަލައިގަތީ، ކުރިން އެ މައްސަލަ ބަލައި ނުގަތުމަށް ހައިކޯޓުގެ ރެޖިސްޓްރާ ނިންމެވި ނިންމެވުން އަލުން ބަލައި ދިނުމަށް ކޯޓުގެ ފަނޑިޔާރުންގެ ބެންޗަށް ހުށަހެޅުމުންނެވެ.

ހައިކޯޓުން ބުނީ ފޭދޫ ދާއިރާގެ މައްސަލަ ކޯޓަށް ބަލައިގަތުމަށް ނިންމީ އެ މައްސަލަ ބެއްލެވި ހައިކޯޓުގެ ފަނޑިޔާރުންގެ އަޣްލަބިއްޔަތުން ކަމަށެވެ.

ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅިގެން ހައި ކޯޓަށް މައްސަލަ ހުށަހެޅުމުގެ ވަގުތު ރޭގެ ނިޔަލަށް ހަމަވިއިރު މުޅި ޖުމްލަ 16 ދާއިރާގެ މައްސަލަ ވަނީ ހުށަހަޅާފަ އެވެ. އަދި އޭގެ ތެރެއިން ބައެއް ދާއިރާތަކުގެ މައްސަލައިގެ އަޑުއެހުންތައް ހައިކޯޓުން ވަނީ ނިންމާލާފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު