ޓްރާންސް ޖެންޑާ މީހުންނަކީ ތިންވަނަ ޖިންސެއް ކަމަށް އިންޑިޔާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފި

ޓްރާންސް ޖެންޑާ މީހުން، ނުވަތަ އަންހެން އަދި ފިރިހެން ޖިންސަށް ނުފެތޭ މީހުންނަކީ ތިންވަނަ ޖިންސުގެ މީހުން ކަމުގައި އިންޑިއާގެ ސުޕްރީމް ކޯޓުން ކަނޑައަޅައިފިއެވެ.

އިންޑިއާގެ ސުޕްރީމް ކޯޓުން މިހެން ކަނޑައެޅީ ދާދި ފަހުން ކުރި ހުކުމެއްގައެވެ. އަދި އިންޑިޔާގައި ދިރިއުޅޭ އެހެން މައިނޯރިޓީ ގްރޫޕް ތަކެކޭ އެއްގޮތަށް، ވަޒީފާ އާއި ތައުލީމުގެ ފުރުސަތު ތަކުގައި މަދުވެގެން ވަކި މިންވަރަކަށް ޓްރާންސް ޖެންޑާ މީހުން ބައިވެރި ކުރުވަން ޖެހޭނޭ ކަމަށް ވެސް އިންޑިޔާގެ ސުޕްރީމް ކޯޓުން ވަނީ ސަރުކާރަށް އަމުރުކޮށްފައެވެ.

ތަފާސް ހިސާބުތަކުންލަފާ ކުރާ ގޮތުގައި އިންޑިޔާގައި ދެ މިލިއަނެއްހާ ޓްރާންސް ޖެންޑާ މީހުން ދިރިއުޅެއެވެ.

“ޓްރާންސްޖެންޑާ އެއީ ތިންވަނަ ޖިންސު ކަމަށް ބަލައިގަތުން މިއީ އިޖްތިމާއީ ކަމެއް ނޫން. މިއީ ސިއްހީ ކަމެއް ވެސް ނޫން. މިއީ އިންސާނީ ހައްގުތަކާ ގުޅުން ހުރި ކަމެއް،” އިންޑިއާގެ ސުޕްރީމްކޯޓްގެ ފަނޑިޔާރެއް ކަމަށްވާ ކޭ އެސް ރާދަކްރިޝްނަން ބުންޏެވެ. ފަނޑިޔާރު ރާޖަކްރިޝްނަން އަކީ ތިންވަނަ ޖިންސުބަލައިގަނެ ހުކުމް އިއްވި ބެންޗުގެ ފަނޑިޔާރެކެވެ.

“ޓްރާންސްޖެންޑާ މީހުންނަކީ ވެސް އިންޑިއާގެ ރައްޔިތުން. އެމީހުންނަށް ވެސް ކުރިއެރުމަށް ޓަކައި ހަމަހަމަ ފުރުސަތުތައް ދޭން ޖެހޭ،” އިންޑިއާގެ ސުޕްރީމް ކޯޓުން ބުންޏެވެ.

“ގާނޫނު އަސާސީގެ ރޫހަކީ، ދަރަޖައަކަށް، ދީނަކަށް، އަދި ޖިންސަކަށް ނުބަލައި، ކޮންމެ ރައްޔިތަކު ވެސް ކުރިއެރުމަށާއި، އެމީހަކަށް ދެވެން އޮންނަ އެންމެ ކުރިއަކަށް ދިއުމަށް ހަމަހަމައަށް ފުރުސަތުތައް ހޯދައިދިނުން.” އިންޑިއާގެ ސުޕްރީމް ކޯޓުން ބުންޏެވެ.

މި މައްސަލަ ކޯޓަށް ވެއްދި އެއް ފަރާތް ކަމަށްވާ އިންޑިއާގެ ނޭޝަނަލް ލީގަލް ސާވިސް އޮތޯރިޓީގެ ގާނޫނީ ވަކީލު އަނީތާ ޝެނޯއީ ވަނީ ސުޕްރީމް ކޯޓުގެ މި ނިންމުމާ މެދު އުފާ ކުރާ ކަމަށް ބުނެފައެވެ.

“މި ކޯޓް އަމުރުގެ ސަބަބުން ތިންވަނަ ޖެންޑާގެ މީހުންނަށް ގާނޫނީ ހިމާޔަތް ލިބޭނެ. އެމީހުންނަށް ހޮސްޕިޓަލުތަކުގައި ވަކިން ވޯޑުތައް ހަދައި ، ވަކިން ފާހާނާ ކުރެވޭނެ ނިޒާމު ހަމަޖައްސައިދޭން ޖެހޭނެ ކަމަށް ފަނޑިޔާރުން ވަނީ ސަރުކާރުގައި ބުނެފައި،” އަނީތާ ޝެނޯއީ ބުންޏެވެ.

މި މައްސަލައިގައި ވަކާލާތު ކުރި އެހެން ފަރާތެއް ކަމަށްވާ، ޓްރާންސްޖެންޑާ މީހުންގެ ހައްގުތަކަށް މަސައްކަތްކުރާ މަޝްހޫރު އެކްޓިވިސްޓް ލަކްސްމީ ނަރަޔަން ޓްރީޕާތީ ވެސް ވަނީ ސުޕްރީމްކޯޓުގެ މި ނިންމުމަށް މަރުހަބާ ކިޔާފައެވެ. އޭނާ ބުނިގޮތުގައި އިންޑިއާގެ ޓްރާންސްޖެންޑާ މީހުން ބިކަ ހާލުގައި އުޅޭތާ ގިނަ ދުވަސްތަކެއް ވެއްޖެއެވެ. އަދި ކުރީޒަމާނުގެ ގޮތްތައް ވަރުގަދައަށް ގަބޫލުކުރާ ގިނަ ބަޔަކު ދިރިއުޅޭ އިންޑިއާގައި ޓްރާންސްޖެންޑާ މީހުންނަކީ ގިނައިން ތަފާތުކުރުންތަކާ ކުރިމަތިލާން ޖެހޭ ބައެއްކަމުގައި ލަކްޝްމީ ބުންޏެވެ.

“ފުރަތަމަ ފަހަރަށް މިއަދު، އަހަރެން މިއީ އިންޑިއާ މީހަކަށް ވީތީ ފަހުރުވެރި ވަން،” ސުޕްރީމްކޯޓުގެ ބޭރުގައި ހުރެ މީޑިއާ އާ ވާހަކަދައްކަމުން ލަކްޝްމީ ބުންޏެވެ.

ހައްގުތަކަށް ގޮވާލާ ގްރޫޕްތަކުން ބުނާގޮތުގައި އިންޑިއާގައި ޓްރާންސް ޖެންޑާ މީހުން އުޅެނީ ފަގީރުކަން މަތީ، މުޖުތަމައުއިން އެކަހެރިވެފައިވާ ބައެއްގެ ގޮތުގައެވެ. އަދި ދިރިއުޅުމަށްޓަކައި އެ މީހުންނަށް ވަނީ ފިރިހެން، ނުވަތަ އަންހެނުން ކުރެ ކޮންމެވެސް އެއް ޖިންސެއް ހިޔާރު ކުރަން މަޖުބޫރު ވެފައެވެ.

ގިނަ ޓްރާންސް ޖެންޑާ މީހުން އާމްދަނީ ހޯދަނީ ލަވަކިޔައިގެންނާއި، ނަށައިގެންނާއި، ސަލާން ޖަހައިގެންނާއި ހަށިވިއްކައިގެންނެވެ. ޓްރާންސްޖެންޑާ މީހުންނާ މެދު ތަފާތުކުރުންތައް ގެންގުޅެ، އެފަދަ މީހުންނަށް ހޮސްޕިޓަލުތަކުން ފަރުވާދޭން އިންކާރުކުރުން އެއީ އިންޑިއާގައި އާއްމު މަންޒަރެކަމަށް ހައްގުތަކަށް ގޮވާލާ ފަރާތްތަކުން ބެނެއެވެ.

2009 ވަނަ އަހަރު އިންޑިއާގެ އިލެކްޝަންސް ކޮމިޝަނުން ވަނީ ވޯޓުލާން ދާ މީހާގެ ޖިންސު ޖަހަން އޮންނަ ތާންގައި “އެހެނިހެން” ކިއުނު ދާއިރާއެއް ހިމަނާފައެވެ.

އިންޑިއާ އެކޭ އެއްފަދައިން ނޭޕާލުން ވަނީ 2007 ވަނަ އަހަރު ޓްރާންސް ޖެންޑާ އަކީ ތިންވަނަ ޖިންސު ކަމުގައި ބަލައިގަނެފައެވެ. އަދި މިދިޔަ އަހަރު ބަންގްލަދޭޝްގައި ވެސް ވަނީ ޓްރާންސް ޖެންޑާ މީހުން ބަލައިގަނެފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު