ނުރައްކާތެރި ޖަނާވަރު ގެންގުޅޭ ކަމަށް ބުނެ ކުޑަކުދިންގެ ބަގީޗާގައި ތަޅުއަޅުވައިފި

ނުރައްކާތެރި ޖަނަވާރު ގެންގުޅޭ ކަމަށް ބުނެ މާލޭގައި ހުންނަ "ކުޑަކުދިންގެ ބަގީޗާ"ގައި ބަޔަކު ނުކުމެ ތަޅުއަޅުވައިފި އެވެ. އެމްއެންޑީއެފުން ވަނީ އެކަން ޔަގީންކޮށްދީފަ އެވެ.

ބަގީޗާ ކުރިމަތީގައި އިހްތިޖާޖު ކުރަމުންދާ މަދުއަދަދެއްގެ ބަޔަކު ގެންގުޅު ބޯޑުތަކެއްގައި ލިޔެފައި ވަނީ، ގާނޫނާ ގަވާއިދާ ހިލާފަށް ޖަނަވާރު މެރުން ހުއްޓައި ލުމަށާއި، ބަގީޗާ ތެރޭގައި ހުރި ބައެއް ޖަނަވާރު ތަކަކީ، ނުރައްކާތެރި ޖަނަވާރުތަކެއް ކަމަށެވެ.

އެމްއެންޑީއެފްގެ ޑެޕިއުޓީ ސްޕޯކްސްޕާސަން ކެޕްޓަން އަލީ އިހުސާން މިއަދު ވިދާޅުވީ، ކުޑަކުދިންގެ ބަގީޗާއަކީ ސިފައިންގެ އިޖްތިމާއީ ހިދުމަތެއްގެ ގޮތުގައި ކުޑަކުދިންނަށްޓަކައި ބަލަހައްޓަމުންދާ ތަނެއް ކަމަށެވެ.
ކުޑަކުދިންގެ ބަގީޗާގައި ތަޅު އަޅުވައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުން ކުޑަކުދިންގެ ބަގީޗާއަކީ ނުރައްކާތެރި ޖަނަވާރު ގެންގުޅޭ ތަނެއް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

އެގޮތުން ރާއްޖެ ގާނޫނާއި ހިލާފަށް އެތެރެކުރާ އެއްވެސް އެއްޗެއް އުސޫލުގެ މަތިން ހަވާލުކުރުމަށް ހަމަޖެހިފައިވަނީ ޑިފެންސް މިނިސްޓްރީއަށް ކަމަށާއި އަދި އޮންނަ އުސޫލެއްގެ މަތިން އެ އެއްޗަކާއި މެދު ފިޔަވަޅު އަޅާނީވެސްއެ މިނިސްޓްރީން ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޑަކުދިންގެ ބަގީޗާގައި އެމްއެންޑީއެފް އިން ބަލަހައްޓަމުން ގެންދާ ޖަނަވާރުތަަކަކީ އެމްއެންޑީއެފުން ޒިންމާ ވާގޮތަށް ގެންގުޅޭ އެއްޗެހި ކަމަށް ވެސް އިހުސާން ވިދާޅުވި އެވެ.
ކުޑަކުދިންގެ ބަގީޗާގައި ތަޅު އަޅުވައި މުޒާހަރާ ކުރަނީ: އެ މީހުން ބުނާ ގޮތުން ކުޑަކުދިންގެ ބަގީޗާއަކީ ނުރައްކާތެރި ޖަނަވާރު ގެންގުޅޭ ތަނެއް-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ކުޑަކުދިންގެ ބަގީޗާ ސަރަހައްދުގައި ހުރި "ސަން"ގެ ނޫސްވެރިޔާ ބުނީ، ކުޑަކުދިންގެ ބަގީޗާގައި އަޅުފައި ހުރި ތަޅު މިހާރު ނަގައި، ފުލުހުން ވަނީ ބަގީޗާގެ ގޭޓް ހުޅުވާފައި ކަމަށެވެ. އަދި އެތަނުގެ ތެރޭގައި ފުލުހުން ހަރަކާތްތެރި ވުމަށްފަހު އެނބުރި ގޮސްފައިވާ ކަމަށެވެ. އަދި މިހާރު، ބަގީޗާ ބަލަހައްޓާ މީހުން ވަނީ އެތަން ބަންދުކޮށްފައި ކަމަށެވެ.

ނަމަވެސް ބަގީޗާގެ ގޭޓުގައި ތަޅުއެޅުވި، މީހުން އަދިވެސް ގޭޓް ކުރިމަތިން ދުރަށް ނުގޮސް އެތަނުގައި އެބަތިއްބެވެ.

އާއްމުންގެ ބަޔަކު ނުކުމެ މިއަދު ކުޑަކުދިންގެ ބަގީޗާގައި ތަޅު އަޅުވާފައިވަނީ، ރާއްޖެ އެތެރެ ކުރުން މަނާ ޖަނަވާރުތަކެއް ކަމަށް ބުނެ، މާލެ ތެރޭ ގެންގުޅެނިކޮށް ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތައް ޑިފެންސް މިނިސްޓްރީން ނައްތާލާފައި ވާކަމަށް މިއަދު ބުނެފައި ވަނިކޮށެވެ.
ކުޑަކުދިންގެ ބަގީޗާގައި ތަޅު އަޅުވައި މުޒާހަރާ ކުރި މީހުން ނޫސްވެރިންނަށް ވާހަކަދައްކަނީ-- ސަން ފޮޓޯ: ޔޫސުފް ސޮފްވާން

ފުލުހުން ކުރިން ބުނެފައިވަނީ، މާލެތެރޭ ނުރައްކާތެރި ޖަނަވާރުތައް ގެންގުޅެތީ ހިންގި އޮޕަރޭޝަނުގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ޖަނަވާރުތަކުގެ ތެރޭ 11 އިގުއާނާއި ހަރުފައަކާއި ފައިދިގު މަކުނަކާއި ޝުގާ ގްލިޑާ އަކާއި ބަކަމޫނަކާއި މުގޮށިމީދަލަކާއި 105 މީދާ ހިމެނޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު