މިލިޔަނެއްހާ ރުފިޔާއަށް އެއް ނަމްބަރު ޓާފް ދަނޑުގެ ނަން "ލައިފް ބޯއި ޓާފް ގްރައުންޑް" އަށް!

ގާތްގަނޑަކަށް އެއް މިލިޔަން ރުފިޔާގެ އެއްބަސްވުމެއްގެ ދަށުން މާފަންނު ސްޓޭޑިއަމްގައި ހަދާފައިވާ ފުޓް ބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ގެ އެއް ނަންބަރު ޓާފް ދަނޑަށް "ލައިފް ބޯއި ޓާފް ގްރައުންޑް"ގެ ނަން ދީފި އެވެ.

އެފްއޭއެމްގެ ޑައިރެކްޓާ އޮފް ނޭޝަނަލް ޓީމްސް އަލީ ސުޒޭން "ސަން" އަށް މިއަދު ވިދާޅުވީ، އެއް ނަންބަރު ޓާފު ދަނޑުގެ ނަން ބަދަލުކުރީ "ލައިފް ބޯއި" އާ އެކު ހަދާފައިވާ އެއްބަސްވުމެއްގެ ދަށުން ކަމަށެވެ.

"އަޅުގަނޑުމެން މިވަނީ ލައިފް ބޯއިއާ އެކު 2 އަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައި. އެގޮތުން އެއް ނަންބަރު ޓާފްގައި އިސްތިހާރު ކުރުން ފަދަ ހުރިހާ ރައިޓްސް އެއް މިވަނީ ލައިފް ބޯއި އަށް ވިއްކާލާފައި،" ސުޒޭން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ ލައިފް ބޯއި އާއި އެކު ދެއަހަރު ދުވަހުގެ އެއްބަސްވުމެއް ހަދާފައިވަނީ ކުރިން އެތަނުގައި އިސްތިހާރު ކުރި "މައިލޯ"އާ އެކު ހެދި އެއްބަސްވުމުގައިވާ ފައިސާގެ އަދަދަށް ވުރެ ތިން ގުނަ ބޮޑު އަދަކަށް ކަމަށެވެ.
"މައިލޯއިން ލިބުނީ އަހަރަކަށް 400،000ރ. އެކަމަކު ލައިފް ބޯއި އާ އެކު އަޅުގަނޑުމެން މިވަނީ އެއަށްވުރެ ގާތްގަނޑަކަށް 3 ގުނަ ބޮޑުކޮށް އެއްބަސްވުން ހަދާފައި. އަދި ހުރިހާ ކަމެއް ނުނިމޭތީ، ހުރިހާ މައުލޫމާތު ހިއްސާ ކުރެވެން ނެތީ. ދެން ދެ އަހަރު ހަމަވުމުން އަނެއްކާވެސް މުއްދަތު ދެ އަހަރަށް އިތުރުކުރާ ގޮތަށް އަދި އެއްބަސްވެވިފައި އޮތީ،" ސުޒޭން ވިދާޅުވި އެވެ.

ރާއްޖޭގެ ފުޓްބޯޅައިގެ މައި އިދާރާއިން މިއަދު ނެރުނު ނޫސް ބަޔާނެއްގައި ބުނެފައިވަނީ، މިއަދު ފެށިގެން އެ އެސޯސިއޭޝަންގެ އެއް ނަންބަރު ޓާފް ދަނޑުގެ ނަން ބޭނުންކޮށްގެން ކުރާ އެންމެހައި މުއާމަލާތްތަކުގައި "ލައިފް ބޯއި ޓާފް ގްރައުންޑް" މި ނަން ބޭނުން ކުރުމަށް އެދޭ ކަމަށެވެ.

"މި އެސޯސިއޭޝަނުން އިންތިޒާމްކޮށްގެން ކުރިއަށް ގެންދާ މުބާރާތްތަކާއި، އަދި މި އެސޯސިއޭޝަނުން އިންތިޒާމްކުރާ އެންމެހާ ހަރަކާތްތަކަށް ސްޕޮންސަރުންގެ އެހީތެރިކަން އަންނަ މިފަދަ ކަންކަމުގައި، މީޑިއާގެ އެހީތެރިކަން މި އެސޯސިއޭޝަނަން ނުހަނު ބޮޑެވެ." އެފްއޭއެމް އިން މީޑިއާ ތަކަށް ފޮނުވި ނޫސްބަޔާނުގައި ވެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު