ހަރަދުތައް ކުޑަކޮށްގެން ނޫނީ 1.1 ބިލިއަން ރުފިޔާގެ ބަޖެޓުން ދެކޮޅެއް ނުޖެއްސޭނެ: އެންސްޕާ

މިއަހަރަށް ކަނޑައަޅާފައިވާ 1.1 ބިލިއަން ރުފިޔާގެ ބަޖެޓް، ހަރަދުތައް ކުޑަނުކޮށް ދެކޮޅު ނުޖެއްސޭނެ ކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އެޖެންސީ (އެންސްޕާ)ގެ ސީއީއޯ، ‏‏އަބްދުﷲ މުހައްމަދު ދީދީ ވިދާޅުވެއްޖެ އެވެ.

ސަން ޓީވީ ޕްލަސް އިން ގެނެސްދޭ "50 މިނެޓް" ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން އަބްދުﷲ ރޭ ވިދާޅުވީ، މި އަހަރު އެންސްޕާގެ ބަޖެޓްގެ ގޮތުގައި ކަނޑައަޅާފައިވާ އަދަދަކީ އެންސްޕާގެ ދަރަނީގެ ގޮތުގައި މިދިޔަ އަަހަރު ނިމުނު އިރު ހުރި އަދަދާ ދާތި އެއްވަރުގެ އަދަދެއް ކަމުގައިވާއިރު ރައްޔިތުންނަށް ހިދުމަތްތައް ދިނުމުގައި ދަތިތަކެއް ކުރިމަތިވާނެ ކަމަށެވެ.

އަބްދުﷲ ވިދާޅުވީ، މުޅި ރާއްޖޭގައި ހުރި ރީޖަަނަލް ހޮސްޕިޓަލްތައް ތަރައްގީ ކުރެވިގެންދިއުމަކީ ސިއްހީ ހެލްތް އިންސުއަރެންސް ސްކީމްގެ ހަރަދުކުޑަކުރަން ކުރެވިދާނެ ކަމެއް ކަމަށެވެ. ހޮސްޕިޓަލް ތަކުގައި އެކަށީގެންވާ ޑޮކްޓަރުން ގާއިމްކުރެވި، ޑޮކްޓަރުންގެ މުސާރައިގެ އޮނިގަނޑެއް އެކުލެވިގެން ދިއުމަކީ ވެސް ނިޒާމުގެ ހަރުދުކުޑަކުރަން ކުރެވިދާނެ ކަމެއް ކަމުގައި އޭނާ ވިދާޅުވި އެވެ.

ރަށްރަށުގެ ހޮސްޕިޓަލްތަކުގައި ޑޮކްޓަރުން ނެތި ހުރިހާ ބަލިމީހުންނަކީ ބޮޑެތި އެހެން ހޮސްޕިޓާތަކަށް ރިފަރ ކުރަންޖެހޭ ބައެއް ކަމުގައި ވެއްޖެނަމަ މި ސިސްޓަމް "ކޮލަޕްސް" ވެގެން ހިނގައިދާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ދަތިތަކެއް އެބަހުރި ރައްޔިތުންނަށް ހިދުމަތްތައް ފޯރުކޮށްދިނުމުގައި. ނަމަވެސް އަޅުގަނޑުމެން ކުރަން ޖެހޭ ކަމަކީ މިހާރު ހުރި ދަރަނިތައް އަދާކޮށް، ރައްޔިތުންނަށް ވީހާވެސް ރަނގަޅު ހިދުމަތްތަކެއް ފޯރުކޮށްދިނުން. އެގޮތުން ރައްޔިތުންނަށް ދޭ އެކިއެކި ސަބްސިޑީގެ ހިދުމަތްތަކާ ސިއްހީ ހެލްތް އިންސުއަރެންސް ސްކީމްތަކާއި، އެކިއެކި ސޯޝަލް ޕްރޮޓެކްޝަންސް ސްކީމްތައް އެންމެ އެކަށީގެންވާ ގޮތެއްގައި ފޯރުކޮށްދިނުމަށް އެކަށީގެންވާ ޕްލެޓްފޯމެއް އެބަ ގެންނަންޖެހޭ." އަބްދުﷲ ވިދާޅުވި އެވެ.

އެންސްޕާއިން މިހާރު ރައްޔިތުންނަށް ދެމުން އަންނަ ހިދުމަތްތައް ފޯރުކޮށްދިނުމުގައި މިހާރު ކުރިމަތިވެފައިވާ ދަތިތަކުން އަރައިގަނެވެމުން އަންނަ ކަން ވެސް އޭނާ ފާހަގަކުރެއްވި އެވެ.

"ރާއްޖޭން ބޭރުގެ ހޮސްޕިޓަލްތަކަށް ދައްކަން ޖެހޭ ފައިސާގެ ބޮޑު ބައެއް ވަނީ ދައްކައި ނިންމައިފައި. އަނެއްކޮޅުން ރާއްޖޭގެ އެތެރޭގެ ދަރަނީގެ ގޮތުގައި ފާމަސީތަކަށް ދައްކަންޖެހޭ ފައިސާ ވެސް ދައުލަތުގެ ކޭޝްފްލޯ ރަނގަޅުވީމަ ފިނޭންސް މިނިސްޓްރީން އެ ފައިސާ ލިބޭނެ ކަމުގެ ޔަގީންކަން އެބައޮތް،" އަބްދުﷲ ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު