ޔުކްރޭންގެ މައްސަލާގައި އެމެރިކާއާއި ރަޝިޔާ ބޮޑު އަރާރުމަކަށް

ވައިޓް ހައުސް (އެޕްރީލް 15) : ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތަކާއި އިހްތިޖާޖްތައް ކުރަމުންގެންދާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތައް މައިތިރި ކުރުމަށް ޓަކައި ރަޝިޔާ އަށް ލިބިފައިވާ ބާރާއި ނުފޫޒުގެ ބޭނުން ކުރުމަށް އެމެރިކާގެ ރައީސް ބަރަކް އޮބާމާ ރަޝިޔާގެ ރައީސް ވްލްޑިމޭރު ޕޫޓިންއަށް ދަންނަވައިފި އެވެ.

ވައިޓް ހައުސް ބުނާގޮތުން އޮބާމާ މިއަދު ވަނީ ޕޫޓިންއާ ފޯނުން ގުޅުއްވައި ޔުކްރޭންގެ މައްސަލައާ ބެހޭ ގޮތުން ވަރަށް ފުޅާދާއިރާއެއްގައި ޕޫޓިންއާ ވާހަކަ ދައްކަވާފަ އެވެ. މިވާހަކަތަކުގައި ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް އިހްތިޖާޖްތައް ކުރަމުން ގެންދާ ޔުކްރޭންގެ އިދިކޮޅު ފަރާތްތައް މައިތިރިކޮށް އެމީހުން ހިފާފައިވާ ޔުކްރޭން ސަރުކާރުގެ އިމާރާތްތަކުންނާއި ފުލުހުންގެ މަރުކަޒުތައް ދޫކޮށް އެތަންތަނުން ފޭބުމަށް އެމީހުންނަށް ބާރުއެޅުމަށް ރަޝިޔާގެ ބާރާއި ނުފޫޒުގެ ބޭނުންކުރެއްވުމަށް ޕޫޓިންގެ ކިބައިން އޮބާމާ އެދިވަޑައިގެންނެވި އެވެ.

އަދި ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަރަކާތްތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް ތުހުމަތު ކުރައްވައި ޔުކްރޭންގެ ކަންކަމުގެ ތެރެއަށް ވަނުން ރަޝިޔާ އިން ހުއްޓާނުލައިފި ނަމަ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ އިތުރު ފިޔަވަޅުތައްއަޅައި ރަޝިޔާ އެކަހެރި ކުރުމަށް އެމެރިކާ އިން މަސައްކަތް ކުރާނެކަމުގެ އިންޒާރު ވެސް އޮބާމާ ދެއްވި ކަމަށް ވައިޓް ހައުސްއިން ނެރުނު ނޫސް ބަޔާނެއް ބުނެ އެވެ. އަނެއްކޮޅުން ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންވަނީ ޔުކްރޭންގެ ހަމަނުޖެހުންތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް އެމެރިކާ އާއި ޔުކްރޭންގެ ވަގުތީ ސަރުކާރުން ކުރާ ތުހުމަތުތަކަށް ދެކޮޅު ހަދާފަ އެވެ. މިގޮތުން ޔުކްރޭންގެ އިދިކޮޅު ފަރާތްތަކުން ހިންގަމުން ގެންދާ ހަރަކާތްތަކުގެ ފަހަތުގައި ވަނީ ރަޝިޔާ ކަމަށް އެމެރިކާ އަށް ލިބިފައިވާ މައުލޫމާތުތަކަކީ ސައްހަ ނޫން މައުލޫމާތު ތަކެއްކަން ޕޫޓިން އޮބާމާއަށް ދެންނެވި ކަމަށާއި ސައްހަ ނޫން މައުލޫމާތުތަކުގެ މައްޗަށް ބިނާކޮށްގެން ކަންކަން ކުރުމުމުން މާޒީގައި ވެސް އެމެރިކާ އަށް ބޮޑެތި ކެހިތަކެއް ލިބި އެމެރިކާ އެކަހެރިވެ ދުނިޔޭގެ އެތަށް ބައެއްގެ ނުރުހުމާއި ނަފްރަތު އެމެރިކާ އަށް ލިބިގެންގޮސްފައިޥާކަން ޕޫޓިން އޮބާމާ އަށް ހަނދާންކޮށް ދެއްވި ކަމަށް ކްރެމްލިން އިން ނެރުނު ބަޔާނެއް ބުނެ އެވެ.

ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި އެގައުމުގެ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުންކޮށްފި ނަމަ އެގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިދާނެކަމުގެ އިންޒާރު ރަޝިޔާ އިން ވަނީ ދީފަ އެވެ. "އޮގަނައިޒޭޝަން ފޯ ސެކިއުރިޓީ އެންޑް ކޯޕަރޭޝަން އިން ޔޫރަޕް" އަށް ކަނޑައަޅާފައިވާ ރަޝިޔާގެ މަންދޫބު އެންޑްރޭ ކިލިން ވިދާޅުވީ ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންގެންދަނީ ވެސް ޔުކްރޭންގެ ރައްޔިތުން ކަމަށާ އެމީހުންނަށް ވެސް މިނިވަންކަމާ އެކު ޝުޢޫރުތައް ފާޅުކުރުމުގެ ފުރުސަތު ލިބިގެންވާ ކަމުގަ އެވެ. އަދި އެމީހުންނާ ދެކޮޅަށް ޔުކްރޭންގެ ސަރުކާރުން ބާރުގެ ބޭނުންކޮށްފި ނަމަ އެގައުމުގައި ދާޚިލީ ހަނގުރާމައެއް ފެށިގެންދިޔުމަކީ އެކަށީގެންވާ ކަމެއްކަމަށް އޭނާ ވިދާޅުވި އެވެ.

ރަޝިޔާގެ ރިޔާސީ މަރުކަޒު ކަމަށްވާ ކްރެމްލިން އިން ބުނެފައި ވަނީ ރައީސް ވްލަޑިމޭރު ޕޫޓިން ޔުކްރޭންގެ ހާލަތު ވަރަށް ގާތުން ބައްލަވަމުން ގެންދަވާ ކަމަށާ ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާކުރާ މީހުންގެ ހަރަކާތްތައް ހުއްޓުވުމަށް ޓަކައި ސިފައިންނާއި ފުލުހުން ބޭނުންކޮށްގެން ބާރުގެ ބޭނުންކުރާނެ ކަމަށްބުނެ އެގައުމުގެ ދާޚިލީ ވުޒާރާއިން ދީފައިވާ އިންޒާރުތަކަކީ ބަލައިގަނެވޭނެ އިންޒާރުތަކެއް ނޫންކަމުގަ އެވެ. ޔުކްރޭންގެ އިރުމަތީ ސަރަހައްދުތަކުގައި އެ ގައުމުގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންގެންދާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން ވަނީ އެމީހުންނަށް ހިމާޔަތާއި ރައްކާތެރިކަން ދިނުމަށް ރަޝިޔާގެ ރައީސް ވްލަޑިމޭރު ޕޫޓިންއަށް ގޮވާލާފަ އެވެ. މުޒާހަރާކުރާ ފަރާތްތަކުން ޔުކްރޭންގެ ސަރުކާރުގެ ކިބައިން އެދެމުންދަނީ އެމީހުންގެ ސަރަހައްދުތައް ރަޝިޔާގެ ދަށަށްދިޔުމާ މެދު ރައްޔިތުން ދެކޭގޮތް ބެލުމަށް ޓަކައި ފެންނަ ނުފެންނަ ވޯޓެއް ނެގުމަށެވެ.

ޔުކްރޭންގެ ސަރުކާރުން ބުނަނީ މިއީ ޣައިރު ގާނޫނީ ކަމެއް ކަމަށާ މިކަން ކުރެވެންނޯންނާނެ ކަމުގަ އެވެ. ޔުކްރޭންގައި ވެރިކަންކުރާ ހުޅަނގަށް ތާއީދުކުރާ ލީޑަރުން ވަނީ އިދިކޮޅު ފަރާތްތަކުން ކުރާ މިއިހްތިޖާޖްތަކަކީ ޓެރަރިޒަމްގެ އަމަލުތަކެއް ކަމަށް ސިފަކުރައްވައި އެކަން ހުއްޓުވުމަށް ޓަކައި ސިފައިންނާއި ފުލުހުން ނެރެގެން ބާރުގެ ބޭނުންކުރާނެ ކަމަށްބުނެ ސުންގަނޑިއެއް ވެސް ކަނޑައަޅާފަ އެވެ. ނަމަވެސް އިއްޔެގެ ވަގުތެއްގައި ސުންގަނޑި ފާއިތުވެގެން ދިޔައިރު ވެސް ބާރުގެ ބޭނުންކޮށްގެން މުޒާހަރާތައް ހުއްޓުވަން މަސައްކަތް ކުރުމަށް ޔުކްރޭންގެ ލީޑަރުންނަށް ކެރިވަޑައިގެންފައެއްނުވެ އެވެ.

ރިޕޯޓްތައް ބުނާ ގޮތުން މުޒާހަރާކުރާ ފަރާތްތަކާ ދެކޮޅަށް ބާރުގެ ބޭނުން ކުރުމުގައި ޔުކްރޭންގެ ލީޑަރުންގެ މެދުގައި ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފަ އެވެ. ޔުކްރޭންގައި މިހާރުއޮތް ހުޅަނގަށް ތާއީދުކުރާ ސަރުކާރާ ދެކޮޅަށް ހަރަކާތްތެރިވާ ރަޝިޔާ އަށް ތާއީދުކުރާ ފަރާތްތަކުން މިދިޔަ ހޮނިހިރު ދުވަހު ވަނީ އެގައުމުގެ އިރުމަތީގެ ރަށެއްކަމަށްވާ ސޮލޮވިޔަންސިކްގެ ބޮޑުބައެއް އެމީހުންގެ ކޮންޓްރޯލްގެ ދަށަށްގެނަސް އިތުރު ހަތަރު ރަށެއްގައިވާ ޔުކްރޭން ސަރުކާރުގެ އިމާރާތްތަކާއި މުހިއްމު މަރުކަޒުތައް ވެސް އެމީހުންގެ ކޮންޓްރޯލްގެ ދަށަށް ގެނަސްފަ އެވެ.

މިމައްސަލައާ ގުޅިގެން އެމެރިކާއާއި ޔޫރަޕްގެ އިއްތިޙާދުން ބުނަނީ މިއީ ރަޝިޔާ އަޑީގައި އޮވެގެން ޔުކްރޭންގެ އިދިކޮޅު ފަރާތްތައް ލައްވައި ކުރުވާ ކަންތައްތަކެއް ކަމަށާ ރަޝިޔާ އިން މިކަންތައް ނުހުއްޓުވާ ނަމަ ރަޝިޔާއާ ދެކޮޅަށް ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެ ކަމުގަ އެވެ. ރަޝިޔާ އިން ބުނަނީ ޔުކްރޭންގެ ސަރުކާރާ ދެކޮޅަށް މުޒާހަރާތައް ކުރަމުންގެން ދަނީ އެމެރިކާއާއި ހުޅަނގުގެ ގައުމުތައް އަޑީގައި ތިބެގެން ޔުކްރޭންގެ އިންތިޚާބީ ވެރިކަން ބަދަލުކޮށްލުމުން އެކަމާދެކޮޅުހެދުމުގެ ގޮތުން ކަމަށާ އެމީހުންނަށް ވެސް މިނިވަންކަމާ އެކު ޝުޢޫރުތައް ފާޅުކުރުމުގެ ހައްގު ލިބިގެންވާ ކަމުގަ އެވެ. އަދި ޔުކްރޭންގެ ދާޚިލީ ކަންކަމުގެ ތެރެއަށް ވަދެ އެގައުމު ގަޑުބަޑުކޮށްލީ ހުޅަނގުން ކަމަށް ވެސް ރަޝިޔާ އިން ތުހުމަތު ކުރެއެވެ. (ނޫސްއެޖެންސީތައް)
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު