ފުޓްބޯޅަ ދަނޑުން، އެމްޑީ އަކަށް އާޒިމް ކުރި ދަތުރު

ނިސްބަތް ވަނީ ފަގީރު އާއިލާ އަކަށެވެ. ނަސީބު ދިމާ ކުރި ގޮތުން އަސާސީ ބައެއް ކަންކަން ލިބުނީ އާދަޔާ ހިލާފް ހިތްވަރެއް ލިބިގަނެގެންނެވެ. އޭގެ ތެރޭގައި ކިޔެވުން ވެސް ހިމެނެ އެވެ. އެޒަމާނަކީ ގުރުއަތުލައިގެން ކުދިން ސުކޫލަށް ވެއްދި ޒަމާނެވެ. އޭނާއަށް އެ ނަސީބެއް ނުލިބުނެވެ. އޭނާގެ ބަދަލުގައި ފުރުސަތު ލިބުނީ އޭނާގެ ބޭބެ އަށެވެ. އޭނާ ޖެހުނީ އަމިއްލަ ސުކޫލަށް ވަންނާށެވެ. އޭރު ސުކޫލް ފީއަކީ ފަސް ރުފިޔާއެވެ. އެ ފީ ވެގެން ދިޔައީ އާޒިމްގެ އާއިލާއަށް ބުރައަކަށެވެ.

މި ދައްކަނީ ސީނުކަރަންކާގޭ އާދަމް އާޒިމްގެ ވާހަކަ އެވެ.

"ގުރުއަތު ލައިގެން އަޅުގަނޑަށް ސުކޫލަކަށް ނުވެދެވުނު. ސުކޫލަށް ދަންޏާ އަމިއްލަ ތަންތަން ވީމަ ޖެހުނު 5ރ. ދަށްކަން. ފަސް ރުފިޔާގެ ފީ ދެއްކޭނެ ގޮތެއް އޭރު އަޅުގަނޑުމެންނަކަށް ނޯވޭ. މަންމަ ބޭނުންވަނީ ކިޔަވައިދޭން. ގަދަކަމުންވެސް ސުކޫލަށް ވެއްދީ. ބައްޕަ އޭރުވެސް ބުނޭ ކިހިނެއްހޭ ތިތަނަށް ވައްދައިގެން ކިޔަވައިދޭނީ،" އާޒިމް ކުރީގެ ވާހަކަތައް ކިޔައިދެމުން ވިދާޅުވި އެވެ.

އާޒިމް ކިޔެވުމުގެ ހަޔާތް ފެށީ އީޕީއެސް ސުކޫލުންނެވެ. އޭނާ ވެގެން ދިޔައީ ކިޔެވުމަށް މާ މޮޅު ކުއްޖަކަށް ނޫނެވެ. ނަތީޖާއެއްގެ ގޮތުން ގްރޭޑް ހަތަކާއި ހިސާބުން ކިޔެވުން މަޑު ޖެހުނެވެ. އެއަށް ފަހު ވަޒީފާއަކަށް "ޕޯޓް ހެލްތް" އަށް ވަނެވެ. އެތަނުގައި މާގިނަ ދުވަހެއް ނުވި އެވެ. ދެން އެއަށް ފަހު އިމިގްރޭޝަންއަށް ވަޒީފާ ބަދަލުކުރި އެވެ. އޭރު ވެސް އާޒިމްގެ ހުރިހާ ވިސްނުމަކީ މޮޅު ފުޓް ބޯޅަ ކުޅުންތެރިއަކަށް ވުމެވެ. އެކަމަށް މަސައްކަތް ކުރި އެވެ. ހަމަ އެއާއެކު ކިޔެވުމަށް އަނެއްކާ ވެސް އެމްއީއެސް ސްކޫލަށް ވަނެވެ.

"އެމްއީއެސްއިން އަޅުގަނޑާ މި ދިމާވީ އެންމެ މޮޅެތި ފުޓްބޯޅަ ކުޅުންތެރިން. އަޅުގަނޑުމެން ކްލާސް ކުދިންނަކީ ވެސް ކިޔަވަން އެހާ މޮޅެތި ކުދިންނެއް ނޫން. މުޅިން ވެސް ކުޅިވަރަށް މޮޅެތި ކުދިން މިތިބެނީ. އެމީހުންނާ ގުޅިގެން ތަންކޮޅެއް ރަނގަޅަށް އަޅުގަނޑަށް ފުޓްބޯޅަ ކުޅެން ފެށުނީ،" އާޒިމް ވިދާޅުވި އެވެ.

ފުޓްބޯޅަ ކުޅުމަށް އާޒިމްގެ ޝައުގުވެރިކަން ހުރިލެއް ބޮޑުކަމުން އޭގެ ނަތީޖާއަކަށް ވެގެން ދިޔައީ، ގްރޭޑް 10 އެއް ނިމުނުއިރު ވެސް ނަތީޖާ ނަތީޖާ ރަނގަޅު ނުވުމުެވެ.

"އަޅުގަނޑު ކުޑައިރުއްސުރެން ވެސް ބޭނުންވަނީ ވިކްޓަރީ ސްޕޯޓްސް ކުލަބަށް ފުޓްބޯޅަ ކުޅެން. އެހެންކަމުން ސުކޫލުން ނިމިގެން ވިކްޓްރީ ޕްރެކްޓިސް އަށް ދިޔައިން ޓީމަށް ނަގާތޯ. އެކަމަކު ފުރަތަމަ އަޅުގަނޑު ޓީމަކަށް ނުނެގި،" އާޒިމް ކިޔައިދިނެވެ.

ކުޑައިރުން ފެށިގެން ވެސް އާޒިމް އަކީ ކުރަން ބޭނުން ކޮންމެ ކަމެއް ކުރުމުގެ އަޒުމުގައި ހުންނަ ކުއްޖެކެވެ. އެހެންކަމުން ފުޓްބޯޅަ ކުޅުންތެރިއަކަށް ވުމުގެ އަޒުމް ދުލެއް ނުކުރި އެވެ. ކޮންމެ ދުވަހަކު ވިކްޓަރީ މީހުން ބޯޅަ ކުޅޭތަނަށް ބޯޅަ ހޮވަން ދާން ފެށި އެވެ. އަދި ޓީވީ ބަލައިގެން ފުޓްބޯޅަ ކުޅުމުގެ ކަންކަމުގައި ހަރަކާތްތެރިވާން ފެށި އެވެ. އާޒިމްގެ މުޅި ދުވަސް އޮންނަނީ ފުޓް ބޯޅަ ބެލުމާއި ޕްރެކްޓިސް ކުރުމުގަ އެވެ.

"އެހެން އުޅެނިކޮށް [އަބްދުﷲ ޖަލީލް] އަބްޖީ އަޅުގަނޑަށް ފުރުސަތެއް ދީފި. ވިކްޓަރީގެ 18 ކުޅުންތެރިންގެ ތެރޭގައި ވެސް ހިމެނިގެން އިންޑިއާގައި ކޭމްޕެއް ކުރަން ދާން ޗާންސެއް ލިބިއްޖެ. އިންޑިޔާއިން ކޭމްޕް ނިންމާފަ މާލެ އައިސް އަޅުގަނޑަށް ފުރުސަތު ލިބުނީ ފަސްޓް ޑިވިޝަންގައި ވިކްޓްރީގައި ކުޅެން،" އާޒިމް އޭނާގެ ފުޓްބޯޅަ ކެރިއަރ ކިޔައިދެމުން ވިދާޅުވި އެވެ.

އާޒިމް ވަނީ ފުޓްބޯޅަ ހަޔާތުގައި ގިނަ ކާމިޔާބީތަކެއް ހޯދާފަ އެވެ. އެގޮތުން 1992 ވަނަ އަހަރުގެ ފުޓްބޯޅަ ކެރިއާގައި ވިކްޓަރީގެ އެންމެ މޮޅު އެއް ކުޅުންތެރިއެއްގެ ގޮތުގައި އޭނާ ފާހަގަވި އެވެ. އެއީ ވިކްޓްރީން ލީގް ކާމިޔާބްކުރި އަހަރެވެ. އާޒިމްގެ ފުޓްބޯޅަ ކެރިއަރ ނިމިގެން ދިޔައީ 1993 ވަނަ އަހަރު ކަކުލުހުޅު ބިންދައިގެން ދިއުމުންނެވެ. އެހިސާބުން ފުޓްބޯޅަ ކެރިއަރ ދޫކޮށްލީ އެވެ.

"ފަހުން އަޅުގަނޑަށް ވިސްނުނީ ފުޓްބޯޅަ އަކީ އަސްލު ފިއުޗާއެއް ނޫންކަން. ދެން އަޅުގަނޑު ވިސްނީ ގައުމަށް ފައިދާ ކުރާނެ ކަމެއް ކުރެވޭނީ ކޮން ކަމެއް ކޮންގެންތޯ،" އާޒިމް ވިދާޅުވި އެވެ.

އާޒިމް ބޭނުންވީ ގައުމަށް ހިދުމަތް ކުރުމަށެވެ. އެގޮތުން ރާއްޖޭގައި އެންމެ މީހުން މަދު އެއް ދާއިރާ ކަމުގައިވާ އެކައުންޓިން ދާއިރާއިން މަތީ ތައުލީމް ހާސިލް ކުރުމަށް ނިންމި އެވެ. އަދި ފެކަލްޓީ އިން ހިންގި "އެކައުންޓިން ޓެކްނީޝަން" ކޯހެއްގައި ބައިވެރިވި އެވެ. އެ ކޯހުން ފުރުސަތު ލިބުނީ ވަރަށް އުނދަގުލުންނެވެ. އެހިސާބުން އާޒިމް ހިތުލީ، މޮޅަށް ކިޔެވުމަށެވެ. އެގޮތުން އޭނާ ވަނީ އެފަަރު ޑިޕްލޮމާ ނިންމި ބެޗުގެ ގަދަ ދިހައެއްގައި ހިމެނިފަ އެވެ.

އެކައުންޓިން ދާއިރާއިން ކިޔެވުމަށްފަހު އާޒިމް ދެން ވަޒީފާގެ ގޮތުން ގުޅުނީ "ކޫޕާސް ފާމް" އާ އެވެ. އެތަނުގައި މާގިނަ ދުވަސް ނުވެ، އެއާ މޯލްޑިވްސް އާ ގުޅުނެވެ. އާދައިގެ ވަޒީފާއެއްގައި އެއާ މޯލްޑިވްސްގައި އުޅުމަށް ފަހު އާޒިމް ނިންމީ ރާއްޖެއިން ބޭރަށް ތައުލީމް ހާސިލް ކުރުމަށް ދިއުމަށެވެ.

ލަންކާއަށް ގޮސް އެކައުންޓް ދާއިރާއިން މަތީތައުލީމް ހާސިލްކުރުމަށް ފަހު އަނބުރާ މާލެއައެވެ. އެއަށްފަހު އެއާ މޯލްޑިވްސްއާ ގުޅުނު ނަމަވެސް އެ އޮފީހުގައި މުސްތަގުބަލެއް ނެތް ކަމަށް ނިންމައި ފެން ކުންފުންޏަށް 1999 ގައި ވަނެވެ. އަދި އޭގެ ފަހުން މެލޭޝިއާއިން އެކައުންޓިން ދާއިރާއިން ފަސްޓް ޑިގްރީ ނެގި އެވެ. އާޒިމް ވަނީ އެކައުންޓިން ދާއިރާއިން މާސްޓާ ހަދާފަ އެވެ. ފެން ކުންފުނީގެ ޗީފް ފައިނޭންސް އޮފިސަރުގެ މަގާމު ވެސް ފުރުއްވި އެވެ.

އާޒިމް އެސްޓީއޯއަށް ވަނީ 2011 ވަނަ އަހަރު އެވެ. އެއަށްފަހު އާޒިމް ވަނީ މިދިޔަ އަހަރާއި ހަމައަށް އެ ކުންފުނީގެ ސޭލްސް އެންޑް މާކެޓިން މެނޭޖަރު ކަން ކުރައްވައިފަ އެވެ. އަދި މިސަރުކާރުން އޭނާއަށް ވަނީ އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރުގެ މަގާމު ހަވާލުކޮށްފަ އެވެ.

އެސްޓީއޯގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވާ ގޮތުގައި އޭނާގެ އެމްޑީކަމުގައި ހާސިލްކުރަން އެންމެ ބޭނުންވާ ލަނޑުދަނޑި އަކީ، އެސްޓީއޯ އަކީ ރާއްޖޭގައި އޮތް އެންމެ ރަނގަޅު ވޯކް ފޯސްއަށް ހެދުން ކަމަށެވެ. އެގޮތުން ކުރިއަށް އޮތް ތިން އަހަރު ތެރޭގައި 1000 ވަރަކަށް ވަޒީފާ، އެސްޓީއޯ އިން އަލަށް އުފައްދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

"އަޅުގަނޑުމެންގެ ހެލްތު ސެކްޓާ އާއި ފާމަސީ އިތުރުން ހައިޕާމަކެޓް ހުޅުވިގެންދާނެ. އެއާ އެކު 1000 ވަޒީފާ އުފެއްދިގެން ދާނެ،" އާޒިމް ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ އެ ކުންފުނިން ބޭނުންވަނީ ކިޔަވައިގެން ތިބި މޮޅެތި ޒުވާނުން ތަކެއް އުފެއްދުމަށް ކަމަށެވެ. އެހެންކަމުން ކުރިއަށް އޮތް ހަތަރު އަހަރު ތެރޭގައި އެސްޓީއޯގެ މުވައްޒަފުންގެ ކުރިއެރުމަށްޓަކައި ކިޔަވައިދިނުމަށް ބޮޑު ހޭދައެއް ކުރާނެ ކަމަށް އާޒިމް ވިދާޅުވި އެވެ. އަދި އެސްޓީއޯއާ ގުޅިގެން ކިޔެވުމަށް އާންމުކޮށް ހުޅުވާލެވޭނެ ކަމަށް އާޒިމް ވިދާޅުވި އެވެ.

"ކިޔަވައިދިނުމަށް ކިތަންމެ ބޮޑު ހަރަދެއް ކުރަން ޖެހުނަސް އަޅުގަނޑުމެން އެކަން ކުރާނަން،" އާޒިމް ވިދާޅުވި އެވެ.

އާދައިގެ އާއިލާއަކަށް ނިސްބަސްވި ކަމުގައި ވިޔަސް އާޒިމްގެ މަންމަ ބުނާގޮތުން އޭނާ އަކީ ވަރަށް ބޮޑު ނަސީބުވެރިއެކެވެ. ސްކޫލް ދައުރުގައި މާ މޮޅު ކުއްޖަކަށް ނުވިޔަސް އަދި ފަހުން ފުޓްބޯޅަ ދަނޑުގައި އުޅުނު އާޒިމް އަކީ މިހާރު ރާއްޖޭގެ އެންމެ ބޮޑު ވިޔަފާރި ކުންފުނީގެ އެމްޑީ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް