ހަވީރުގެ ހިތްފަސޭހަ ވަގުތެވެ. ދުވަހަކީ ހަފުތާ ބަންދު ދުވަހެއްކަމަށް ވުމުން ނަލަހެދިލައިގެން މަގުތަކަށް ނިކުމެ އުޅޭ ކުޑަކުދީންނާއި އަންހެނުން، އެހެން ދުވަސް ދުވަހަށްވުރެ ގިނައެވެ. ކޮޅުކޮޅަށް ހަރަކާތްތެރިވާ މީހުންގެ ގައިން ދުވާ މީރު ސެންޓާއި އަތަރުގެ ވަހުން މަގުމަތި އޮތީ ހުވަނދުލާފައެވެ. އެހެނަސް މި ހުވަނދު ވަހުގެ މައްޗަށް އެހެން ވަހެއް ވެރިވެގަންނާކަށް ގިނައިރުތަކެއް ނުނެގިއެވެ. އެ މަގުން ދުއްވާފައި ދިޔަ ލޮރީއެއްގެ ސަބަބުންނެވެ. އާއެކެވެ. ކުނި އަރުވައި ބަރާކޮށްފައި އޮތް "ކުނިލޮރީއެއް" ހާމައަށް އޮވެ، ހަވީރު ފިންޏަށް ބުރެއް ޖަހައިލަނީއެވެ. މަގުގައި ހިނގާބިނގާވަމުން ދިޔަ ކުދީންނާއި މީހުންތަކަށް ޖެހުނީ ނޭފަތްމަތީގައި އަތް އަޅާށެވެ.

އިރާކޮޅުގެ ވަގުތެވެ. މަގުތަކުގައި ނުހަނު ކާރޫބާރޫ ބޮޑެވެ. އެކިއެކި މުހުތާދުތަކައިގެން ނިކުމެ އުޅޭ މީހުންތަކުން މަގުތައް ވަނީ ރަކަރަކަ އަޅައިފައެވެ. ދުއްވާ މީހުންނާއި ފައިމަގުގައި އުޅޭ މީހުންނެވެ. ސައިކަލުގައި އިންނަ މީހަކަށް ވެސް ދުއްވެނީ ހިނގާފައިދާ މީހަކަށްވުރެ މަޑުންނެވެ. މަގުގައި ފިރުކިފައި ދާ މިސާލުގައި ކުރިއަށް ގޮސްގޮސް ތިބި މީހުންނަށް ކުއްލިއަކަށް މަޑުކުރާން ޖެހިއްޖެއެވެ. ވެގެން އުޅޭގޮތް ބަލައިލިއިރު މަގުގެ މެދަށް ކަހަލަ ގޮތަކަށް ކުލީކާރެއް މަޑުކުރީއެވެ. ބަޔަކު ފައިބާށެވެ. އެހެންނަމަވެސް މިނެޓެއްހައިއިރު ވީ އިރުވެސް އެއިން މީހަކު ފައިބާތަނެއް ނުފެނުނެވެ. އެމީހުން ކާރުތެރޭގައި ތިބެ، ޑްރައިވަރަށް އަގު އަދާކުރަނީއެވެ. އޭރު މަގު ހީވަނީ ފަޅައިލަފާނޭ ހެންނެވެ. ބަރުގޮނުގެ އަޑުންނެވެ.

އެއީ އެދުވަހުގެ މެންދުރު ފަހުގެ ވަގުތެވެ. މަގުތަކަށް ވެރިވެފައިވާ މެންދުރުގެ ދިލަހޫނަށް ލުޔެއް ލިބުމުގެ ކޮޅުމަތި ފެންނަމުން ދެއެވެ. ދަރިފުޅު ގޮވައިގެން މަންމަ ގެއިން ނިކުތީ ދަރިފުޅު ސްކޫލަށް ގެންދާށެވެ. ދަރިފުޅު އިނގިލި ކުރީގައި ލައިގެން ދެވުނީ ތަންކޮޅަކަށެވެ. ހަތަރުއަނގޮޅި ކަންމަތިން ޒުވާނުންކޮޅަކާ ދިމާވެއްޖެއެވެ. އޭރު އެ ސޮރުމެންގެ މެދުގައި ވަނީ ކޮންމެވެސް ކަހަލަ ދެބަސްވުމެއް އުފެދިގެން އުޅޭކަން ކަށަވަރެވެ. ބަހުރުވަ ހުރިގޮތުންނެވެ. ދުލަށް އައި ކޮންމެ އެއްޗެއް ބުނެ ދޫކޮށްލަނީ މީހަކަށް ކުއްޖަކަށް ބެލުމެއް ނެތިއެވެ. ލަދުހުތުރު ބަސްތައް އޮހެމުން ދަނީ، ކަންފަތަށް ކުޅަދާނަ ނުވާ މިންވަރަށެވެ. ދަރިފުޅު ގޮވައިގެން ބާރުބާރަށް މަންމަ ހިނގައިގަތެވެ. ދަރިފުޅުގެ ކަންފަތަށް އެއިން ބަހެއް އިއްވަން ބޭނުން ނުވާތީއެވެ.

ޒުވާން ތިން އަންހެކުދީން، ވަރުގެކޮޅަށް ނަލަހެދިގެން ގެއިން ނިކުތީ ބާޒާރުކޮށްލާށެވެ. މަޖީދީމަގަށް އެކުދީންނަށް ނިކުމެވުނުއިރު އެރޭގެ ނުވައެއް ޖަހައި ބޮޑުވެއްޖެއެވެ. ފަހަރަކު ފިހާރައަކަށް ވަންނަމުން، އެއްޗެހީގެ އަގުބަލަމުން، ބައެއް ތަކެތި ގަންނަމުން، އެކުދީން ހިނގަމުން އައެވެ. އެހެންނަމަވެސް އޮމާންކަމާއެކުގައެއް ނޫނެވެ. ކުރިއަށް ދާނެ ތަންކޮޅެއް ނުލިބިގެން، ކިތަންމެ ފަހަރަކު ދުވާރުމަތީގައި މަޑުކޮށްގެން ތިބޭން ޖެހެއެވެ. ތަންތަންކޮޅުގައި ބައިބަޔަށް މީސްމީހުން ދުވާރުމަތީގައި ވާހަކަ ދައްކަން، މަޖާނަގަން ތިބޭތީއެވެ. ސިނގިރެޓްގެ ދުމުން ލިބުނު އަނިޔާ ވެސް ކުޑައެއް ނޫނެވެ. ބިދޭސީންގެ ގައިގައި ލައިގަތް މިންވަރު ވެސް މަދެއް ނޫނެވެ.

ފަތިސްނަމާދު ކޮށްލައިގެން ގެއަށް އައިސް، އެއްޗެހި ބަދަލުކޮށްލައިގެން ކަސްރަތު ބުރެއް ޖަހާލަން އޭނާ ގެއިން ނިކުތްއިރު ބިންމަތި އަލިވެއްޖެއެވެ. އަމިނީމަގު ހުރަސްކޮށް ގޮސް ވަދެވުނު ގޯޅިއެއްގެ ތެރެއިން ސަލާމަތްވީ ހަމަ ކިރިޔާއެވެ. ރަނގަޅަށް ބަލައިނުލައި ދެވުނުނަމަ، ހުރެވުނީހީ އޭގެ މެދުގައެވެ. އެ ގޯޅީގެ މެދުގައި ކުނިވެފައި ހުރި ބޮޑު ކުނި ފުނީގެ މެދުގައެވެ. ދޮވާވަހުން ނޭފަތަށް ކެތްވާވަރެއް ވެސް ނުވެއެވެ. މެހިތައް ވަނީ އޮލަވެފައެވެ. އެހެންމީހުންނެކޭ އެއްފަދައިން އޭނާ ވެސް އެއިން ނެއްޓިގެން އަވަސް އަވަހަށް ކުރިއަށް ހިނަގައިގެންފިއެވެ.

ރޭގަނޑުގެ އެގާރަގަޑިބައި އެހައިކަންހައި އިރެވެ. ގެއަށް އައިސް އެއްޗެހި ބަދަލުކޮށްލައިގެން ނިދާން އޮށޯތީ ހެނދުނު ހެނދުނާ ތެދުވާން ޖެހޭތީ އަވަހަށް ނިދާލެވޭތޯއެވެ. އެހެންނަމަވެސް އެކަން ވާގޮތެއް ނުވިއެވެ. ގޭކައިރީގައި "ކޭމްޕު ޖަހައިގެން" ތިބޭ ޒުވާން ގުރޫޕުގެ ސަކައިގެ އަޑުފަށްގަނޑުގެ ސަބަބުންނެވެ. ހީނހީނފައި ލަވާހަޅޭކާއި، އަޑުގައި ނެތްތަނަށް ކިޔައި އެއްޗެހީގެ ސަބަބުންނެވެ. ހިތަށް އެރިއެވެ. ދެ ކަންފަތަށް ކަފަޖަހައިގެން އޮންނާންވީއެވެ. އެހެންނަމަވެސް އެއީ ހައްލެއް ނޫނެވެ. އެ ކުދީންގެ ކިބައިން ސަލާމަތްވެގެން އެރޭ އޭނާއަށް ލޮލުފިޔައެއް ޖަހައިލެވުނުއިރު ދޭއްޖަހައި ބޮޑުވެއްޖެއެވެ.

މިއީ މިއަދު މާލޭގެ މަގުތަކާ ގުޅިފައިވާ ގިނަ މައްސަލަތަކުން ދެތިން ކަމެކެވެ. މިފަދަ އެތައްކަމެއް މިހެން ލިޔާން ފަށައިފިނަމަ ލިޔެވިދާނެއެވެ. މަގަކީ އެންމެންގެ ވެސް ތަނެކެވެ. އެތަނުގައި ކޮންމެ މީހަކަށް ވެސް ފަސޭހަކަމާއި އަމާންކަމާ އެކު އުޅެވޭން ވާނެއެވެ. ވަކި ފަރާތެއްގެ ނުވަތަ ވަކި ބަޔެއްގެ ބާރުގެ ދަށުގައި، ނުވަތަ ނޫފުޒުގެ ތަޅަކުން ތަޅު އެޅުވިފައި އޮވެގެން ނުވާނެއެވެ. މަގުގައި ހިނގާ މީހުންނާއި ދުއްވާ ފަރާތްތަކުން ވެސް، އަނެކާއަށް ކުރިމަތިވެދާނެ ދައްޗަކަށް، ނޫންނަމަ ގެއްލުމަކަށް ވިސްނައިލައިގެން އުޅޭނަމަ، ހަމަ ކަށަވަރުން މަގުމަތީން މިހާރު މި ދިމާވާ މައްސަލަތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް އަންނާނެއެވެ.
ގުޅޭ ޓެގު
comment ކޮމެންޓް