ތިން ބައްޔާ އެކު އާއްމު މެމްބަރުންގެ ޝަކުވާ

އެ ޕާޓީން އިންތިހާބުތަކުގައި ކުރަނީ އާދަޔާ ޚިލާފު ކެމްޕޭން ތަކެކެވެ. މަގުތަކާއި ޖަގަހަތަކާއި ހޮޅުއަށި ތަކުގެ އިތުރުން ސޯޝަލް މީޑިއާ ވެސް އޮންނަނީ އެ ޕާޓީގެ ކުލަތަކުން ހިސާރުކޮށްފަ އެވެ. ވޯޓްލާ ދުވަހުގެ ކުރީ ދުވަހު އެކަންތައްތަކާ ވިސްނާލީމާ ހީވަނީ އެ ޕާޓީން ހަމަ ދެންމެ ދެންމެ އިންތިހާބު ކާމިޔާބު ކޮށްފާނެ ހެންނެވެ. ނަމަވެސް ފާއިތުވި ތިން އިންތިހާބުގައި އެޕާޓީ ވީ ބައްޔެވެ. މިއީ ރާއްޖެއަށް ސިޔާސީ ޕާޓީގެ ނިޒާމު ތައާރަފު ކުރި މޯލްޑިވިއަން ޑިމޮކްރެޓިކް ޕާޓީއަށް ޖެހުނު ދަތުރެވެ.

އެމްޑީޕީގައި 40000 އަށް ވުރެ ގިނަ މެމްބަރުން ތިއްބައި އެ ޕާޓީ ވަނީ ޖެހިޖެހިގެން ތިން ބަލި ވެފަ އެވެ. ރިޔާސީ އިންތިހާބާއި ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުން ވެސް އެ ޕާޓީ ވީ ބައްޔެވެ. އެމްޑީޕީގެ މި ނާކާމިޔާބީގެ ޒިންމާ އަބަދުވެސް އަޅުވަމުން އައީ ޕާޓީން ބޭރުގެ ފަރާތްތަކުގެ ބޮލުގަ އެވެ. ބައެއް ފަހަރު އެއީ ރާއްޖޭގެ ޝަރުއީ ނިޒާމެވެ. ބައެއް ފަހަރު ސަރުކާރެވެ.

ނަމަވެސް މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބީގެ ޒިންމާ ނުސީދާ ގޮތެއްގައި މިހާރު އަޅުވާފައި އެވަނީ ޕާޓީގެ އާއްމު މެމްބަރުންގެ ބޮލުގަ އެވެ. އިންތިހާބުގައި އެމްޑީޕީ ބަލިވެފައި އޮއްވައި އެންމެ ފަހުން ނެރުނު ބަޔާނުގައި ބުނެފައި ވަނީ އިންތިހާބުގައި "ވޯޓް ގަނެ ވިއްކުމުގެ ކަންތައް އިންތިހާއަށް އޮތް" ކަމަށެވެ.

"ނިމި ދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބަކީ ކޮރަޕްޝަނާއި، ވަޒީފާގެ ބިރުދެއްކުމާއި، އިލެކްޝަންސް ކޮމިޝަނުގެ މިނިވަންކަން ގެއްލުވާލައި އެކޮމިޝަނުގެ ޤާނޫނީ ބާރު ކަނޑުވާލުމާއި، އަދި ބޮޑެތި އަދަދުތަކުން ރިޝްވަތުގެ ހުތުރު ފައިސާ ހުށަހަޅައިގެން ވޯޓު ގަނެ ވިއްކުމުގެ އަމަލުތައް އިންތިހާ ދަރަޖައަށް ހިންގާފައިވާކަމަށް ގިނަ ރައްޔިތުން ބުނާ، އަދި އެކަމުގެ ހެކި ފެންނަން އޮތް އިންތިޚާބެކެވެ. އެހެންކަމުން، މި ޕާޓީން މިކަންކަން އިތުރަށް ބަލައި އަދި މިކަމުގައި ފިޔަވަޅު އެޅެންހުރި ގޮތްތައް ހޯދަމުންދާނޭކަމުގައި ދަންނަވަމެވެ. އަދި އިލެކްޝަންސް ކޮމިޝަނުންނާއި ދައުލަތުގެ ކަމާބެހޭ ފަރާތްތަކުން މިކަންކަން ބައްލަވައި ވަގުތުން ވިޔަވަޅު އެޅުމަށް މިޕާޓީން ގޮވާލަމެވެ."

އެހެން ކަމަށް ވާނަމަ އެބުނެވޭ ވާހަކައަކީ ފައިސާ ދޭން ބުނެގެން ނުވަތަ ފައިސާ ދީގެން އެޕާޓީގެ އެތައްހާސް މެމްބަރުންނެއް އެހެން ޕާޓީތަކަށް ވޯޓް ދިން ކަމަށެވެ.

އިންތިހާބު ނިމިގެން އެތައް ދުވަހެއް ވީފަހުން ނެރުނު ބަޔާނުގައި މިހެން ބުނި ނަމަވެސް އިންތިހާބު ނިމުނުތާ އެއް ދުވަސް ފަހުން އެމްޑީޕީގެ އެންމެ އިސް ފަހުލަވާނު، ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވީ ނާކާމިޔާބީގެ ޒިންމާ ލީޑަޝިޕުން ނަގަން ޖެހޭ ކަމަށެވެ.

"އެހެން ގަބޫލު ކުރަން ނޫންތޯ ޖެހޭނީ. ޕާޓީއެއްގެ ލީޑާޝިޕުގައި ހުންނަ ކަމަށް ވަނީ ވިއްޔާ ލިބޭ ކާމިޔާބީއަކީ ވެސް އަދި ނާކާމިޔާބީއަކީ ވެސް އެކަމެއްގައި މަސައްކަތް ކުރަން އުޅޭ ބަޔަކު އެކަމާ ޒިންމާވާންޖެހޭނެ ކަމެއް،" ނަޝީދު އޭރު ވިދާޅުވި އެވެ.

ނަމަވެސް ހަމަ ޖެހިގެން އައި ދުވަހު އެ ޕާޓީގެ އޭރުގެ ޗެއާޕާސަން މޫސާ މަނިކު ވިދާޅުވީ އެކަމުގެ ޒިންމާ ނަންގަވަން ޖެހިވަޑައިގަންނަވާ ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

"އިންތިހާބުތަކުން ބަލިވި ނަމަވެސް ލީޑަޝިޕުން ފަހަތަށް ޖެހެން ޖެހޭ ކަމަށް ގަބޫލެއް ނުކުރަން. ދެން މިވާ ގޮތެއް ބަލަން ޖެހޭނީ. އަޅުގަނޑު އެއްފަރާތަށް ޖެހެން ޖެހޭނީ އަޅުގަނޑުގެ ފަރުވާކުޑަކަމުން ނުވަތަ އަޅުގަނޑުގެ ސީދާ އިހްމާލެއް އޮވެގެން އިންތިހާބުން އެމްޑީޕީ ބަލުވެއްޖެ ކަމަށް ކަމަށްވާ ނަމަ،" މޫސަ އޭރު ވިދާޅުވި އެވެ.

ނަމަވެސް އޭގެ ހަމަ ކުޑަ ދުވަސްކޮޅެއް ފަހުން މޫސަ ވަނީ ކުއްލި ގޮތަކަށް މަގާމުން އިސްތިއުފާ ދެއްވާފައެވެ. މޫސަ އިސްތިއުފާ ދެއްވަމުން ވެސް ވިދާޅުވެފައި ވަނީ އިންތިހާބުން ބަލިވުމުގެ ޒިންމާ އޭނާ އުފުއްލަވަން ޖެހިވަޑައި ނުގަންނަވާ ކަމަށެވެ.

"އެމްޑީޕީގެ ޗެއާޕާސަން ކަމުން އަޅުގަނޑު އިސްތިއުފާ ދިނީ ޑިމޮކުރަސީގެ އުސޫލުތައް ގަބޫލުކުރާތީ. އަޅުގަނޑު އެކަނި ނަގަން ޖެހޭ ޒިންމާއެއްނޫން އެއީ. އެހެން ނަމަވެސް އަޅުގަނޑު އިސްވެ އެ ޒިންމާ ނެގީ އިންތިހާބުގައި އިސްކޮން އުޅުނު އެހެން ހުރިހާ ފަރާތްތަށް ވެސް ނަމޫނާއެއް ކަމަށް ބަލާނެކަމުގެ އުއްމީދުގައި،" އިސްތިއުފާ ދެއްވުމަށް ފަހު މޫސަ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަޝިޕަށް އަންނަ މިފަދަ ލޮޅުން ތަކަކީ ރަައީސް ނަޝީދުގެ ސަބަބުން އަންނަ ލޮޅުންތައް ކަމަށް ދޭތެރެ ދޭތެރެއިން އަޑު އަރައެވެ. އެ ޕާޓީގެ އިސް މަގާމު ތަކުން ކުރިން އިސްތިއުފާ ދެއްވި ބައެއް ބޭފުޅުން ވެސް އޭރުވެސް ވަނީ އެމޭރުމުން ވާހަކަ ދައްކަވާފައެވެ. އެފަދަ ވާހަކަ ތަކަށް ރައީސް ނަޝީދު ރޭ ވަނީ ޖަވާބެއް ދެއްވާފައެވެ. ވިދާޅުވީ އެމަނިކުފާނާ ނުލައި ޕާޓީ ކުރިއަށް ދާން ބޭނުން ނަމަ ހަމަ ދާންވީ ކަމަށެވެ.

"އަޅުގަނޑަށް އަބަދުވެސް އުންމީދު އޮވޭ ޕާޓީ ބައިބައިވެ ދާކަށް އަޅުގަނޑެއް ނޭދޭނަން. އަޅުގަނޑާއި ނުލާ ދާން ބޭނުންވާ ދިމާލަކަށްވެސް ޕާޓީއަށް ދެވޭނެ. އަޅުގަނޑެއް އެކަމެއް ނުހުއްޓުވާނަން،" ރާއްޖެ ޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ރައީސް ނަޝީދު ރޭ ވިދާޅުވިއެވެ.

މޫސަ އާއި ނަޝީދުގެ ވާހަކަފުޅު އެއްގޮތް ނުވިޔަސް އެޕާޓީގެ އާއްމު މެމްބަރުން އަބަދުވެސް ދައްކާ އެއްވާހަކައެއް އޮވެއެވެ. އެޕާޓީ ނުވަތަ އެޕާޓީގެ ލީޑަޝިޕް އެމީހުންނަށް ވަފާތެރި ނުވާ ވާހަކައެވެ. އާއްމު މެމްބަރުންގެ ރޫހާ ހިލާފަށް އެތައް ކަމެއް ހިނގާ ވާހަކައެވެ. މިފަހަރުގެ އިންތިހާބުގައި ވެސް އެފަދަ އެތައް ކަމެއް ހިނގި ކަމަށް އަތޮޅުތަކުގައި މަސައްކަތް ކުރި ބައެއް އާއްމު މެމްބަރުން ބުނެއެވެ.

"ދެން ވައިވާނެތާ ދޯ، ޕްރައިމަރީއަށް ވެސް ބޮޑުންގެ ނުފޫޒު ފޯރުވައި، އަހަރެމެން އެއްގޮތަކަށް ވެސް ބޭނުން ނުވާ މީހަކު ނެރެ، ދެއްކީމާ. ޕްރައިމަރީ ދިޔައީ ވަރަށް ގޯސްކޮށް ހަމަ ގައިމުވެސް އަހަރެމެންގެ ދާއިރާގައި،" ނަން ޖަހަން ބޭނުން ނުވާ އިސް އެކްޓިވިސްޓަކު ބުންޏެވެ.

ރައްޔިތުންގެ މަޖިލީހުގައި މިފަހަރު އެމްޑީޕީގެ ޓިކެޓްގައި ވާދަކޮށް ބަލި ވެވަޑައިގެންނެވި ، މިހާރުވެސް މަޖިލިސް މެމްބަރެއްގެ ގޮތުގައި ހުންނެވި ބޭފުޅަކު ވެސް އެކަމަށް އެއްބަސްވެވަޑައިގެންނެވި އެވެ.

"އަސްލު ވެސް ޕްރައިމަރީތައް ދިޔައީ ވަރަށް ގޯސްކޮށް، ދެން އަނެއްކާ މިވީ ގޮތަކީ ޕްރައިމަރީތައް ބޭއްވިލެއް ލަސްކަމުން ޕްރައިމަރީގައި ޖެހުނު މައްސަލަތަކަށް އެޑްރެސް ކުރާކަށް ވެސް ވަގުތެއް ނުވި. މިއީ ހަމަ ބަލިވުމުގެ އެންމެ ބޮޑު އެއް ސަބަބު،" އޭނާ ވިދާޅުވި އެވެ.

އެމްޑީޕީގެ ލީޑަޝިޕުން އެޕާޓީގެ އާއްމު މެމްބަރުންގެ އިހުސާސްތަކަށް އިހުތިރާމް ނުކުރާ ވާހަކައަކީ އާ ވާހަކައެއް ނޫނެވެ. ޕާޓީގެ ލީޑަޝިޕުން އެ މީހުންނަށް ގޮންޖަހާ ވާހަކަ އެމީހުން އަބަދުވެސް ދައްކައެވެ.

" ވަރަށް ރުޅި އާދޭ ޕާޓީއަށް ވަރަށް ގެއްލުންދީފައި، ޕާޓީ ދޫކޮށް ދާމީހުން އަލުން އައިމާ ވެސް މިތިބެނީ ނަގާ ބޮޑެތި މަގާމު ތަކަށް ލާފައި. އެއީ އަހަރެމެންނަށް ވާ ބޭވަފާއެއް ކަމަށް އަހަރެމެން ދެކެނީ. އެންމެފަހުން ގޮސް މިހާރު މިވަނީ އެފަދަ ކަންތައްތަކުގެ ނަތީޖާ ވަރަށް ބޮޑަށް ފެނިފައި. ބައެއް ދާއިރާ ތަކުގައި އެބަހުރި ސީދާ އިދިކޮޅު ކެންޑިޑޭޓަށް މަސައްކަތް ވެސް ކޮށްދީފައި،" ފެށުނީއްސުރެ އެމްޑީޕީގައި މަސައްކަތް ކުރި އެކްޓިވިސްޓަކު ބުންޏެވެ.

އެމްޑީޕީގެ އާއްމު މެމްބަރުންގެ މިފަދަ އެތައް ޝަކުވާއެއް އެބަހުއްޓެވެ. އެޕާޓީގެ އިސް ސަފުގައި ތިއްބެވި ބައެއް ބޭފުޅުންގެ ނުފޫޒު މާ ގަދައީއެވެ. އެބޭފުޅުން އާއްމު މެމްބަރުންނަށް ވަފާތެރި ނުވީއެވެ. އެންމެ ފަހުން ގޮސް ޕާޓީ ތިން ބަލިވީއެވެ. ދެން އިވެނީ ބޮޑުން ޕާޓީ ދޫކޮށް ދާ ވާހަކައެވެ. މަސައްކަތް އަނެއްކާ ވެސް ކުރަންވީ އާއްމު މެމްބަރުންނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް