ނޫސްވެރިކަމުގެ މިނިވަންކަމާއި ބަހުގެ އިއްފަތްތެރިކަން

ދިވެހި ބަހުގެ ޤަވާޢިދުތަކާއި ހަމަތަކާއި ޚިލާފު ވާ ނޫސް އޭޖެންސީއަކަށް ސިޓީއެއް ފޮނުވައި، ބަހުގެ ހަމަތަކުގެ އިމުގެ ތެރޭގައި ނޫސްވެރިކަން ކުރާން އެންގުމަކީ ދިވެހި ބަހުގެ އެކަޑަމީ ކުށްވެރި ވާން ޖެހޭ ކަމެއް ހެއްޔެވެ؟ އެފަދަ ސިޓީއެއް ފޮނުވުމުން، ބަހުގެ އެކަޑަމީން ނޫސްވެރިކަމުގެ މިނިވަންކަމަށް އަރައިގަތީ ކަމަށް ބެލެވޭނެ ބާވައެވެ! ބަހުގެ އެކަޑަމީއަށް ޖޯކު ޖަހައި، "އަހަރެމެންނަށް ވަރަށް ދިގު ސިޓީއެއް ފޮނުވައިފިއޭ، ސިޓީ ކިޔައި ނިމުނު އިރު އަހަރެން އޮތީ ބޯ އަނބުރައިގަނެގެން ވެއްޓި މުޅި ގަޔަށާ އެއްކޮށް ހޮޑު ލެވިފައޭ" ބުނެ ފުރައްސާރަ ކުރެވިދާނެ ބާވައެވެ! ނޫސްވެރިކަމުގެ މިނިވަންކަމުގެ ތެރޭގައި، ދިވެހި ބަހުގެ "ޢިއްފަތްތެރިކަން ލޫޓުވައިލުމުގެ" ލައިސަންސެއް ވެސް ހިމެނޭ ހެއްޔެވެ؟ ކުރިއަރައި ދިޔުމުގެ އެއް ބަޔަކީ މާޒީގެ ހުރިހާ "ފަތްތޫރަތަކަކާއި" ހުރިހާ "ޞަލާޙުއްދީންތަކެއް" ކުނިވަށިގަނޑަށް އަޅައިލައި، ބަހާއި ދީން ފަދަ ޤައުމީ އަސާސުތައް އެއީ ބޭނުންހައި ގޮތަކަށް ބިންމަތީގައި އަނބުރާ ބުމަރުތަކަކަށް ހެދުން ހެއްޔެވެ؟ ތަރައްޤީ އަކީޢަމްރޫ ބުނު ލުޙައްޔަށް އިބިލީސް ނަގައިދިން"ކުރިން އޮތް ކޮންމެ ގޮތެއް ބަދަލު ކޮށް، އައު ގޮތެއް ހަދައިނުލާ މީހާގެ މޮޅުކަމެއް ނެތޭ" މި ފިލާވަޅަށްތަބާ ވުން ހެއްޔެވެ؟

މަޝްހޫރު ފަލްސަފާވެރިޔާ އަދި ސިޔާސީ މުފައްކިރު ސައިމަން ބޮލީވަރ ވިދާޅުވެފައި ވެއެވެ. "ޖާހިލު އިންސާނުންތަކެއްގެ ޖާހިލު ކަމީ އެއުރެން ހަލާކުގެ އަނދަވަޅާ ދިމާޔަށް ކޮއްޕައި، ގެންގޮސް، އެ އަނދަވަޅަށް އެއުރެން ވައްޓައިލާނެ އެއްޗެއް ކަމާ މެދު ޝައްކު ނުކުރާށެވެ. ... އެފަދަ ޖާހިލުކަމެއްގައި، މަގު އޮޅިފައި ތިބޭ މީހުންނަށް ބިލާހުތަކާއި އަވާމެންދުރުތައް ފެންނާނީ ޙަޤީޤަތުގެ ގޮތުގައެވެ. ހިތުހުރި ގޮތަކަށް ހުރިހައި ކަމެއް ކުރުމުގެ "ލައިސަންސެއް" އޮތުން އެއީ މިނިވަން ކަމަށް އެމީހުން ޤަބޫލު ކުރާނެއެވެ. ..."

ބޮލީވަރ ވިދާޅުވެފައި އެވަނީ ވަރަށް ބޮޑު ތެދުފުޅެކެވެ. ޖާހިލުކަމުގެ ތެރެއަށް ވެއްޓިއްޖެ އިންސާނާ ދެކޭނީ "މިނިވަންކަމަކީ" އޭނާ ހިތުހުރިހައި ގޮތަކަށް ހުރިހާ ކަމެއް ކުރުމުގެ "ލައިސަންސެއް" އޮތުން ކަމަށެވެ.

ދިވެހި ބަހަކީ ދިވެހި ޤައުމިއްޔަތުގެ އެންމެ މުހިއްމު އަސާސެވެ. ދިވެހި ބަސް ފިޔަވައި، ދިވެހިވަންތަކަމުގެ، ދިވެހި ޤައުމިއްޔަތުގެ، ދިވެހިއްޔަތުގެ އެހެން އަސާސެއް ނެތޭ ވެސް ދެންނެވިދާނެއެވެ. ދިވެހި ޤައުމިއްޔަތުގެ އަސާސްތައް ކަމަށް އަޅުގަނޑުމެން ބަލައިގެންފައި ވާ އެހެން އެއްވެސް ކަމަކީ ނުވަތަ އެއްޗަކީ ދިވެހީންނަށް ޚާއްޞަ އެއްޗަކަށް ނުވާތީއެވެ. ދިވެހީންނަކީ އެހެން މީހުންނާ ތަފާތު ނަސްލެއް ނޫނެވެ. މާތް ވެގެން ވާ އިސްލާމް ދީނަކީ ދިވެހި ޤައުމިއްޔަތަށް ކިތަންމެ މުހިއްމު ބަހާއަކަށް ވިޔަސް، އެއީ ދިވެހީންނަށް ނުވަތަ ދިވެހިވަންތަކަމަށް ޚާއްޞަ ބަހާއެއް ނޫނެވެ. އެއީ މުޅި ޢާލަމަށް ޢާއްމު ވެގެން ވާ، ދިވެހީން ނޫނަސް އެތައް ބަޔަކު ހަމަ އެއް ބީދައަކުން ބަލައިގަންނަ، ޤައުމިއްޔަތަށް ވުރެ މަތީގައި އޮތް އަލިކަމެކެވެ. މައްޗާއި ތިރިއަށް އަދި ހުރަހާއި ދިގަށް ވިސްނުން ހިންގައި، ކިތަންމެ ވަރަކަށް ފިކުރު ކުރި ނަމަވެސް، ދިވެހި ބަސް ފިޔަވައި،ޤައުމިއްޔަތުގެ ރޮނގުގައިދިވެހީންނަށް ޚާއްޞަ އެއްވެސް އަސާސެއް ނުފެނެއެވެ. ވީމާ އެ އަސާސް ރައްކާތެރި ކުރުން އެއީ ޤައުމީ އެންމެ ބޮޑު އެއް ވާޖިބު ކަމަކަށްނުވޭތޯއެވެ؟

ދިވެހި ބަހުގެ އެކަޑަމީ ފެނިފައި ބައެއް ނޫސްވެރީން އަނބުރައިގަނެ، ހޮޑު ލަވައި، ހުން އައިސް، ކިޔޭ ނުކިޔޭ ނޭނގޭ ދަރަޖައަށް ޙިއްސުތައް ޚަރާބު ވިޔަސް، ޙަޤީޤަތަކީ އެ އެކަޑަމީ އަކީ ދިވެހި ބަހުގެ ހުރިހާ ކަމަކާ ބެހޭގޮތުން ގޮތް ކިޔައި، ގޮތް ކަނޑައަޅައި، އެ ގޮތް ނަގަހައްޓައި ދަމަހައްޓާން ޤާނޫނީ ގޮތުން ބާރު ލިބިފައި ވާ އިދާރާ ކަމެވެ. ދިވެހި ބަސް ރައްކައުތެރި ކުރުމާއި، ދިވެހި ބަސް ޙިމާޔަތް ކުރުމާއި، ބަހުގެ ކަންކަން ކުރިއަރުވައި، ބަހުގެ ޢިލްމު ފަތުރައި، ބަހާ ބެހޭ ގޮތުން ފަހު ބަސް ބުނުމުގެ ޒިންމާ އާއި މަސްއޫލިއްޔަތު ޤާނޫނުން ހަވާލު ކޮށްފައި ވާ އިދާރާ ކަމެވެ.

މި ދެންނެވި ބާރުތަކާއި މަސްއޫލިއްޔަތުތައް ބަހުގެ އެކަޑަމީއާ ހަވާލު ކުރީ ކާކު ހެއްޔެވެ؟

ޖަވާބު ވަރަށް ސާފެވެ. އެކަން ކުރީ ދިވެހި ބަހުން ވާހަކަ ދައްކާ، ދިވެހި ބަހުގެ މިލްކުވެރިކަން އެ ބަޔަކަށް އޮތް، ދިވެހި ރައްޔިތުންނެވެ. ދިވެހި ރައްޔިތުން އެކަން ކުރީ، އެމީހުން އެކަމަށް ޓަކައި ހަދައިފައި ހުރި ޤާނޫނު ހަދާ މަޖިލިހުން، އެމީހުންގެ ފައިސާއިން މުސާރަ ދީގެން، އެމީހުން ހެއްދުވި ޤާނޫނެއްގެ ޒަރީޢާއިންނެވެ. އެކަޑަމީ ހެދުމަށް ފަހު، ދިވެހި ބަސް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރުމަށް ޓަކައި ދިވެހި ރައްޔިތުން އެ އެކަޑަމީއަށް ބޮޑު ޚަރަދުތަކެއް އެބަ ކުރެއެވެ. ތަނުގެ އިދާރީ ކަންކަމަށެވެ. ތަނުގައި ތިބި ވަރުވަރުގެ މުއައްޒަފުންގެ މުސާރަ ދިނުމަށެވެ. ތަނުން ހިންގާ ބަހާ ގުޅޭ އެކިއެކި ޙަރަކާތްތަކަށެވެ. މި ޚަރަދުތައް ކުރަނީ، ދިވެހި ރައްޔިތުންގެ އަމިއްލަ ޖީބުތަކުންނެވެ. އެމީހުންގެ ހިތްތަކުގައި ދިވެހި ބަހަށްއޮތް ފުން ލޯތްބެއްގެ ސަބަބުންނެވެ. އެހެންކަމުން، ދިވެހި ބަހުގެ އެކަޑަމީގެ ޙައިޘިއްޔަތު ކަނޑައެޅީ ދިވެހި ރައްޔިތުންނެވެ.އެ އެކަޑަމީގެ ވާޖިބުތަކާއި ބާރުތައް ކަނޑައެޅީ ދިވެހި ރައްޔިތުންނެވެ. މިކަންކަން މިހެން ހުރި އިރު،އެ އެކަޑަމީގެ ޙައިޘިއްޔަތަކީ ކޮބައިތޯ މި ސުވާލު ކޮށް، އެކަޑަމީގެ ބާރުތަކަށް ތަޙައްދީ ކުރާ ކޮންމެ މީހަކު ވެސްފެތޭނީ ސައިމަން ބޮލީވަރ ސިފަ ކުރައްވާ ޖަމާޢަތުގެ ތެރެއަށެވެ.

ދިވެހި ބަހުގެ އެކަޑަމީއެއް ހެދި އިރު، އެ ތަނަށް ލެވުނީ ދިވެހި ބަހުގެ ބަސްވެރިކަމާއި ބަހަވިއްޔާތުގެ މައިދާނުގައި އެންމެ ފުންނާބު އުސް ބޭފުޅުންގެ ތެރެއިން ހޮވައިލެވުނު ބައެއް ބޭފުޅުންނެވެ. މަދަރުސާ ނިންމައިލި ދުވަހުގެ ފަހު ދުވަހު، އަތަށް ކަރުދާސްގަނޑަކާއި ގަލަމެއް އެރުމުން، ބަހުގެ އެކަޑަމީގެ މެންބަރަކަށް ވި އެއްވެސް މީހަކު އެ އެކަޑަމީގައެއް ނެތެވެ. އެކަޑަމީގެ މެންބަރުންގެ ތެރޭގައި ހިމެނިވަޑައިނުގަންނަވާ، ބަހުގެ ވަރަށް ބޮޑެތި އުސްތާޛުން އަޅުގަނޑުމެންގެ ތެރޭގައި އެބަ ތިއްބެވިކަން އަޅުގަނޑު ހަނދާން ނައްތައެއްނުލަމެވެ. ނަމަވެސް އަޅުގަނޑަށް ކަނޑައެޅިގެން އެނގޭ ގޮތުގައި، ދިވެހި ބަހުގެ އެކަޑަމީން މަސައްކަތް ކުރައްވަމުން ގެންދަވަނީ މި ޤައުމުގައި ތިއްބެވި ބަހުގެ ބޮޑެތި އުސްތާޛުންގެ ލަފާފުޅާއި އެހީތެރިކަން އެކިއެކި ގޮތްގޮތުން ހޯއްދަވައިގެންނެވެ. އަޅުގަނޑަށް ކަށަވަރު ވާ އެއް ކަމަކީ، ދިވެހި ބަހުގެ އެކަޑަމީ އާއި، އެ އެކަޑަމީގެ އެކިއެކި ފަންނީ ކޮމިޓީތަކުގައި މި ވަގުތު ތިއްބެވި ބޭފުޅުންގެ "ޢިލްމީ އިސްކޮޅަށް" ބަލާ އިރު، ދިވެހިރާއްޖޭގެ މީޑިއާގެ އެއްވެސް އިދާރާއެއްގައި އެ ބޭފުޅުންނަށް ގޮން ޖެހޭ ވަރުގެ "ބަސްވާރުންތަކެއް" ނެތް ކަމެވެ. ނޫސްވެރިއެއްގެ ޙައިޘިއްޔަތުން، މި ޙަޤީޤަތް އަޅުގަނޑު ހެޔޮހިތުން ޤަބޫލު ކުރަމެވެ.

ކަން މިހެން އޮތް އިރު، ދިވެހި ބަހުގެ ހަމަތަކާއި އުޞޫލުތަކާ ގުޅިގެން ދިވެހި ބަހުގެ އެކަޑަމީން، ދިވެހި ބަހުގެ އެންމެ ފުންނާބު އުސް އުސްތާޛުންނާއި ތަޖުރިބާކާރުންގެ ލަފަޔާއި އިރުޝާދުގެ ދަށުން، ކުރައްވާ މަސައްކަތްތައް ބަލައިނުގަނެ، އެ މަސައްކަތްތަކަށް ގޮން ޖަހައި، ހަޖޫ ޖަހައި، ފުރައްސާރަ ކޮށް، އެ މަސައްކަތްތައް ބޮލާލައި ޖެހުމުގެ "ލައިސަންސް" އެއީ ތިމާގެ ނޫސްވެރިކަމުގެ ނުވަތަ ލިޔުންތެރިކަމުގެ މިނިވަންކަން ކަމަށް ދުށުމަކީ އިންތިހާ ދަރަޖައިގެ ދެއުޅި އެއްނުވާ ވިސްނުމެކެވެ. މި ބާވަތުގެ ވިސްނުން ގެންގުޅޭ "ނޫސްވެރީންނާއި" "ލިޔުންތެރީންނަކީ" މުޖުތަމަޢުތައް ކުރިޔަށް ގެންދާ ބައެއް ނޫނެވެ.

ދިވެހި ބަހަކީ ދިވެހީންގެ ހިތާ ގުޅިފައި ވާ، ޤައުމީ ތަރިކައެއް ކަމަށް ވާތީ،ދިވެހި ބަސް ޙިމާޔަތް ކޮށް، އެ ބަހާ ބެހޭ ޢިލްމީ ދިރާސާތައް ކުރުމުގެ ޤާނޫނީ ބާރު ދިވެހި ރައްޔިތުން ދީފައި އޮންނަ މުއައްސަސާއަކުން، ދިވެހި ބަހުގެ ބޮޑެތި އުސްތާޛުންގެ ލަފާފުޅާއި އިރުޝާދު ހޯދައިގެން، ބަހާ ގުޅޭ އުޞޫލުތަކާއި ހަމަތައް ހޯދައި ކިޔައިދިނުމުން، އެ ގޮތަށް ތަބާ ވުމަކީ ދިވެހީންނަށް ކުރެވޭ އިޙުތިރާމެކެވެ. ދިވެހި ބަހަށް ކުރެވޭ އިޙުތިރާމެކެވެ. އެއީ ތަހުޒީބުގެ ޢަލާމާތެކެވެ. މަށަށް އޮންނާނީ ކޮން އެކަޑަމީއެއް ހެއްޔޭ، މަށަކީ މިނިވަން ލިޔުންތެރިއެކޭ، މިނިވަން ނޫސްވެރިއެކޭ، މިނިވަން "ޕޯޑިއަމިސްޓެކޭ" ބުނެ، އެ އެކަޑަމީއަށް ގޮން ޖެހުމަކީ ނާތަހުޒީބުގެ، އަދި ވިސްނުމުގެ ދާއިރާ ހަނި ކަމުގެ ހެއްކެކެވެ. ދިވެހީންނަށް ވެސް، ދިވެހި ބަހަށް ވެސް އިޙުތިރާމު ނުކުރެވުނު ކަމުގެ ޢަލާމާތެކެވެ.

އަޅުގަނޑުމެން އެންމެން ވެސް ދަންނަ ފަދައިން، ބަހުގެ ޤަވާޢިދުތަކާއި ހަމަތަކަކީ ބަޔަކު ހަދާ އެއްޗެއް ނޫނެވެ. އެއީ ޢިލްމީ ހަމަތަކަކާއި އުޞޫލުތަކެއްގެ ތެރެއިން، ވިސްނައި ފިކުރު ކޮށްގެން، ހޯދައިގަންނަ އެއްޗެކެވެ. މި މަސައްކަތަކީ އިންސާނީ މަސައްކަތަކަށް ވާ އިރު، އެ މަސައްކަތް ކުރާ މީހާގެ މަސައްކަތް ހުރިހާ ފަހަރަކު ފުރާފުރިހަމަ ނުވެދާނެއެވެ. ބަހުގެ އެކަޑަމީގައި ކިތަންމެ ވަރުގަދަ އުސްތާޛުންތަކެއް ތިއްބެވިޔަސް، އެ އެކަޑަމީގެ މަސައްކަތުގައި ވެސް ގޯހެއް ހެދިދާނެއެވެ. އަދި އެ ގޯހަކީ ގޯހެއް ކަން އެހެން ބަޔަކަށް އިޙުސާސް ވެސް ކުރެވިދާނެއެވެ. އެފަދަ ޙާލަތެއްގައި، ދެން ކަންތައް ކުރާން ވީ ގޮތަކީ ކޮބައި ބާވައެވެ!

ބަހުގެ އެކަޑަމީން، ބަހުގެ ހަމަތަކާއި ޤަވާޢިދުތަކާ ގުޅޭ އުޞޫލެއް ނުވަތަ ހަމައެއްގެ ވާހަކަ ބަޔާން ކުރެއްވުމުން، އެއީ ގޯހެއް ކަމަށް ތިމާޔަށް ފެނިއްޖެ ނަމަ، ކަން ކުރާން ޖެހޭ ރިވެތި، ތަހުޒީބީ އުޞޫލަކީ ޢިލްމީ ބަހުރުވައިން ވާހަކަ ދައްކައި، އެކަޑަމީން ވިދާޅުވާ އެއްޗަކަށް ފާޑު ކިޔުމުގެ އުޞޫލެވެ. އެ ވިދާޅުވަނީ ގޯހެއް ކަން، ބަހަވިއްޔާތުގެ ޢިލްމުގެ ދާއިރާގެ ތެރެއިން، ސާބިތު ކޮށްދޭން މަސައްކަތް ކުރުމުގެ އުޞޫލެވެ. ނޫސްވެރިކަމުގެ މިނިވަންކަމުގެ މަފްހޫމުން، ރައްކައުތެރި ކޮށްދޭ މިނިވަންކަމަކީ މިއެވެ. ބަހުގެ އެކަޑަމީން އެއްޗެކޭ ވިދާޅު ވީމާ، "ތިޔައީ ކަން އޮތް ގޮތް ކަމަކަށް އަޅުގަނޑެއް ނުދެކެމޭ، ސަބަބަކީ ބަހަވިއްޔާތުގެ، ނުވަތަ ދިވެހި ބަހުގެ އެވަނި މިވަނި ހަމަތަކަކާއި ޤަވާޢިދުތަކަކާއި، ބަހަވީ މަންޠިޤުގެ މިވަނި އެވަނި ހަމަތަކަކާ ތިޔަ ގޮތް ތަފާތު އެބަ ވެޔޭ" މިހެން ބުނުމުގެ ފުރިހަމަ މިނިވަންކަން ނޫސްވެރިޔާއަށް އޮންނާނެއެވެ. އެހެން ބުނެ ލިޔުމުގެ މިނިވަންކަން ވެސް އޮންނާނެއެވެ. އެހެން ބުނެ ބޮޑެތި މާލަންތަކަށް މީހުން އެއް ކޮށްގެން ބަޙުޘް މަންސަތަކާއި ޢިލްމީ ފޯވަހިތައް ބޭއްވުމުގެ މިނިވަންކަން ވެސް އޮންނާނެއެވެ.

އެކަމަކު، ދިވެހި ބަހުގެ އެކަޑަމީން ކުރައްވާ ދިރާސާތަކުގެ އަލީގައި، ދިވެހި ބަހުގެ އުޞޫލެއް ނެރުއްވައި ދެއްކެވުމުން، އެކަޑަމީއަށް ގޮން ޖަހައި، އެ އުޞޫލު ބޮލާލައި ޖަހައި، "މަށަށް ކޮން އެކަޑަމީއެއް ދެކަޑަމީއެއް ހެއްޔޭ" ކިޔައި، އެ އުޞޫލާ ޚިލާފަށް ދިވެހި ބަސް ބޭނުން ކުރުމުގެ މިނިވަންކަން ނޫސްވެރިއާއަށް އޮންނާނެ ކަމަށް އޭނާއަށް ހީ ވާ ނަމަ، އޭނާ އެހެރީ ވަރަށް ބޮޑު އޮޅުމެއްގެ ތެރޭގައެވެ. އެފަދަ ގޮތަކަށް ނޫސްވެރިޔާ ޢަމަލު ކުރުމީ ދިވެހި ބަހާއި ދިވެހި ޤައުމިއްޔަތާއި ދިވެހިއްޔަތުގެ ނިސްބަތުގައި ހިންގޭ އަޚްލާޤީޖަރީމާއެކެވެ. އެފަދަ "ބޮޑާކަމަކާއި ކިބުރުވެރިކަމެއް" ދައްކާ ނޫސްވެރިއާ އަކީ ޒިންމާދާރު ނޫސްވެރިކަމުގައި ޖެހޭ ކަޅު ލައްގަނޑެކެވެ.ނޫސްވެރިޔާއަށް ބަހުގެ އުސްތާޛުން އެކުލަވައިލައްވާ ބަހުގެ އުޞޫލުތަކަށް ގޮން ޖެހޭ ނަމަ، އަދި އޭނާ ލިޔާ ޚަބަރުތަކާއި ރިޕޯޓުތަކުގައި އެ އުޞޫލުތައް މުގުރައިލެވޭ ނަމަ، އެ އުޞޫލުތަކާ ޚިލާފަށް ބަސް ބޭނުން ކުރާ ކިޔަވާ ކުއްޖާގެ އިމްތިޙާނު ކަރުދާހުގައި ނުބައި ފާހަގަ ޖަހައި، މުޅި ޢުމުރަށް ދެމިހުންނާނޭ "ފޭލި ސިއްކައެއް" ކުއްޖާގެ ރިކޯޑުގައި ޖެހުމަށް މުދައްރިސަށް އޮންނާން ވީ ކޮން ޙައްޤެއް ތޯއެވެ؟

ބަހަކީ ނޫސްވެރިޔާ ބޭނުން ގޮތަކަށް ހަން ދަމާން އޮންނަ، އޭނާގެ އަމިއްލަ ރޮނޑެއް ނޫނެވެ. އޭނާގެ ރޮނޑަކީ އޭނާގެ ބިނާކުރަނިވި ޝުޢޫރުތަކާއި ޚިޔާލުތަކެވެ. ބަހަކީ ބަހުގެ އަހުލުވެރީންގެ އެއްޗެކެވެ. ބަހާ ބެހޭގޮތުން ފަހު ބަސް ބުނާނީ، ބަހުގެ އަހުލުވެރީން އެ ޒިންމާއާ މަތި ކޮށްފައި ހުންނަ ފަރާތެކެވެ. ދިވެހިރާއްޖޭގައި ނަމަ، އެ ފަރާތަކީ ދިވެހި ބަހުގެ އެކަޑަމީއެވެ. ނޫސްވެރިޔާ ބަސް ބޭނުން ކުރާން ޖެހޭނީ، ބޭނުން ތަނަކަށް ގޮސްއައިސް ވެއުޅުމުގެ މިނިވަންކަން އޮންނަ ފަރުދަކު، "ޕަބްލިކް ބަސް" ބޭނުން ކުރާ އުޞޫލުންނެވެ. ދިވެހި ފަރުދެއްގެ ޙައިޘިއްޔަތުން، އަޅުގަނޑަށް ވެސް ބޭނުން އިރަކު، ބޭނުން މަންޒިލަކަށް، ބޭނުން މަޙައްލަކަށް، ބޭނުން ތަނަކަށް، ޤާނޫނީ އިންތަކުގެ ތެރޭގައި، ގޮސްއައިސް ވެއުޅުމުގެ މިނިވަންކަން އެބަ އޮތެވެ. ނަމަވެސް އަޅުގަނޑުގެ މި ދެންނެވި މިނިވަންކަމުގެ އިމުގެ ތެރޭގައި، އަޅުގަނޑު ބޭނުން ކުރާ "ޕަބްލިކް ބަސް" ހަލާކު ކުރުމުގެ މިނިވަންކަމެއް ނުހިމެނޭނެއެވެ. ބަހަކީ ނޫސްވެރިޔާ އޭނާގެ ނޫސްވެރިކަމުގެ މިނިވަންކަން ޙަޤީޤަތަކަށް ހެދުމަށް ޓަކައި ޒަރީޢާއެއްގެ ގޮތުގައި އިސްތިޢުމާލު ކުރާ އުޅަނދެއް ފަދަ އެއްޗެކެވެ. އެ އުޅަނދު ބޭނުން ކުރެވޭނީ އޭގެ ވެރި ފަރާތަށާއި، އެ އުޅަނދަށް އިޙުތިރާމު ކުރުމާ އެކުގައެވެ. އެ އުޅަނދުގެ ބަލަދުވެރިކަމާ ޙަވާލު ވެ އޮތް ފަރާތަކުން، އޭގެ އިސްތިޢުމާލު ކުރުމާ ބެހޭގޮތުން އެކުލަވައިލާ އުޞޫލުތަކާ އެއްގޮތަށެވެ. އުޅަނދުގެ އެއް ފުރޮޅު ނައްޓައިލައި ތިން ފުރޮޅުގެ މަތީގައި އުޅަނދު ދުއްވާން އުޅުން، ނުވަތަ އުޅަނދުގެ ކުލަ ބަދަލު ކޮށްގެން ދުއްވުން، ނުވަތަ އޭގެ ސީޓުތައް ނައްޓައި ފުރާޅުގައި ހަރު ކޮށްގެން ދުއްވުން، މިއީ އުޅަނދުގެ އިސްތިޢުމާލު ކުރާ މީހާއަށް އޮންނާނެ މިނިވަންކަމެއް ނޫނެވެ.

މިސާލެއް ނަގަމާތޯއެވެ؟

ދިވެހި ބަހުގެ އެކަޑަމީން، ދިރާސާތަކަކަށް ފަހު ނެރުއްވި އުޞޫލެއްގައި އޮންނަ ގޮތުން، ދިވެހި ބަސް ލިޔުމުގައިޖުމުލައެއް ނިމޭ ހިސާބު ދައްކައިދިނުމަށް ޓަކައި، ބަހުގެ އަޑުއަކުރަކާއި ދެ ފިއްޔާއި ފިލިއުފުލި އަލިފު ބޭނުން ކޮށްގެންހެދިފައި އޮތް "އޮރތޯގްރަފިކަލް" ރަމްޒެއް ކަމަށް ވާ "އެވެ" ލިޔާން ވާނީ ވަކި ލަފުޒެއްގެ ގޮތުގައެއް ނޫނެވެ. ލިޔުމުގައި އަބަދުވެސް "އެވެ" އޮންނާން ވާނީ، އެ ރަމްޒުގެ ކުރީގައި އޮންނަ ލަފުޒަކާ ގުޅުވައިލެވިފައެވެ.

މި އުޞޫލު އައީ ކޮންތާކުން ބާވައެވެ! އެއީ އެކަޑަމީގެ ރައީސްގެ އަނބިކަނބަލުންނަށް އެންމެ ރީތިފުޅު ނާނާގެ ރާގަށް ދިވެހި ބަސް ފައްތާން ވެގެން ހެދުނު އުޞޫލެއް ބާވައެވެ! ނޫނެކެވެ! މި ދެންނެވި އުޞޫލު ހޯދައިގަނެވުނީ ދިވެހި ބަހުގައި "އެވެ" އެއީ ކޮން ކަހަލަ ބަހަވީ ޠަބީޢަތެއް ލިބިގެން ވާ، އަދި ކޮން ގޮތަކަށް ބޭނުން ކުރެވޭ "ޔުނިޓެއް" ތޯ ބަޙުޘް ކުރެވި، ޢިލްމީ މަޝްވަރާތަކަކުންނެވެ. "އެވެ" އަކީ އެއްވެސް ހަމައެއްގައި، ލަފުޒެއް ނޫނެވެ. އެއީ އެއްވެސް ކަހަލަ މާނައެއް ނެތް، "އޮރތޯގްރަފިކަލް" ރަމްޒެކެވެ. ބަހަވިއްޔާތުގެ އުޞޫލުތައް ބުނާ ގޮތުން، ލިޔުމުގައި ވަކީން ލިޔެވެނީ "ފްރީ މޯރފީމް" އެއްގެ ދަރަޖަ ދެވޭ، ވަކި ލަފުޒުތަކެވެ. މި ނުކުތާގެ އިތުރުން، "އެވެ" ވަރަށް ގިނަ ފަހަރު އޮންނަނީ ކުރީގައި އޮންނަ ލަފުޒެއްގެ ތެރެއަށް ވަދެ، އެ ލަފުޒަކާ މެހިފައި ކަން ވެސް އެއީ ދިވެހި ބަހުގެ އުސްތާޛުން ފާހަގަ ކުރައްވާ ކަމެކެވެ. "އެވެ" އަކީ "އޮރތޯގްރަފިކަލް"ރަމްޒެއް ކަމާއި، އޭގެ މާނައެއް ނެތް ކަން އެންމެ ފަސޭހައިން އެނގޭ އެއް ގޮތަކީ، އެއީ ބަހުން ވާހަކަ ދެއްކުމުގައި ބޭނުން ކުރާ އެއްޗަކަށް ނުވާ ކަން މި ނުކުތާއާ މެދު ވިސްނުން ހިންގައިލުމެވެ. ލިޔެފައި އޮންނަ ޖުމުލައެއް ވެސް، ވާހަކަ ދެއްކުމުގެ އުސްލޫބަށް ބަދަލު ކޮށްލުމުން، އެ ޖުމުލައިގެ މާނަ އުނި ނުވެ، އެ ޖުމުލައިން "އެވެ" ގެއްލިދެއެވެ. ހަމައެހެންމެ، ވާހަކަ ދެއްކުމުގައި މީހަކު ބުނާ ޖުމުލައެއް ވެސް، ލިޔުމަށް ތިރި ކޮށްލާ އިރު، އެ ޖުމުލައަށް "އެވެ" އިތުރު ވަނިއްޔަކީ، ޖުމުލައަށް އިތުރު މާނައެއް ގެންނަމަކުންނެއް ނޫނެވެ.

ދިވެހި ލިޔުމުގައި "އެވެ" ވަކި ނުކުރެވޭނެ ކަމަށް، ބަހުގެ އެކަޑަމީގެ މެންބަރުންނާއި، އެ މެންބަރުންނަށް ލަފާ ދެއްވި ބަހުގެ އަދި ބަހަވިއްޔާތުގެ އުސްތާޛުން ވިދާޅު ވީ މި ދެންނެވި ސަބަބުތައް ފަދަ އެތައް ކަމަކަށް ބައްލަވައިފައެވެ. ވީމާ، އެއްވެސް ނޫސްވެރިއަކު ވެސް އަދި ލިޔުންތެރިއަކު ވެސް، އަދި "ޕޯޑިއަމްވެރިއަކު" ވެސް އެ އުޞޫލަށް ފާޑު ކިޔާ ނަމަ، އަދި އެހައި ފެންވަރު ތިމާގެ ކިބައިގައި ހުރި ނަމަ، ޢިލްމީ ގޮތުން ފާޑު ކިޔާން ވީއެވެ. "އެވެ" ލިޔާން ވީ ވަކީން ކަން ޢިލްމީ ގޮތުން ސާބިތު ކޮށްދެވޭތޯ ކުރެވުނު މަސައްކަތެއް، ފުރިހަމަ މިނިވަންކަމާ އެކު، ކުރާން ވީއެވެ. އެކަމަކު އެ އުޞޫލަށް ގޮން ޖަހައިފައި، "މަގޭ ލިޔުންތަކުގައި "އެވެ" ވަކި ކުރާނަމޭ، ވަކި ކުރާނީ ވެސް އެންމެ "ސްޕޭސްއަކުން" ނޫނޭ، ހަތަރުފަސް "ސްޕޭސް" ވެސް ދޭނަމޭ" ބުނެ ހަޅޭއް ލަވައިފައި، އެއީ "ނޫސްވެރިކަމުގެ މިނިވަންކަމޭ" ބުނީމާ، އެ ދެއްކެނީ ދޯހަޅި ވާހަކައެކެވެ.

"ފަތްތޫރަ ޒަމާނުގެ" އެދުރެއް ކަމަށް ވާ އިބްރާހީމް ޙިލްމީ ދީދީ، އަލްއިމާމް ޢަލީ ރަޟިޔައްﷲ ޢަންހުގެ ބަސްފުޅަކަށް ރިޢާޔަތް ކުރައްވައި ވިދާޅުވެފައި އޮންނަ ގޮތުން، މީސްތަކުންގެ ތެރޭގައި "މުރައްކަބު ޖާހިލުން" ތިބެއެވެ. ސައިމަން ބޮލީވަރ ވެސް ވިދާޅުވީ މިފަދަ މީހުންގެ ވާހަކައެވެ. "މުރައްކަބު ޖާހިލުން" އަބަދުވެސް ގޮވާނީ އެމީހުން ބޭނުންހައި ކަމެއް ކުރުމުގެ "ލައިންސަންސް" އެއީ މިނިވަންކަން ކަމުގައެވެ. އެމީހުން ހިތަށް އެރިހައި ކަމެއް، ހިތަށް އެރިހައި ބީދައަކުން ނުކުރެވޭ ނަމަ، އެމީހުންގެ ގާތުގައި "މިނިވަންކަން" ފުރޯ ދަށު ވެ، ކަތިވަޅި ދަށު ވެ، ގުރުޒު ދަށު ވެ، ކެނޑި، ބުރިބުރި ވެ،މުގުރި، ޗިސްޗިސް ވީއެވެ. އެމީހުންގެ ޖާހިލުކަމުގެ ބޮޑުވެގެން ވާ ބަރުގެ ދަށު ވެ، ޤައުމިއްޔަތާއި، ޤައުމީ އަސާސްތަކާއި، ޤައުމުގެ އިޖުތިމާޢީ އަދި އަޚްލާޤީ ބުންޔާދުތައް ޗިސްޗިސް ވަމުން ދާ މަންޒަރަށް އެމީހުން ކަނު ވާނެއެވެ.އެމީހުންގެ ގާތުގައިބަހުގެ އެކަޑަމީއެއްގެ، ފިޤުހު އެކަޑަމީއެއްގެ، ތަޖުރިބާކާރު ހަރު މީހެއްގެ، މުސްކުޅި ޙިލްމުވެރިއެއްގެ، ފަނޑިޔާރުގެއެއްގެ، ރައީސުލްޖުމްހޫރިއްޔާއެއްގެ، "ފަތްތޫރަ" އެއްގެ އަދި އެހެން އެއްޗެއްގެ ވިޔަސް އެއްވެސް ޙުރުމަތެއް ނޯންނާނެއެވެ. އެމީހުން ކުރާނެ ކަމަކީ ކޮންމެ މީހަކާ ދިމާޔަށް "އޭ ކަލޭ ލަދުވެތިކަމާ އެކު އިސްތިޢުފާ ދީފައި ގެއަށް ދޭ" ކިޔައި ހަޅޭލެވުމެވެ. ކޮންމެ މުއައްސަސާއަކަށް ޖެއްސުން ކުރުމާއި އެއްޗެހި ގޮވުމެވެ. ބިނާ ކުރަނިވި ފާޑު ކިޔުމާއި، ފަނާ ކުރަނިވި އާޑަ ކިޔުމާ ދެމެދުގައި އޮންނަ ރަތް ރޮނގު، އެމީހުންނަކަށް ނުފެންނާނެއެވެ.

ނޫސްވެރީންނަށް މިނިވަންކަމާ އެކު ނޫސްވެރިކަން ކުރެވޭން ވާނެއެވެ. ދިވެހި ބަހުން ވިއްޔާ ދިވެހި ބަހުންނެވެ. އިނގިރޭސި ބަހުން ވިއްޔާ އިނގިރޭސި ބަހުންނެވެ. ނުވަތަ ތަމަޅަ، ހިންދީ، ޢަރަބި، އުރްދޫ މިހެން ގޮސް ނޫސްވެރިޔާ ބޭނުން ބަހަކުންނެވެ. އެއީ ނޫސްވެރިޔާގެ މިނިވަންކަމެވެ. އެކަމަކު އޭނާނޫސްވެރިކަން ކުރާ ބަހެއްގެ އުޞޫލުތަކާއި ޤަވާޢިދުތައް މުގުރައިލުމަކީ ނޫސްވެރިކަމުގެ މިނިވަންކަން ކަމަށް ދުށުމަކީ ނުބައެކެވެ.ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގެ ތެރެއަކު، ބަސް "ރޭޕް" ކޮށް، ބަހުގެ "ޢިއްފަތްތެރިކަން" ނަގައިލުމުގެ "ލައިސަންސް" ނުހިމެނެއެވެ.ހަމައެހެންމެ، ނޫސްވެރިކަމުގެ މިނިވަންކަމުގެ ދާއިރާގެ ތެރެއަކު، ޤައުމީ އަދި އިޖުތިމާޢީ މުއައްސަސާތަކަށް ޖެއްސުން ކޮށް ފުރައްސާރަ ކުރުމުގެ "ލައިސަންސެއް" ވެސް ނުހިމެނެއެވެ.ޤައުމުގައި އިޙުތިރާމު ކުރެވޭ އެއްވެސް މުއައްސަސާއެއް ނެތިއްޖައުމަށް ދާންދެން، މުއައްސަސާތަކަށް ގޮން ޖަހައި، ޖޯކު ޖަހައި، ފުރައްސާރަ ކުރުމީ "ހިތްވަރުގަދަ ނޫސްވެރިކަން" ކަމުގެ އަވާމެންދުރުގައި ޖެހިފައި ވާ މީހެއްގެ ފަރާތުން އެއްވެސް ޤައުމެއްގެ އިޖުތިމާޢީ ތަރައްޤީއަށް ވެވޭނޭ، ލިބޭނޭ ހިއްސާއެއް ނޯންނާނެއެވެ. މިކަންކަން ނުދަންނަ ނޫސްވެރިޔާ އަކީ ޙަޤީޤީ މާނައިގައި ނޫސްވެރިއެއް ނޫނެވެ.
ގުޅޭ ޓެގު
comment ކޮމެންޓް