އިޚްވާނުލް މުސްލިމޫންގެ 529 މެންބަރުންގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފި

މިޞުރުގެ އިސްލާމީ ސަރުކާރު ބަޣާވާތަކުން ވައްޓައިލައި، އެ ޤައުމުގެ ވެރިކަމަށް ގަދަބާރުން އިސް ވެގެން ތިބި ލާދީނީ ފަރާތްތަކުން ހިންގާ، އެ ޤައުމުގެ ކޯޓަކުން، އިޚްވާނުލް މުސްލިމޫން ޖަމާޢަތުގެ 529 މެންބަރެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވައިފިއެވެ.

ބަޣާވާތުގައި މިޞުރުގެ ރައީސްކަމުން ދުރު ކުރެވި، ޖަލަށް ލެވިފައި ވާ އިސްލާމީ ރައީސް ޑރ. އަލްޙާފިޡް މުޙައްމަދު މުރްސީއަށް ތާއީދު ކުރާ އެތައް ސަތޭކަ ބައެއްގެ މައްޗަށް މަރުގެ ޙުކުމް އިއްވުނީ "ފުލުހަކު މެރި ކަމުގެ" ކުށާއި "ފުލުހުންނަށް ޙަމަލާ ދިން ކަމުގެ" ކުށް އެމީހުންގެ މައްޗަށް ސާބިތު ވާ ކަމަށް ކަނޑައެޅުމަށް ފަހުގައެވެ.

އެސޯޝިއޭޓެޑް ޕްރެސްގެ މުރާސިލުން ޚަބަރު ދޭ ގޮތުގައި، ޤާހިރާގެ ދެކުނު ސަރަޙައްދުގައި އޮންނަ މިންޔާގެ ކޯޓަކުން، އިޚްވާނުގެ އެތައް ސަތޭކަ މެންބަރުންގެ މައްޗަށް ޙުކުމް ކުރީ އެންމެ ދެ އަޑުއެހުން ބާއްވައިފައެވެ. އިޚްވާނުގެ މެންބަރުންގެ ދިފާޢީ ވަކީލުން އެ މައްސަލަ ނަގައި، ދިފާޢުގައި ވާހަކަ ދައްކާން އެކަށީގެންވާ ވަރާ ގާތަށް ވެސް ފުރުޞަތާއި ވަގުތު ނުލިބުނު ކަމަށް ބުނި ނަމަވެސް، ކޯޓުން އެ ޝަކުވާއަށް އެއްވެސް ވަރަކަށް ރިޢާޔަތް ކޮށްފައެއް ނުވެއެވެ.

ރައީސް ޑރ. މުރްސީ ވެސް އެ ޖަމާޢަތަކަށް ނިސްބަތް ވެވަޑައިގަންނަވާ، އަދި މިޞުރުގައި އިސްލާމީ އުޞޫލުތަކާ އެއްގޮތް ސަރުކާރެއް އުފެއްދުމަށް އެންމެ ގިނަ ދުވަސް ވާންދެން މަސައްކަތް ކޮށްފައި ވާ އިޚްވާނުލް މުސްލިމޫންގެ އިސް މުހައްރިކުންގެ ތެރެއިން 1200 އަށް ވުރެ ގިނަ މީހުންގެ މައްޗަށް މިޞުރުގެ ބަޣާވާތުގެ ސަރުކާރުގެ ކޯޓުތަކުގައި ދަނީ ޝަރީއަތް ކުރެވެމުންނެވެ.

މިދިޔަ އަހަރުގެ ޖުލައި މަހުގެ ތެރޭގައި، ރައީސް މުރްސީގެ ވެރިކަން ވައްޓައިލުމަށް ފަހު، ބަޣާވާތުގެ ސަރުކާރުގެ ސިފައިންނާއި ފުލުހުން ގެންދަނީ މިޞުރުގެ މުސްލިމް ރައްޔިތުންނަށް ބޮޑެތި އަނިޔާތަކެއް ދީ، އިޚްވާނުލް މުސްލިމޫންގެ މެންބަރުންގެ ލޭއޮހޮރުވުމުގެ ސިލްސިލާއެއް ހިންގަމުންނެވެ. މިހާތަނަށް ބަޣާވާތުގެ ޢަސްކަރިއްޔާ އާއި ފުލުހުންގެ ޙަމަލާތަކުގައި އެތައް ހާސް ބަޔަކު މަރައިލެވިފައި ވާ އިރު، އެތައް ހާސް ބަޔަކު ވަނީ ޖަލުތަކަށް ލެވިފައެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު