ނަރުދަމާގެ ނިޒާމެއް މާމެންދޫގައި ގާއިމްކުރުމަށް ފެނަކަ އާ ހަވާލުކޮށްފި

އެކަށީގެންވާ ނަރުދަމާގެ ނިޒާމްގެ ހިދުމަތް އެންމެހާ ރައްޔިތުންނަށް ފޯރުކޮށްދިނުމަށް މި ސަރުކާރުން ކަނޑައަޅާފައިވާ ސިޔާސަތުގެ ދަށުން ލ. މާމެންދޫގައި ނަރުދަމާގެ ނިޒާމެއް ގާއިމް ކުރުމަށް ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފި އެވެ.

އެންވަޔަރަންމަންޓް މިނިސްޓްރީގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ދައުލަތުގެ ބަޖެޓުން 31 މިލިއަން ރުފިޔާ ހަރަދުކޮށްގެން 18 މަސް ތެރޭގައި ނިންމާ ގޮތަށް ފެނަކަ ކޯޕަރޭޝަނާއި ހަވާލުކުރި އެ މަޝްރޫއުގެ އެއްބަސްވުމުގައި އެންވާރަމަންޓް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރު ތޯރިގް އިބްރާހިމެވެ. ފެނަކަ ކޯޕަރޭޝަންގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގް ޑިރެކްޓަރު މުހައްމަދު ނިމާލް އެވެ.

ސޮއިކުރުމުގެ ރަސްމިއްޔާތަށް ފަހު މީޑިއާ އާއި ވާހަކަފުޅު ދައްކަވަމުން ތޯރިގް ވިދާޅުވީ ސަރުކާރުން ރައްޔިތުންނަށް ފޯރުކޮށްދޭ ހިދުމަތްތައް އެންމެ ރަނގަޅަށް ފޯރުކޮށްދެވިގެންދާނީ، ސަރުކާރަށް އެއްބާރުލުން ދީގެން ކަމަށެވެ.

ރަށެއްގެ ކުރިއެރުން ބިނާވެގެންދަނީ ރަށެއްގެ ހަމަޖެހުމުގެ މައްޗަށް ކަމަށާއި ސަރުކާރުން މަސައްކަތެއް ކުރާއިރު އެކަމަށް ބަލާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ. އަދި ރަށު ކައުންސިލްތަކުން ވެސް އެރަށެއްގައި ކުރާ ތަރައްގެ މަސައްކަތްތަކުގައި ސަރުކާރުން އެއްބާރުލުން ދެއްވުމަށް ތޯރިގް އެދިވަޑައިގަތެވެ.

ރައްޔިތުން މަޖިލީހުގެ ލ. ފޮނަދޫ ދާއިރާގެ މެންބަރު ޢަބްދުއްރަޙީމް ޢަބްދުﷲ ވެސް ބައިވެރިވެވަޑައިގަތް އެ ރަސްމިއްޔާތުގައި ނިމާލް ވިދާޅުވީ ލ. މާމެންދޫގެ ނަރުދަމާ ގާއިމްކުރުމުގެ އަމަލީ މަސައްކަތް ކުރިއަށް އޮތް 14 ދުވަހުގެ ތެރޭގައި ފަށާ އެއްބަސްވެފައިވާ މުއްދަތުގެ ތެރޭގައި ނިންމާލާނެ ކަމަށެވެ.

ފެނަކަ ކޯޕަރޭޝަން އުފެދިގެން ދޮޅު އަހަރެއްހާ ދުވަހުގެ ތެރޭގައި މަސައްކަތް ކުރަންޖެހިފައިވަނީ ރައްޔިތުންނަށް ހިދުމަތް ދިނުމުގައި "ފަހަތުން ދުވާ އުސޫލުން" ކަމަށާއި ރަށްރަށުން ކަރަންޓް ކެނޑުމުގެ މައްސަލަ ދިމާވެގެންދަނީ އިންޖީނުތައް ބާވެފައި ހުރުމުން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

ނިމާލް ވިދާޅުވީ އެކަން ހައްލުކުރުމަށްޓަކައި ހުސްވި ހަފްތާގެ ތެރޭގައި 78 ޖެނެރޭޓަރެއްގެ ބިޑް ހުޅުވާލާ ކުރިއަށް އޮތް ދެ ދުވަސްތެރޭގައި ހަވާލުކުރެވިގެންދާނެ ކަމަށެވެ.

ރާއްޖޭގެ ރަށްރަށުގެ ނަރުދަމާ އަޅައިދޭން ސަރުކާރުން ވެފައިވާ ވައުދުގެ ދަށުން މިމަހުގެ ތިން ވަނަ ދުވަހު ތ. މަޑިފުއްޓާއި ތ. ބުރުނީގައި ވެސް ނަރުދަމާގެ ނިޒާމް ގާއިމްކުރުމަށް ސަރުކާރުންވަނީ ފެނަކަ ކޯޕަރޭޝަން އާއި ހަވާލުކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު