އަފްރާޝީމް އަވަހާރަކޮށްލިކަން ޝާންގެ މައްޗަށް ސާބިތުކުރަން ހެކި ހުށަހަޅައިފި

މަޝްހޫރު ދީނީ އިލްމުވެރިޔާ ޑރ. އަފްރާޝީމް އަލީ އަވާހަރަކޮށްލުމުގައި އަމަލީގޮތުން ބައިވެރިވި ކަމަށް ތުހުމަތު ކުރެވޭ ހ. ހިކޯސްޓް އަލީ ޝާންގެ މައްޗަށް ދައުވާ ސާބިތުކުރުމަށް ދައުލަތުން ހެކި ހުށަހަޅައިފި އެވެ.

ކްރިމިނަލް ކޯޓުގައި މިއަދު ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ދައުލަތުގެ ވަކީލު ވިދާޅުވީ ހަތަރު ކަމެއް ސާބިތު ކުރުމަށް ދައުލަތުން ބޭނުންވާކަމަށެވެ. އެގޮތުން ޝާން އިތުރު ބަޔަކާ އެކު އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަމާއި އެމަނިކުފާނު އަވަހާރަކޮށްލަން އިތުރު ބަޔަކާ އެކު ހ. ފުންވިލުގެއަށް ދިޔަ ކަމާއި ޝާން އާއި ހުމާމް ދިން ހަމަލާގެ ސަބަބުން ޑރ. އަފްރާޝީމް އަވަހާރަވެފައިވާކަން ސާބިތުކުރުމަށް ދައުލަތުން ވަނީ ހެކި ހުށަހަޅާފަ އެވެ.

އިތުރު ބަޔަކާ އެކު ޝާން އަފްރާޝީމް އަވަހާރަކޮށްލަން ރޭވިކަން ސާބިތުކުރަން ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާނާއި ސިއްރު ހެއްކެކެވެ.

ޑރ. އަފްރާޝީމް އަވަހާރަކޮށްލުމަށް އިތުރު ބަޔަކާ އެކު ޝާން ހ. ފުންވިލުގެއަށް ދިޔަކަށް ސާބިތުކުރުމަށް ވެސް ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާން ހުށަހެޅި އެވެ. އޭގެއިތުރުން ސިއްރު ދެ ހެއްކަކު ވެސް އެކަން ސާބިތުކުރުމަށް ވަނީ ހުށަހަޅާފަ އެވެ.

ޝާން ޑރ. އަފްރާޝީމަށް ތޫނުއެއްޗަކުން ހަމަލާދިންކަން ސާބިތުކުރުމަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާނާއި ސިއްރު ދެ ހެއްކަކާއި ފޯން ކޯލް ރެކޯޑިންގެ އިތުރުން އޭޑީކޭ ހޮސްޕިޓަލުން ދޫކޮށްފައިވާ ޑރ. އަފްރާޝީމްގެ މެޑިއކޯލީގޯ ރިޕޯޓެވެ.

ޝާންއާ ހުމާމް ތޫނުއެއްޗަކުން އަފްރާޝީމަށް ދިން ހަމަލާގެ ސަބަބުން އެމަނިކުފާނު އަވަހާރަވިކަން ސާބިތުކުރުމަށް ހުށަހަޅާފައި ވަނީ ކްރިމިނަލް ކޯޓުގެ މުއްދަތު މަޖިލީހަށް ހުމާމް ދީފައިވާ އިއުތިރާފު ބަޔާނާއި މަރުސާބިތުކުރި ކަމުގެ ލިޔުމެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި ޝާންގެ ފަރާތުން ވެސް ވަނީ ދިފާއުގައި ހެކި ހުށަހަޅާފަ އެވެ. ހެކި ހުށަހެޅުމަށް ފަހު އޭނާގެ ދިފާއީ ވަކީލު ވިދާޅުވީ ހެކި ހުށަހަޅާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 9:00 އިން ފެށިގެން ދަންވަރު 1:00 އާ ހަމައަށް ޝާން އިނީ ޖަލަޕީނޯ ރެސްޓޯރެންޓް ތެރޭގައިކަން ސާބިތުކުރުމަށް ކަމަށެވެ.

ޝާންގެ ވަކީލު ވަނީ ދިފާއީ ހެކި ސިއްރުކުރުމަށް އެދިވަޑައިގެންފަ އެވެ. އަދި ގާޒީ ވަނީ އެކަމަށް އެއްބަސްވެވަޑައިގެންފަ އެވެ.

މިއަދުގެ ޝަރީއަތުގެ މަޖިލީސް ނިންމަވާލައްވަމުން ގާޒީ ވިދާޅުވީ އަންނަ ހަފްތާގައި އެ މައްސަލައިގެ އިތުރު އަޑުއެހުމެއް ބާއްވާނެ ކަމަށެވެ.

ޕީޖީން އެދިގެން ޝާންގެ ޝަރީއަތް މީގެ ކުރިން އެތައް ފަހަރަކު ކެންސަލް ކުރުމަށްފަހު، މިއަދު އޭނާއާ ދެކޮޅަށް ހެކި ހުށަހެޅިއިރު، އަފްރާޝީމް އަވަހާރަކޮށްލި ކަމުގެ ކުށް ސާބިތުވެ، ހ. ލޮބީ ހުސައިން ހުމާމް އަހުމަދު މެރުމަށް ކްރިމިނަލް ކޯޓުން މިދިޔަ މަހު ވަނީ ހުކުމްކޮށްފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު