މީދަލެއް ދަތްއެޅި މީހަކަށް ފަރުވާދެމުން ދަނިކޮށް މަރުވެއްޖެ

ނ. މާފަރުގައި އަންހެނެއްގެ ގައިގައި މީދަލެއް ދަތް އެޅިފަހުން، ނޭވާ އަށް އުނދަގޫވާތީ އެ ރަށު ސިއްހީ މަރުކަޒަށް ގޮސް ފަރުވާ ދެމުން ގެންދަނިކޮށް މަރުވެއްޖެ އެވެ.

މާފަރު ސިއްހީ މަރުކަޒަށް ގެންދިޔަ އަންހެން މީހާއަކީ ލ. ކުނަހަންދޫ ޒުނައިރާ އަބޫބަކުރު، 43، އެވެ.

މާފަރުގައި ހުންނަ ސަންގެ އޮބްޒާވަރަކު މިއަދު ބުނީ އެކަމެއް ދިމާވީ އިއްޔެ ކަމަށާއި އޭނާ މަރުވީ ނިދާފައި އޮއްވައި މީދަލެއް ދަތް އެޅިފަހުން ނޭވާ އަށް އުނގަދޫވެގެން ސިއްހީ މަރުކަޒަށް ގެންދިޔަ ފަހުން ކަމަށެވެ.

އެ އަތޮޅު މަނަދޫ ހޮސްޕިޓަލް ހިންގެވުމާ ހަމާލުވެ ހުންނެވި އިބްރާހިމް ރަޝީދު މިއަދު ވިދާޅުވީ ރޭ ދަންވަރު މާފަރު ސިއްހީ މަރުކަޒުން ރިފާކޮށްގެން އެ ރަށު ހޮސްޕިޓަލަށް ގެންދިޔަ އަންހެން މީހާ ހޮސްޕިޓަލަށް ގެންދިޔަ އިރު ވެސް އޮތީ މަރުވެފައި ކަމަށެވެ.

"ޑޮކްޓަރު ބައްދަލަވާފައި ބުނީ މަރުވެފައޭ އޮތީ، ނަމަވެސް މަރުވީ މީދާ ދަތް އަޅައިގެން ކަމެއް އެނގޭނީ ޑޮކްޓަރު ރިޕޯޓް ލިބުމުން،" ރަޝީދު ވިދާޅުވި އެވެ.

މާފަރު ސިއްހީ މަރުކަޒު ހިންގެވުމާ ހަވާލުވެ ހުންނެވި އަލީ ޝަރީފް ވިދާޅުވީ އެ އަންހެން މީހާ އަކީ ނޭވާ ހިއްލާ ބައްޔަށް ފަރުވާ ހޯދަމުން އަންނަ އަންހެނެއް ކަމަށެވެ. އަދި ހެލްތު ސެންޓަރު ހުޅުވީ އިމަޖެންސީ ހާލަތެއްގައި އެ އަންހެން މީހާ ދައްކަން އައުމުން ކަމަށާއި އަންހެން މީހާ ސިއްހީ މަރުކަޒަށް ގެންދިޔައިރު މަރުނުވާ ކަމަށެވެ.

"އަންހެން މީހާ މަރުވީ ސީދާ މީދަލެއް ދަތްއަޅައިގެން ވިހަވެގެން ކަމެއް ދަންނަވަން ނޭނގެ. އޭނާގެ ފައިގައި މީދަލެއް ދަތްއެޅި ކަމަށް އެގޭ މީހުން ބުނީ. ރޭ އޭނާ ނިދާފައި އޮއްވައި ފައިގާ މީދާ ދަތް އެޅި ކަމަށް ވަނީ. ދެން ބޭހެއް އުނގުޅައިގެން ނިދަން އޮށޯތީ ކަމަށް ބުނަނީ. ކުޑަކޮށް މީދާ ދަތް ޖެހިފައި ހުރީ، މާބޮޑު އަނިޔާއެއް ވެސް ނެތް. ދެން އޭނާ އަށް ހޭލެވުނީ ނޭވާލާން އުނދުދަގޫވެގެން، ނޭވާ ހިއްލުން ހުންނަ މީހެއް އެއީ ވަރަށް ކުރިއްސުރެ. އެކަމަށް ބޭސް ވެސް ބޭނުން ކުރަމުން އޭނާ ގެންދިޔައީ"، ޝަރީފް ވިދާޅުވި އެވެ.

މާފަރު ފެހިވިލާގެ މީހަކާ މިވަގުތު އިނދެގެން އުޅޭ ޒުނޭރާ މަރުވިއިރު ދުނިޔޭގައި ހަތް ކުދިން ތިބެ އެވެ. އެއީ ފިރިހެން ދެ ކުދިންނާއި އަންހެން ފަސް ކުދިންނެވެ. އެންމެ ދޮށީ ދަރިފުޅުގެ އުމުރަކީ 23 އަހަރެވެ. އަދި އެންމެ ހަގު ކުއްޖާގެ އުމުރަކީ ހަތަރު އަހަރެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު