ސީރިޔާގައި ހާލުގައި ޖެހިފައި ތިބި މުސްލިމުންނަށް އެހީވުމަށް އެއްކުރި ފަންޑުގެ އެހީ ފޯރުކޮއްދިނުމަށް "އެހީ" ޖަމިއްޔާއިން ތުރުކީގެ އިސްތާމްބޫލަށް ފުރައިފި އެވެ.
ދާހިލީ ހަނގުރާމައި އޮތް ސީރިޔާއަށް ކުރިމަތިވެފައިވާ ފިނި މޫސުމުގެ ސަބަބުން ހާލުގައި ޖެހިފައިވާ މީހުންނަށް އެހީތެރިވުމަށް "އެހީ" ޖަމިއްޔާއިން ކުރިޔަށް ގެންދިޔަ "ހެލްޕް ސިރިޔާ ތުރޫ ވިންޓާ" ކޭމްޕްގައި ވަނީ ރާއްޖޭގެ އެކި ހިސާބުތަކުގައި ތަފާތު ހަރަކާތްތައް ކުރިޔަށް ގެންގޮސްފަ އެވެ.
އެގޮތުން "ހެލްޕް ސިރިޔާ ތުރޫ ވިންޓާ" ލޯގޯ ޖަހާފައިވާ ޓީޝާޓްތައް ވިއްކުމާއި، ފަންޑް ފޮށިތައް ހުޅުވާލުމާއި އެހެނިހެން ހަރަކާތްތަކެއް ވެސް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި އޭގެ އިތުރުން ހުރިހާ އުމުރުފުރާގެ މީހުންނަށް ހާއްސަކޮއްގެން ނަމާދު ވޯކްޝޮޕްތަކެއް ކުރިޔަށް ގެންދިޔުމާއި ރާއްޖޭގެ ވަރަށް ގިނަ ރަށް ރަށުގައި ވަނީ ދީނީ ދަރުސްތަކެއް ވެސް ކުރިޔަށް ގެންގޮސްފަ އެވެ.
ތިން ހަފްތާގެ މުއްދަތަކަށް ކުރިޔައް ގެންދިޔަ އެ ހަރަކާތުގައި 585،106.50ރ. އާއި 1349 ޑޮލަރު ލިބިފައިވާ ކަމަށް އެހީ ޖަމިއްޔާއިން ބުންޏެވެ.
ކޭމްޕުން ލިބުނު ފައިސާތަށް ހޭދަކުރީ އެމަޖެންސީއަށް ބޭނުންކުރާނެ އެންބިއުލާންސްތައް ގަތުމަށް ކަމަށް ކަމައް އެ ޖަމިއްޔާއިން ބުންޏެވެ. އެގޮތުން އޮސްޓްރޭލިއާ އަދި ރާއްޖެއިން ލިބުނު ފައިސާ އެއްކޮއްލައިގެން ގަތް ހަތަރު އެންބިއުލާންސް މިހާރު ނެދަލޭންޑުން ތުރުކީއަށް ދަތުރު ފަށާފައިވާ ކަމަށާއި އެ އެންބިއުލާންސްތައް ސީރިއާއަށް ގެންދިޔުމުގެ އިންތިޒާމްތައް ވެސް ހަމަޖެހިފައިވާ ކަމަށް "އެހީ" ޖަމިއްޔާއިން ބުންޏެވެ.
ކޭމްޕްގެ އަމީރެއްގެ ގޮތުގައި މަޝްހޫރު އިލްމުވެރިއެއް ކަމުގައިވާ ޝެއިހް އާދަމް ޝަމީމް އިސްކޮށް ހުންނަވައިގެން ކުރިޔަށްގެންދިޔަ އެ ކޭމްޕަށް ދިވެހި ރާއްޖޭގެ ގިނަބައެއްގެ އެއްބާރުލުން ލިބިފައިވާކަމަށް އެ ޖަމިއްޔާއިން ބުނެއެވެ.