ސަންއަށް ޚަބަރެއް ދެއްވުމަށް: 9992747 / 9982747 English Edition
މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބު ކުރި ނިއުގެ ކުޅުންތެރިން އެޓީމުގެ ކޯޗާއެކު އުފާފާޅުކުރަނީ -- ސަން ފައިލް ފޮޓޯ

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު އަންނަ މަހުގެ 14ގައި

މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވާ މެޗު އަންނަ މަހުގެ 14ގައި

1 އަހަރު 4 މަސް ކުރިން - 20 ޖެނުއަރީ 2014
މިއަހަރުގެ ފުޓްބޯޅަ ސީޒަން ހުޅުވުމަށް ކުޅޭ ޗެރިޓީ ޝީލްޑް މެޗް އަންނަ މަހުގެ 14 ވަނަ ދުވަހު ކުޅޭ ގޮތައް ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ނިންމައިފި އެވެ.

އެފްއޭއެމްގެ ޖެނެރަލް ސެކްރެޓަރީ ހުސައިން ޝާހިދު "ސަން"އަށް މިއަދު ވިދާޅުވީ، އެހެން އަހަރުތަކެކޭވެސް އެއްގޮތައް މިއަހަރުގެ ފުޓްބޯޅަ ސީޒަން އަންނަ ފެބުރުއަރީ މަހު ފެށުމަށް ނިންމާފައި ވަނީ ޗެރިޓީ ޝީލްޑް މެޗުން ކަމަށެވެ.

މިއަހަރުގެ ސީޒަން ހުޅުވާ މެޗުގައި ބައްދަލުކުރާނީ ދިވެހި ލީގު ޗެމްޕިއަން ނިއު ރޭޑިއަންޓް ސްޕޯޓްސް ކުލަބާއި އެފްއޭކަޕްގެ ރަނަރަޕް މާޒިޔާ އެވެ. އެ މެޗު ކުޅޭނީ ފެބްރުއަރީ 14 ވާ ހުކުރު ދުވަހުގެ ރޭ 9:00ގަ އެވެ.

ޝާހިދު ވިދާޅުވީ، ޗެރިޓީ ޝީލްޑް މެޗުގެ މިފަހަރުގެ ސްޕޮންސަރުންނަކީ "މައިލޯ" ނޫން ކަމަށާއި އެހެން ނަމަވެސް އެ މެޗު ސްޕޮންސާ ކުރާ ފަރާތެއް ވަރަށް އަވަހަށް މީޑިއާ އާއި ހިއްސާ ކުރާނެ ކަމަށެވެ.

ޗެރިޓީ ޝީލްޑަކީ ކުރިން ބާއްވަމުންދިޔަ ކަޕް ވިނާސް ކަޕް އުވާލުމަށް ފަހު 2009 ވަނަ އަހަރުން ފެށިގެން ސީޒަން ހުޅުވުމުގެ ގޮތުން ކުޅޭ މެޗެކެވެ. މި މެޗުން މޮޅުވާ ޓީމަކަށް 100،000ރ. ލިބޭއިރު އޭގެ ތެރެއިން 20 ޕަސެންޓް ޗެރިޓީގެ ގޮތުގައި ކޮންމެ ވެސް ފަރާތަކަށް ހަދިޔާކުރަންޖެހެ އެވެ. ފާއިތުވި އަހަރުގެ ޗެރިޓީ ޝީލްޑް މެޗް ކާމިޔާބުކުރީ ނިއުރޭޑިއަންޓުންނެވެ. އެގޮތުން އެޓީމަށް މިދިޔަ އަހަރުގެ ޗެރިޓީ ޝީލްޑް މެޗުން އިނާމެއްގެ ގޮތުގައި ލިބުނު 100000ރ (އެއް ލައްކަ ރުފިޔާ)ގެ 20 އިންސައްތަ އަށްވާ ފައިސާ ހަދިޔާ ކޮށްފައިވަނީ މޯލްޑިވްސް އޯޓިޒަމް އެސޯސިއޭޝަނަށެވެ.

ޝާހިދު ވިދާޅުވީ، ޗެރިޓީ ޝީލްޑް މެޗަށްފަހު މިއަހަރުގެ ލީގް މެޗްތައް ފެށުމަށް މިހާރު ހަމަޖެހިފައި ވަނީ އަންނަ މާޗް މަހުގެ ހަތަރު ވަނަ ދުވަހު ކަމަށެވެ.

މިއަހަރުގެ ދިވެހި ލީގުގައި އަށް ޓީމު ވާދަކުރަން ނިންމާފައިވާއިރު، އެޓީމް ތަކަކީ ނިމިދިޔަ ސީޒަންގެ ހުރިހާ ތައްޓެއް ކާމިޔާބުކުރި ނިއުރޭޑިއަންޓް ސްޕޯޓްސް ކުލަބާއި މާޒިޔާ އާއި ވެލެންސިއާ އާއި ވިކްޓަރީ އާއި ބީޖީ ސްޕޯޓްސް އާއި އީގަލްސް އާއި އޭވައިއެލް އަދި މުޅިން އަލަށް މިސީޒަންގެ ފުރަތަމަ ޑީވިޝަނަގއި ވާދަކުރާ މަހިބަދޫ ސްޕޯޓްސް ކުލަބެވެ.

ލިއުން ޝާއިއުކުރިތާ 48 ގަޑިއިރު ވުމާއެކު ކޮމެންޓްކުރުން ބަންދުކުރެވިފައި

ލިޔުނީ
މުހައްމަދު ޝާން