ވެލެންސިޔާ، އީގަލްސް މެޗުން ޔޫތު ޗެމްޕިއަންޝިޕް ފަށަނީ

މިއަހަރުގެ ޔޫތު ޗެމްޕިއަންޝިޕް ފުޓްބޯޅަ މުބާރާތް ހުޅުވާ މެޗުގައި މި މުބާރާތުގެ އެންމެ ފަހުގެ ޗެމްޕިއަން ކްލަބް ވެލެންސިޔާ އާއި ކްލަބް އީގަލްސް ލައްވައިލައިފި އެވެ.

މި މަހުގެ 25ގައި ފެށުމަށް ހަމަޖެހިފައިވާ މުބާރާތުގައި ކުރިން 14 ޓީމު ބައިވެރިވާގޮތަށް ހަމަޖެހިފައި ވީނަމަވެސް މިއަދުގެ ގުރުލުން ބޭއްވިއިރު މުބާރާތުގައި ވާދަކުރާގޮތަށް ހަމަޖެހިފައިއޮތީ ޖުމުލަ 13 ޓީމެވެ. އެގޮތުން ކުރިން ބައިވެރިވާން ނިންމާފައި މުބާރާތުގައި ނުކުޅޭ ޓީމަކީ ވިލިމާލޭ ޔުނައިޓެޑް އެވެ.

އެފްއޭއެމްއެމް ހައުސްގައި މިއަދު ބޭއްވި ގުރުއަތު ލުމުގައި ޓީމުތައް ތިން ގްރޫޕްކަށް ވަނީ ބަހާލައިފަ އެވެ. އެގޮތުން ގްރޫޕް އެކެއްގައި ފަސް ޓީމު ހިމަނާފައިވާއިރު އަނެއް ދެ ގްރޫޕުން ކޮންމެ ގްރޫޕެއްގައި ވެސް ހިމެނެނީ ފަސްޓީމެވެ.

ގްރޫޕް އެކެއްގައި ހިމެނޭ ޓީމުތަކަކީ، ކްލަބު ވެލެންސިޔާ އާއި ކްލަބު އީގަލްސް އާއި މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބުގެ އިތުރުން ކްލަބު ގްރީން ސްޓްރީޓް އެވެ.

ގްރޫޕް ދޭއްގައި ހިމެނޭ ޓީމު ތަކަކީ، ނިއުރޭޑިއަންޓް ސްޕޯޓްސް ކްލަބާއި، މާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަން އާއި ވައިކަރަދޫ އެފްސީގެ އިތުރުން ވޭރު ސްޕޯޓްސް ކްލަބެވެ.

ގްރޫޕް ތިނެއްގައި ހިމެނޭ ހަތަރު ޓީމަކީ، މިދިޔަ އަހަރުގެ ރަނަރަޕް ބީޖީ ސްޕޯޓްސް އާއި ކެލާ ނާޅި ސްޕޯޓްސް އާއި އޯލް ޔޫތު ލިންކޭޖްގެ އިތުރުން އޭދަފުށީ ޒުވާނުންގެ ކްލަބެވެ.

ހޮނިހިރު ދުވަހު ހަވީރު ފަށާ މުބާރާތުގެ ގްރޫޕް ދޭއްގެ ފުރަތަމަ މެޗުގައި އެރޭ 9:00ގައި ވާދަކުރާނީ، މަހިބަދޫ ސްޕޯޓްސް ކްލަބާއި ވިކްޓަރީ ސްޕޯޓްސް ކްލަބެވެ. އަދި އަންނަ އާދީއްތަ ދުވަހު ހަވީރު ގްރޫޕް ތިނެއްގެ ފުރަތަމަ މެޗުގައި ވާދަކުރާނީ ނިއު އާއި މާޒިޔާ އެވެ.

ސާފް ޗެލެންޖް ކަޕަށް ގަލޮޅު ދަނޑު މަރާމާތު ކުރަމުން ގެންދާތީ އެފްއޭއެމް އިން ހަމަޖައްސާފައިވަނީ، މިފަހަރުގެ ޔޫތު ޗެމްޕިއަންޝިޕްގެ ހުރިހާ މެޗުތަކެއް ވެސް އެފްއޭއެމްގެ އެއް ނަންބަރު ޓާފު ދަނޑުގައި ކުޅޭ ގޮތަށެވެ. އެގޮތުން އަންނަ ހޮނިހިރު ދުވަހު ފަށާ މުބާރާތުގެ މެޗުތައް ހަވީރާއި ރޭގަނޑު ކުޅުމަށް ވަނީ ހަމަޖައްސާފަ އެވެ.

މި މުބާރާތުގެ ކުއާޓާ ފައިނަލް މެޗުތައް ފަށާނީ އަންނަ މަހުގެ ނުވަ ވަނަ ދުވަހު އެވެ. އަދި މުބާރާތުގެ ސެމީ ފައިނަލް މެޗުތައް ފެބްރުއަރީ 16 އަދި 17 ގައި ކުޅުމަށް ހަމަޖެހިފައިވާއިރު މި މުބާރާތުގެ ފައިނަލް މެޗު ކުޅޭނީ ފެބްރުއަރީ 20 ވަނަ ދުވަހު ހަވީރު އެވެ.

އެފްއޭއެމްއިން 2011 ވަނަ އަހަރު ތައާރަފްކުރި މި މުބާރާތަކީ ޖަޕާން ފުޓްބޯލް އެސޯސިއޭޝަން (ޖޭއެފްއޭ)ގެ އެހީތެރިކަމާ ބާއްވަމުން އަންނަ މުބާރާތެކެވެ. މި މުބާރާތް މިފަހަރު ސްޕޮންސާ ކޮށްފައިވަނީ އެލް މޯބައިލް އިންނެވެ.
comment ކޮމެންޓް
ގުޅޭ ޚަބަރު