އެއާއެއާޕޯޓް ލިބުން ފާހަގަކުރުމަށް ސަރުކާރުން ދެކޮޅުހަދާ ކަމަށް "ގައުމީ ހަރަކާތުން" ބުނެފި

އިންޑިއާގެ ޖީއެމްއާރްގެ އަތުން އިބްރާހިމް ނާސިރު އިންޓަނޭޝަނަލް އެއާޕޯޓް (އައިއެންއައިއޭ) އަތުލިތާ އެއް އަހަރު ފުރުން ފާހަގަ ކުރުމަށް، އަދާލަތު ޕާޓީގެ ގިނަ ބަޔަކު ހިމެނޭ "ގައުމީ ހަރަކާތުން" މަސައްކަތް ކުރުމުން ސަރުކާރުން އެކަމަށް ހުރަސްއަޅާފައިވާ ކަމަށް އެ ހަރަކާތުން ބުނެފި އެވެ.

އެ ހަރަކާތުން މިއަދު އާންމުކުރި ބަޔާނެއްގައި ބުނީ މިރޭ އާޓިފިޝަލް ބީޗުގައި އުފާފާޅުކުރުމުގެ ގޮތުން ބޭއްވުމަށް ހަމަޖައްސާފައިވާ ހަރަކާތަށް ހުރަސްއެޅުމުގެ ގޮތުން ސަރުކާރުން އެކި ގޮތްގޮތަށް އިންޒާރުދިނުމަށް ފަހު ކުރިން އެ ހަރަކާތް ބޭއްވުމަށް ހުއްދަ ދީފައިވާ އާޓިފިޝަލް ބީޗު ނުލިބޭނެ ކަމަށް އިއްޔެ ހައުސިން މިނިސްޓްރީ އިން ބުނެފައިވާ ކަމަށެވެ.

"މިހަފްލާ ބޭއްވުމަށް ޓަކައި މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން އާޓިފިޝަލް ބީޗު ދޫކުރުމުގެ ހުއްދަ ދިނުމަށް ފަހު ސަރުކާރުގެ ފަރާތުން ވަނީ މިހަފްލާ ނުބޭއްވުމަށް އެކި ގޮތްގޮތުން އިންޒާރުދީ އެންމެ ފަހުން މިހާރު މިނިސްޓްރީ އޮފް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ އިން ދީފައިވާ ހުއްދަ ވަނީ ސަރުކާރު ބަންދު ދުވަހެއް ކަމުގައިވާ 6 ޑިސެމްބާ 2013ވީ ހުކުރު ދުވަހު މިނިސްޓްރީ ހުޅުވައިގެން ބާތިލުކޮށް މިކަން އަޅުގަނޑުމެނަށް އަންގާފައި،" ގައުމީ ހަރަކާތުން މީޑިއާތަކަށް ފޮނުވާފައިވާ ސިޓީއެއްގައި ބުނެފައިވެ އެވެ.

އެހަރަކާތުން ފޮނުވާފައިވާ ސިޓީގައި ބުނެފައި ވަނީ އެއާޕޯޓް ލިބުމަށް މިއަދުގެ ސަރުކާރުން ހުރަސްއެޅުމަކީ ހިތާމަކުރާ ކަމެއް ކަމަށާއި އަދި ސަރުކާރުން އެގޮތަށް އަމަލު ކުރަމުން ގެންދަނީ އެކަމުގެ ފަހަތުގައި ފޮރުވިފައިވާ ސިއްރެއް ވާތީ ކަމާ މެދު ސުވާލު އުފެދޭ ކަމަށެވެ.

ނަމަވެސް ރައީސުލްޖުމްހޫރިއްޔާގެ ތަރުޖަމާން އިބްރާހީމް މުއާޒު އަލީ މިއަދު ސަން އަށް ވިދާޅުވީ ސުލްހަވެރި އެއްްވެސް އެއްވުމަކަށް ސަރުކާރުން ހުރަސްނާޅެ ކަމަށާއި އެއީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށެވެ. އަދި "ގައުމީ ހަރަކާތު"ގެ ބައްދަލުވުމަކަށް ސަރުކާރުން ހުރަސްއަޅާ ކަމަށް އެ ބުނަނީ ކީއްވެގެން ކަން އެނގިވަޑައިނުގަންނަވާ ކަމަށެވެ.

ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ގައުމީ ހަރަކާތް" ކިޔާބަކު ހަރަކާތްތަކެއްް ހިންގަން އުޅޭކަން އެ މިނިސްޓްރީ އަށް އެނގިފައި ނުވާ ކަމަށާއި އެ ދައްކަނީ ރަނގަޅު ވާހަކައެއް ނޫން ކަމަށެވެ.

ގައުމީ ހަރަކާތުން ބުނީ ސަރުކާރުން ކުއްލި ގޮތަކަށް ހުއްދަ ބާތިލު ކުރުމުން މިރޭ ބޭއްވުމަށް ހަމަޖައްސާފައިވާ އުފާފާޅުކުރުމުގެ ހަފްލާ އަންނަ ބުރާސްފަތި ދުވަހު ބޭއްވުމަށް ނިންމާފައިވާ ކަމަށެވެ. އެހަފްލާ ބާއްވާ ތަނެއް އަދި ނުބުނެ އެވެ.

މިދިޔަ ބުރާސްފަތި ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މަދަނީ އިއްތިހާދުގެ ނައިބް ރައީސް އަބްދުﷲ މުހައްމަދު ވިދާޅުވީ އެއާޕޯޓް ޖީއެމްއާރްގެ އަތުން އަތުވި ނަމަވެސް މިހާރު އެއާޕޯޓް ހިންގުމާމެދު ވެސް ކަންބޮޑުވާ ކަންތައްތަކެއް ހުރި ކަމަށެވެ. އެގޮތުން އެއާޕޯޓަށް ތަރައްގީ ގެނައުމާއި އެއާޕޯޓްގެ އިސް މަގާމުތަކުގައި ބޭރުގެ ފަރާތްތައް ތިބިކަން ފާހަގަކުރެވޭ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު