"އިލެކްޝަންގެ ޑޭޓާބޭސް އަށް ރާއްޖެ އިން ބޭރުގެ ގިނަ ބަޔަކަށް އެކްސެސް ލިބޭ ގޮތަށް ހުރި"

ހަތެއް ސެޕްޓެމްބަރުގައި ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލްކުރި އިރު އިލެކްޝަންސް ކޮމިޝަންގެ ޑޭޓާ ބޭސް އަށް "ގަވާއިދުން އެކްސެސް ލިބެން ނުޖެހޭ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ގިނަ ފަރާތްތަކަކަށް އެކްސެސް ލިބޭ ގޮތަށް" ހުރި ކަމަށް ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ބުނެފި އެވެ.

މި މަހު 7 ވަނަ ދުވަހު ސުޕްރީމް ކޯޓުން ކުރި ހުކުމުގެ 16 ނުކުތާގެ ގައިޑްލައިންގެ 16 ވަނަ ޕޮއިންޓްގައި ބުނެފައި ވަނީ ސުޕްރީމް ކޯޓަށް ހޯދި އެކްސްޕާޓް ރިޕޯޓުން އެކަން އެކަން އެނގޭތީ، އިލެކްޝަންސް ކޮމިޝަންސްގެ ސާވާ އާއި ޑޭޓާބޭސް އާއި މުޅި އައިޓީ ނިޒާމަކީ އިތުބާރު ހިފޭ ނިޒާމަކަށް ހެދުމަށް ޓަކައި އެންސީޓީ އާއި ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާ ހިއްސާކޮށް ރަނގަޅު ކުރަން ޖެހޭ ކަމަށެވެ.

"ކޮމިޝަންގެ ސާވާ އާއި ޑޭޓާބޭސް އަށް ގަވައިދުން އެކްސެސް ލިބެން ނުޖެހޭ ރާއްޖެ އާއި ރާއްޖެ އިން ބޭރުގެ ގިނަ ފަރާއްތަކަކަށް އެކްސެސް ލިބޭ ގޮތަށް ހުރި." ސުޕްރީމް ކޯޓުގެ ގައިޑްލައިންގައިވެ އެވެ.

ނަމަވެސް ރޭ ޓީވީއެމްގެ "ރާއްޖެ މިއަދު" ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ އެކޮމިޝަންގެ ޑޭޓާ ސިސްޓަމް ކުރިން އޮތީ ވަރަށް ރެސްޓްރިކްޓެޑް ބައެއްގެ އަތުގައި ކަމަށާއި އޭރު އެތަނުގެ ސިސްޓަމްގެ ތެރެއަށް ކޮންމެ ކޮންމެ ބަޔަކަށް ނުވަދެވޭ ކަމަށެވެ. ނަމަވެސް ސުޕްރީމް ކޯޓަށް އެކޮމިޝަންގެ އެތައް ބައިވަރު ކޮމްޕިއުޓަރުތަކެއްގެ މައުލޫމާތުތަކާއި އެތައް ބައިވަރު ސިސްޓަމެއްގެ ލޮގްތަކެއް ހުށަހަޅަން ޖެހުމުން މިހާރު މައްސަލަތަކެއް ޖެހެމުންދާ ކަން ފުއާދު ފާހަގަކުރެވި އެވެ.

"އަޅުގަނޑުމެންގެ ސާވާގެ ތެރެއަށް ވަދެ އަޅުގަނޑުމެންގެ ޑޭޑާ ބަޔަކު ހަލާކުކުރަމުން އެބަގެންދޭ. އެތައް ބައިވަރު ލޮގްތަކަކާއި އެއާއި ބެހޭ އެތައް މައުލޫމާތެއް ހުށަހަޅަން އެންގި. އެގޭ ފަހުން އަޅުގަނޑުމެންގެ ސިސްޓަމް މިހާރު މިއޮތީ ވަރަށް ބޮޑަށް ހުޅުވާލެވިފައި. އެހެންވެ ވަރަށް ބޮޑަށް އަޅުގަނޑުމެންގެ ޑޭޓާ ތައް ހަލާކު ކުރަމުން މީހުން ގެންދަނީ، އެހެންވެ ޑޭޓާތަކުގައި އެއްވެސް މައްސަލައެއް ނެތެކޭ އެންސީއައިޓީ އަކަށް ވެސް ނުދެވޭނެ، އެޔަގީންކަން އަޅުގަނޑުމެންނަކަށް ވެސް ނުދެވޭނެ،" ފުއާދު ވިދާޅުވި އެވެ.

ރިޔާސީ އިންތިހާބުގައި ވޯޓްލާ މީހުންގެ ފައިނަލް ލިސްޓްގައި ސޮއިނުކުރައްވައި ބައެއް ރިޔާސީ ކެންޑިޑޭޓުން ވަނީ އިލެކްޝަންސް ކޮމިޝަންގެ ޑޭޓާ ބޭސްއަށް އެއްވެސް ބަޔަކަށް އެކްސެސްއެއް ނެތް ކަމުގެ ޔަގީންކަން އެންސީއައިޓީން ލިޔުމަކުން ދިނުމަށް އެދިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު