ލިސްޓްގައި މައްސަލައެއް ނޫޅޭ ނަމަ އަޅުގަނޑުމެން ސޮއިކުރާނަން: ޕީޕީއެމް

ރިޔާސީ އިންތިހާބުގައި ރަށްވެހިވެފައިވާ ރަށް ނޫން އެހެންތަނެއްގައި ވޯޓުލުމަށް ރަޖިސްޓްރީ ކުރި މީހުންގެ ލިސްޓްގައި ފާހަގަކުރެވޭ ފަދަ ބޮޑެތި މައްސަލަތަކެއް ނެތް ނަމަ ޕީޕީއެމް އިން އެ ލިސްޓްގައި ސޮއިކުރާނެ ކަމަށް އެ ޕާޓީން މިއަދު ބުނެފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓެލްގައި ޕީޕީއެމް/އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ޕްރެސް ކޮންފަރެންސްގައި ޕީޕީއެމްގެ ކައުންސިލް މެންބަރު އަނީސާ އަޙްމަދު ވިދާޅުވީ، މިއަދު މެންދުރު ފަހުގެ ވަގުތެއްގައި އެ ޕާޓީ އަށް ވަނީ، ރީ ރެޖިސްޓްރީ ކުރި މީހުންގެ ލިސްޓްގެ ސޮފްޓް ކޮޕީއެއް ލިބިފައި ކަމަށާއި އަދި މިހާރު އެ ލިސްޓް ޗެކްކުރުމުގެ މަސައްކަތް ޕާޓީން ކުރިއަށް ގެންދާ ކަމަށެވެ.

"އިލެކްޝަންސް ކޮމިޝަނުން މިއަދު މެންދުރު ފަހު އަޅުގަނޑުމެންނަށް ލިސްޓުގެ ސޮފްޓްކޮޕީއެއް ވަނީ ދެއްވާފައި. އަޅުގަނޑުމެން މިހާރު މިގެންދަނީ، ލިސްޓް ޗެކްކުރަމުން. އޭގައި ފާހަގަކުރެވޭ ފަދަ ބޮޑެތި މައްސަލަތަކެއް ނެތިއްޖިއްޔާ އަޅުގަނޑުމެން އެ ލިސްޓުގައި ސޮއިކުރާނަން،" އަނީސާ ވިދާޅުވި އެވެ. "އިލެކްޝަންސް ކޮމިޝަނުން ވިދާޅުވެފައި އެވަނީ މާދަމާ 7:30 އަށް ކެންޑިޑޭޓުން ލިސްޓްތައް އެންޑޯޒް ކުރެއްވިޔަސް އިންތިހާބު ބޭއްވޭނެ ކަމަށް. އަޅުގަނޑުމެން އެއަށް ތާއީދުކުރަން. ސުޕްރީމް ކޯޓުގެ އަމުރުގައިވާ 16 ނުކުތާއާ އެއްގޮތަށް ހުރިހާ ކަމެއް ކުރިއަށްދާ ނަމަ އަޅުގަނޑުމެން ލިސްޓުތަކުގައި ސޮއިކުރާނަން. އަޅުގަނޑުމެން މިތިބީ މާދަމާ އިންތިހާބު ބޭއްވުމަށް ފުރިހަމައަށް އެއްބާރުލުން ދޭން ތައްޔާރަށް."

އަނީސާ ވިދާޅުވީ ސްޕްރީމް ކޯޓުގެ އަމުރުގައި ވެސް އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ރާއްޖޭގައި ދެފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއް ބޭއްވުމަށް ގޮވާލަމުން ގެންދާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އެގޮތަށް އަމަލުކުރަށްވަމުން ނުގެންދަވާ ކަމަށެވެ.

"އަޅުގަނޑުމެން އެންމެންވެސް ބޭނުންވެގެން މިއުޅެނީ މިނިވަން އިންސާފުވެރި ދެފުށް ފެންނަ އިންތިހާބޭއް ބޭއްވުމަށް. އަދި ބައިނަލްއަގްވާމީ ފަރާތްތަކުން ވެސް ރާއްޖެ އަށް އައިސް އެ ވާހަކަ ތަކުރާރުކޮށް ދަންނަވަމުން އެ ގެންދަވަނީ. އެހެން ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި، އިލެކްޝަންސް ކޮމިޝަނުން މިހާރު އެ ކަންތައް ކުރައްވަނީކީ ދެފުށް ފެންނަ ގޮތަކަށް ނޫން. އަޅުގަނޑުމެން ބޭނުން ވަނީ، ދެ ފުށް ފެންނަ މިނިވަން އިންސާފުވެރި އިންތިހާބެއް ބާއްވައިގެން ކުރިއަށް އޮތް ފަސް އަހަރު އަޅުގަނޑުމެންގެ ގައުމުގެ ވެރިއަކަށް ހުންނަވާ ބޭފުޅަކު އިންތިހާބުކުރަން،" އަނީސާ ވިދާޅުވި އެވެ.

މިދިޔަ މަހު ހަތްވަނަ ދުވަހު ރާއްޖޭގައި ބޭއްވި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގައި ބޮޑެތި މައްސަލަތަކެއް ހުރުމުން އެ އިންތިހާބު ސުޕްރީމް ކޯޓުން ބާތިލު ކުރުމަށް ފަހު އަލުން އިންތިހާބުގެ ފުރަތަމަ ބުރު މިމަހުގެ 20ގެ ކުރިން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފައިވީ ނަމަވެސް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ވޯޓާސް ލިސްޓުގައި ސޮއި ނުކުރައްވާހާ ހިނދަކު އިންތިހާބު ނުބޭއްވޭނެ އެވެ.

ވޯޓާސް ލިސްޓުގައި ޕީޕީއެމް އިން ސޮއިކުރުމާ ބެހޭ ގޮތުން ޕީޕީއެމްގެ ނާއިބު ރައީސް އަބްދުއްރަހީމް އަބްދޫﷲ ވިދާޅުވީ، ލިސްޓް ޗެކްކުރުމަށް އިލެކްޝަންސް ކޮމިޝަނުން ޕީޕީއެމްގައި އެދިފައިވާ ކަންތައްތައް ފުރިހަމަކޮށްދެއްވުމުން ނޫނީ އެބޭފުޅުން ދޫ ނުދެއްވާނޭ ކަމަށެވެ. އަދި ކޮމިޝަނުން ކުރިން 71000 މީހުން ރެޖިސްޓްރީ ވެފައިވާ ކަމަށް ވިދާޅުވިޔަސް އެ ޕާޓީ އަށް ލިބުނު ލިސްޓުގައި ވަނީ 68000 މީހުންގެ މައުލޫމާތު ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

"ފިންގާ ޕްރިންޓް ދިމާވޭތޯ ލިސްޓް ޗެކްކުރުމަށް ޕީޕީއެމުން އެދިފައިވާ ކަންތައްތައް ފުރިހަމަ ކުރުމުގައި އެއްވެސް ދުލެއް ނުލިބޭނެ. އެހެން ނަމަވެސް ލިސްޓުގައި ނަންތައް ހުންނައިރު އޭގައި އިމްލާ ކުށެއް އޮވެގެން މައްސަލައެއް ނުޖައްސާނަން. އެކަމަކު 10 ޕަސެންޓް ފިންގާ ޕްރިންޓް ޗެކްކުރުމަށް ހުށަހަޅާފައިވާ މައްސަކައިގާ ލުޔެއް ދިނުމަށް ގޮތެއް ނިންމާނީ އަޅުގަނޑުމެންގެ ކެންޑިޑޭޓާއި ރަނިންމޭޓުގެ އިތުތުން އެކަމަށް ކަނޑައަޅާފައިވާ ކޮމިޓީގައި މަޝްވަރާ ކޮށްފައި. އަޅުގަނޑުމެން މިބަލަނީ ލިސްޓުގައިވާ މައްސަލައެއްގެ ސަބަބުން ރައްޔިތެއްގެ ހައްގަކަށް އަރައިގަނެވިދާނެތީ އެއީ ވަރަށް ބޮޑު މައްސަލައެއް ކަމަށް،" އަބްދުއްރަހީމް ވިދާޅުވި އެވެ.

މީގެ އިތުރުން އެމްޑީއޭގެ ނައިބު ލީޑަރު އަހްމަދު އާމިރު ވިދާޅުވީ، އެ ކޯލިޝަނުން ސުޕްރީމް ކޯޓުގެ އަމުރުތަކާ ހިލާފްވަމުންދާ ކަމަށް ބަޔަކު ފަތުރަމުން ގެންދާ ވާހަކަތަކަކީ ބޮޑު ދޮގެއް ކަމަށާއި އެހެން ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ވަނީ މިހާރު ވެސް ކޯޓުގެ އަމުރާ ހިލާފުވެފައި ކަމަށެވެ.

"އެމްޑީއޭ/ޕީޕީއެމް ކޯލިޝަނުން އަބަދުވެސް މަސައްކަތް ކުރަމުން މިގެންދަނީ ސުޕްރީމް ކޯޓުގެ އަމުރާ އެއްގޮތަށް ކަންތައް ކުރުމަށް. އެކަމަކު މިހާރު ވެސް ސުޕްރީމް ކޯޓުގެ އަމުރަށް ތަބާ ނުވެގެން އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް ވަނީ ތިން އަމުރެއް ނެރެފައި. އަދި ކޯޓު އަމުރުގައި ސަރުކާރުގެ އެންމެހާ މުއައްސަސާތަކުގެ އެއްބާރުލުން ހޯދުމަށް ކޮމިޝަންގެ މައްޗަށް އަމުރު ކޮށްފައިވާ ނަމަވެސް މި ހުރިހާ މައްސަލަތަކެއް ދިމާވަމުން ދާއިރު ވެސް އިލެކްޝަންސް ކޮމިޝަނުން އަދި މިހާތަނަށް ސަރުކާރުގެ ބަންޑާރަ ނާއިބުގެ އަރިހުން ލަފަޔަކަށް އެދިފައެއް ނެތް،" އާމިރު ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު