ގާނޫނާ އެއްގޮތަށް ބާއްވާ އިންތިހާބެއްކަން ރައްޔިތުންނަށް ދައްކަން ޖެހޭ: ޔާމީން

ރިޔާސީ އިންތިހާބަކީ ގާނޫނާއި ގަވާއިދާއި އެއްގޮތަށް ކުރާ މަސައްކަތްތަކެއް ކަން ރައްޔިތުންނަށް ދައްކަން ޖެހޭ ކަމަށް ޕީޕީއެމްގެ ރިޔާސީ ކެންޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

މިރޭ ދަރުބާރުގޭގައި ބޭއްވި އެ ޕާޓީގެ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުގެ ކަންތައް ކުރެވިފައި އޮތީ ރަނގަޅަށް ނޫން ކަމަށް އިލެކްޝަންސް ކޮމިޝަންގެ މެންބަރުން ގަބޫލުކުރަން ޖެހޭ ކަމަށެވެ. އަދި އަންނަ ރިޔާސީ އިންތިހާބަކީ ގާނޫނާ އެއްގޮތަށް ބާއްވާ އިންތިހާބެއްކަން ރައްޔިތުންނަށް ދައްކަން ޖެހޭ ކަމަށް ވެސް އެ މަނިކުފާން ވިދާޅުވި އެވެ.

"ޕާޓީތަކުން ގުޅިގެން ނިންމައިފިން ސުޕްރީމް ކޯޓުގެ ގައިޑްލައިންގައި ހުރި ކަންތައްތައް، ރައްޔިތުންނަށް ގަބޫލުކުރެވޭ ދެފުށް ފެންނަ ހާމަކަން ބޮޑު ރިޔާސީ އިންތިހާބަކަށް، އިލެކްޝަންސް ކޮމިޝަނުން އެކުރައްވާ މަސައްކަތްތަކުގައި އެބޭފުޅުން ރައްޔިތުން ކުރިމަތީގައި އެބަ އިއުތިރާފުވާން ޖެހޭ އެހުރިހާ ކަމެއް ފުރިހަމަ ކޮށްފީމުއޭ،" ޔާމީން ވިދާޅުވެއްޖެ އެވެ.

ރިޔާސީ އިންތިހާބަށް ފަހު އަންނަ އަހަރުގެ މާޗް މަހުގެ ތެރޭގައި ބާއްވަން ހަމަޖެހިފައިވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާ ގުޅޭ ގޮތުން ވާހަކަފުޅު ދައްކަވަމުން ޔާމީން ވިދާޅުވީ އެ އިންތިހާބަކީ ވެސް އަމާނާތްތެރިކަމާ އެކީގައި ބާއްވާނެ އިންތިހާބެއް ކަން އަންނަ ހޮނިހިރު ދުވަހު ބާއްވާ ރިޔާސީ އިންތިހާބުން ރައްޔިތުންނަށް އިތުބާރު ދޭން ޖެހޭ ކަމަށެވެ.

ޔާމީން އިތުރަށް ވިދާޅުވީ ޕީޕީއެމާއި އެމްޑީއޭ ގުޅިގެން ކުރަމުންދާ މަސައްކަތުގައި އެންމެ އިސްކަމެއްދޭ ކަމަކީ ހައްގުތައް އަނބުރާ ހޯދައިދިނުން ކަމަށާއި ރާއްޖެއަކީ ދިވެހިން ދިރިއުޅޭ ހިތްވާ އަމާން ގައުމަކަށް ހަދައިދިނުން ކަމަށެވެ.

"ގުޅިގެން މިކުރާ މަސައްކަތުގައި އެންމެ އިސްކަމެއްދޭ ކަމަކީ ނެތިގެން ގެއްލިގެން މިދާ ހައްގުތައް އަނބުރާ ދިވެހި މުޖުތަމައުއަށް އިޔާދަކޮށްދިނުން. އޭގެ ތެރޭގައި ތަހުޒީބީ މުޖުތަމައެއްގައި ވެރިކަންކުރާނެ ގޮތާއި، މީހުން ހައްޔަރުނުކޮށް، ރައްޔިތުންގެ މަޖިލީހުގެ ހިސާރުނުކޮށް ދިވެހި ރައްޔިތުންނަށް ދިވެހި މުއައްސަސާތަކުގައި މަސައްކަތް ކުރުމުގެ ފުރުސަތު ހޯދައިދިނުމަށް، ކަމާ ބެހޭ މުއައްސަސާތައް ތިބެން ޖެހޭނީ ހުށިޔާރުކަމާ އެކީ މަސައްކަތް ނިންމަވަން،" ޔާމީން ވިދާޅުވި އެވެ.

އެ މަނިކުފާނު ވިދާޅުވީ ވެރިކަމުގައި އަސާސީ ހައްގުތައް ކަށަވަރު ކޮށްދީފައި ވަނީ ކުރީގެ ރައީސް މައުމޫންގެ ވެރިކަމުގައި ކަމަށާއި އެގޮތުން އެ މަނިކުފާނުގެ ވެރިކަމުގައި މިނިވަން ޖުޑީޝަރީއެއް ގާއިމުކޮށްދެއްވި ކަމަށެވެ. އަދި ކޯޓުތަކުގައި މައްސަލަތައް މަޑު ޖެހުމަކީ ސިޔާސީ ބޭފުޅުންނާއި ގާނޫނު އަސާސީގެ ވެސް މައްސަލައެއް ނޫން ކަމަށާއި އެއީ ނިޒާމުގެ ތެރެއިން ނުކުރެވިގެންދާ ކަންތައް ކަމަށް ވިދާޅުވި އެވެ.

"މައްސަލަތައް ނިމެން ވާނެ. އެންމެ އިސްމީހާގެ މައްސަލަ ވެސް، އެންމެ އާދައިގެ މީހާގެ މައްސަލަ ވެސް އަވަހަށް ނިމެން ޖެހޭނެ. މީގައި ޖިނާއީ ތަހުގީގެއް ހިންގަން ޖެހޭ ނަމަ އަޅުގަނޑުމެންގެ ސަރުކާރެއްގައި ޖުޑީޝަރީ އަށް އެ ފިޔަވަޅު އަޅުއްވަން ކެރިވަޑައިގަންނަވަން ޖެހޭނެ،" ޔާމީން ވިދާޅުވި އެވެ.

ތަރައްގީ ގައިމީ ޕީޕީއެމާ އެކީގައި ކަމަށް ވިދާޅުވަމުން ޔާމީން ވިދާޅުވީ ކުރީގެ ރައީސް މައުމޫން ގެނެސްދީފައިވާ 30 އަހަރުގެ ތަރައްގީގެ މަތީގައި އިތުރު ވަސީލަތްތައް ގާއިމުކޮށް ރާއްޖެ ދުވަހު ނުދެކޭވަރުގެ ތަރައްގީއެއް ހޯއްދައިދެއްވާނެ ކަމަށެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު