ސުޕްރީމް ކޯޓުގެ ގައިޑުލައިންތަކަށް އިލެކްޝަނުން އަމަލެއް ނުކުރޭ: ޕީޕީއެމް، އެމްޑީއޭ

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމާ އެކު ދީފައިވާ ގައިޑްލައިންތަކަށް އިލެކްޝަންސް ކޮމިޝަނުން އަމަލުކުރަމުން ނުދާކަމަށް ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން ބުނެފި އެވެ.

ޕީޕީއެމް، އެމްޑީއޭ ކޯލިޝަނުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެމްޑީއޭގެ ނާއިބު ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ ކުޑަހުވަދޫ ދާއިރާގެ މެމްބަރު އަހްމަދު އާމިރު ވިދާޅުވީ އިލެކްޝަން ކޮމިޝަންގެ މަސައްކަތް ހުރީ ޖެއްސުން ކުރާ ގޮތަށް ކަމަށާއި އެ ކޮމިޝަނުން މިހާރު އަމަލުކުރަމުންދަނީ ސުޕުރީމް ކޯޓުން ދީފައިވާ ގައިޑްލައިންތަކާއި ޚިލާފަށް ކަމަށެވެ.

"ސުޕުރީމް ކޯޓުން މިއޮތީ އަމަލުކުރާނެ ގައިޑް ލައިނެއްދީފަ. އަޅުގަނޑުމެންނަކަށް ނޯންނާނެ ސުޕުރީމް ކޯޓުގެ ގައިޑްލައިނާ ޚިލާފަށް އެއްވެސް ކަމެއް ކުރެވޭކަށް. ނަމަވެސް އިލެކްޝަނުން އެގައިޑްލައިނަށް މަސައްކަތްތަކެއް ނުކުރައްވާ،" އާމިރު ވިދާޅުވިއެވެ.

އިލެކްޝަންސް ކޮމިޝަންގެ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން އާމިރު ވިދާޅުވީ މިހާރު މިއޮތް އިލެކްޝަން ކޮމިޝަނާއެކު އަންނަ ހޮނިހިރު ދުވަހު އިންތިޚާބެއް ބޭއްވޭނެ ކަމަށް ގަބޫލުނުކުރެވޭ ކަމަށެވެ.

އޭނާ ވިދާޅުވީ ރަޖިސްޓްރޭޝަނާ ގުޅިގެން ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ޝަކުވާ ހުށަހެޅުމުން އިލެކްޝަންސް ކޮމިޝަންގެ ކޮމްޕްލަޔަންސް ބިއުރޯއިން ދޫކުރި ބައެއް ސުލިޕްތަކުގައި ސީރިއަލް ނަންބަރު ހުރި އިރު އަނެއްބައި ސުލިޕްތަކުގައި ސީރިއަލް ނަންބަރެއް ނެތް ކަމަށެވެ.

އެކަން މީޑިއާގެ ސަމާލުކަމަށް ގެނައުމަށް އާމިރު ވަނީ އެފަދަ ސުލިޕްތައް ނޫސްވެރީންނަށް ދައްކާލައްވާފަ އެވެ.

ޕީޕީއެމާއި އެމްޑީއޭ ކޯލިޝަނުން ރީ- ރަޖިސްޓްރީ ކުރުމަށް ހުށަހެޅި ބައެއް މީހުންގެ ފޯމްތައް ޕްރޮސެސްކޮށް ނިމުނު އިރު އެ މީހުން ރަޖިސްޓްރީ ކޮށްފައި ވަނީ ރަޖިސްޓްރީ ކުރުމަށް އެދުނު ރަށް ނޫން އެހެންތަނެއްގައި ކަމަށް ވެސް އާމިރު ވިދާޅުވި އެވެ.

ކުރީފަހަރެކޭ އެއްގޮތަށް މިފަހަރުގެ ލިސްޓުގައި ވެސް ދުނިޔެއަށް އުފަން ނުވާ މީހުންގެ ނަންތައް ހިމަނާފައިވާއިރު އެކެއްގެ ނަން ތަފާތުގޮތަކަށް ދެ އެޑްރެހުގައި ހިމަނާފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. އެގޮތުން އެކަމާ ގުޅޭ ލިޔުންތައް އާމިރު ވަނީ ނޫސްވެރީންނަށް ދައްކާލައްވާފަ އެވެ.


އާމިރު ވިދާޅުވީ މާދަމާ އިރުއޮއްސި 6:00 އާ ހަމައަށް ޝަކުވާ ހުށައެޅުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ދިން ނަމަވެސް އެއީ އެކަމަށް އެންމެ ރަނގަޅު މުހުލަތެއް ކަމަށް ގަބޫލުނުކުރައްވާ ކަމަށެވެ.

އެބައްދަލުވުމުގައި ޕީޕީއެމްގެ ރިޔާސީ ކެނޑިޑޭޓް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ސްޕޯކްސް ޕާސަން އިބްރާހީމް މުއާޒް އަލީ ދެއްކެވި ވާހަކަފުޅުގައި އިލެކްޝަންސް ކޮމިޝަނުން މިހާރު ކަންތައްތައް ކުރަމުން އަންނަ ގޮތްތަކަށް ރާއްޖޭގެ ބައެއް ޖަމްއިއްޔާތަކުން ފާރަވެރިވެ، އެކަންކަން ބަލަމަމުން ނުދާ ކަމަށް ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު