ޖޭޕީން ކޯޓަށް ހުށައެޅި މައްސަލައަށް ތާއީދު ކުރީ ހައްގަށް ނަސްރު ހޯދުމަށް: މައުމޫން

މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ބާތިލް ކުރުމަށް ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައަށް ތާއީދުކޮށް އެ މައްސަލައިގެ ތެރެއަށް ޕީޕީއެމްގެ ފަރާތުން ދަތައްޚުލްވީ ހައްގަށް ނަސްރު ހޯދުމަށް ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ.

ޕީޕީއެމް، އެމްޑީއޭ ކޯލިޝަންގެ ކެންޑިޑޭޓަށް ތާއީދު ހޯދައިދިނުމަށް ބ. އޭދަފުށީގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން މައުމޫން ވިދާޅުވީ، ޖުމްހޫރީ ޕާޓީން ކޯޓަށް ހުށައެޅި މައްސަލައަކީ އިންސާފްވެރި ރަނގަޅު މައްސަލައެއް ކަމަށެވެ. އަދި އެ މައްސަލައަށް ތާއީދު ނުކޮށް ތިބިނަމަ އިންތިހާބުގެ ދެ ވަނަ ބުރަށް ދިޔައީސް ކަމަށާއި އޭރުވެސް ޕީޕީއެމް އޮތީ ދެ ވަނަ މަގާމުގައި ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.

"އެކަމަކު އަޅުގަނޑުމެން އެކަން އެގޮތައް ކުރަން ބޭނުން ނުވީ. އަޅުގަނޑުމެން ބޭނުންވީ ރައްޔިތުންގެ ވޯޓަކީ އިންސާފުވެރިކަމާއެކީގައި ލެވޭ ވޯޓަކަށް ވާން،" މައުމޫން ވިދާޅުވި އެވެ.

މައުމޫން ވިދާޅުވީ، ގުޅިގެން އެއް ކެންޑިޑޭޓަކު ނެރުމަކީ ޕީޕީއެމްގެ ހިޔާލުގައި އަބަދުވެސް އޮންނަ ކަމެއް ކަމަށާއި ރިޔާސީ އިންތިހާބުގެ ފުރަތަމަ ބުރުގެ ނަތީޖާ ނުކުތް ގޮތުން އެއް ކެންޑިޑޭޓަކު ނެރުމަށް ޕީޕީއެމްއިން ވަރަށް މަސައްކަތް ކުރިކަމާއި އެހެން ނަމަވެސް ބައެއް ބޭފުޅުންގެ ހިޔާލު ތަފާތުވުމުން އެކަން ވާގޮތް ނުވި ކަމަށެވެ.

"ސްޕްރީމްކޯޓުން މައްސަލަ ނިންމި ރޭ އަޅުގަނޑުމެންގެ ފިކުރުގައި ތިއްބެވި މީހުންނާ ބައްދަލުކުރިން. އަދި ފޯނުން ގުޅައިގެން ވެސް ބައްދަލު ކުރިން. ހިންގަވާށޭ އެކެތިގަޑަކަށް ވެގެން މަސައްކަތް ކުރަން. އެކަކަމު އެބޭފުޅުން ބޭނުންފުޅުވާ ގޮތެއް ނުވަތަ ފޯމިއުލާއެއް ނުލިބުން." މައުމޫން ވިދާޅުވި އެވެ.

މިރޭގެ ޖަލްސާގައި ވާހަކަ ދައްކަވަމުން މައުމޫން ވަނީ މިހާރުގެ ރައީސް ޑރ.މުހައްމަދު ވަހީދަށް ތާއީދުކުރައްވައި ވާހަކަފުޅު ދައްކަވާފަ އެވެ. އެގޮތުން ރައީސް ޑރ. ވަހީދު މައުމޫނާ ދޭތެރޭ އަބަދުވެސް ބަހައްޓަމުން އަންނަ ގާތް ގުޅުން ފާހަގަކޮށް އެމަނިކުފާނަށް މައުމޫން ވަނީ ޝުކުރު އަދާކުރައްވައިފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު