ހުރިހާ ފިންގާ ޕްރިންޓެއް ވެރިފައި ނުކުރެވުމަކީ މައްސަލައެއް ނޫން: ޑރ. ހަސަން

ފިންގާ ޕްރިންޓަކީ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ވެރިފައި ކުރަން ޖަހާ އެއްޗެއް ކަމަށާއި ހުރިހާ ފިންގާ ޕްރިންޓެއް ވެރިފައި ނުކުރެވުމަކީ މައްސަލައެއް ނޫން ކަމަށް ޖުމްހޫރީ ޕާޓީގެ ރިޔާސީ ކެންޑިޑޭޓުގެ ރަނިންމޭޓް ޑރ. ހަސަން ސައީދު ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުގެ ފަރާތުން މިއަދު މ. ކުނޫޒުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވާހަކަފުޅުދައްކަވަމުން ޑރ. ހަސަން ސައީދު ވިދާޅުވީ ފިންގާ ޕްރިންޓަކީ މައްސަލައެއް ޖެހިއްޖެ ހާލަތެއްގައި ވެރިފައި ކުރުމަށް ޖަހާ އެއްޗެއް ކަމަށާއި އެފަދަ ހާލަތެއްގައި ސަރުކާރުގެ މުއައްސަސާތަކުން އެކަން ވެރިފައި ކުރެވޭނެ ކަމަށެވެ. ހުރިހާ ފިންގާ ޕްރިންޓެއް ވެރިފައި ނުކުރެވުނަސް ޖުމްހޫރީ ގުޅުމުގެ މައްސަލައެއް ނެތް ކަމަށް ވެސް ހަސަން ވިދާޅުވި އެވެ.

"ސުޕްރީމް ކޯޓުގެ ނިޔާގައި މިއޮތީ ފިންގާ ޕްރިންޓް ވެސް ޖަހަންޖެހޭ ވާހަކަ. ޖަހަން މިޖެހެނީ މައްސަލައެއް ދިމާވެއްޖެއްޔާ ވެރިފައި ކުރަން. އަޅުނގަޑުމެން ގަބޫލުކުރާ ގޮތުގައި ފިންގާ ޕްރިންޓް ޖެހުމަކީ ސުޕްރީމް ކޯޓުގެ ނިޔާގައިވާ ކަމަކަށްވާތީ އެއީ ގާނޫނީ ގޮތުން ކުރަންޖެހޭ ކަމެއް. ވެރިފައި ކުރަން ޖެހިއްޖެއްޔާ ސަރުކާރުގެ ކަމާބެހޭ ފަރާތައް މެދުވެރިކޮށް އެކަން ކުރެވޭނެ. އަޅުނގަޑުމެންގެ އެއްވެސް އިޝޫ އެއް ނެތް ހުރިހާ ފިންގާ ޕްރިންޓެއް ވެރިފައި ނުކުރެވޭތީ،" އޭނާ ވިދާޅުވި އެވެ.

އިލެކްޝަން ކޮމިޝަނަށް ހުށަހަޅާފައިވާ ފޯމުތަކުގައި ހިމެނޭ ފިންގާ ޕްރިންޓު ވެރިފައިކުރުމުގެ ގާބިލްކަން ލިބިފައިނުވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން ބުނެފައިވާތީ އެކަންކަން ސައްހަ ނުކުރެވޭނަމަ ކެންޑިޑޭޓެއްގެ ހައިސިއްޔަތުން އެފޯމުތަކުގައި ސޮއި ނުކުރެއްވޭނެ ކަމަށް ޕީޕީއެމުގެ ރިޔާސީ ކެންޑިޑޭޓު އަބްދުﷲ ޔާމީން ވަނީ ވިދާޅުވެފަ އެވެ. ޔާމީންގެ އެ ވާހަކައަށް ރައްދު ދެއްވައި ހަސަން ވިދާޅުވީ ފިންގާޕްރިންޓް ވެރިފައި ކުރުމުގެ ވަސީލަތްތައް ރާއްޖޭގައި ނެތްކަމަށާއި އެހެންކަމުން ކޮންމެ ފިންގާ ޕްރިންޓެއް ވެރިފައި ކުރުމަކީ މުސްތަހިއްލު ކަމެއް ކަމަށެވެ.

"ކޮންމެ ފިންގާ ޕްރިންޓަކީ ވެރިފައި ކުރަންޖެހޭ އެއްޗެއް ވެއްޖެއްޔާ އެއީ މުސްތަހިއްލު ކަމެއް. ރާއްޖޭގެ އެވަސީލަތްތައް އަދި ގާއިމު ކުރެވިފައެއް ވެސް ނެތް. ސުޕްރީމް ކޯޓުން ވަކި ތާރީޚެއް ކަނޑައަޅާފައި އޮތް ކަމަކަށް އަދި މާލީ ތަނަވަސްކަން ނެތް ވަގުތެއްގައި އެފަދަ ކަމެއް ޑިމާންޑް ކުރުމަކީ ރަނގަޅު ކަމެއް ނޫން،" ހަސަން ވިދާޅުވި އެވެ.

ފިންގާ ޕްރިންޓުގެ މައްސަލާގައި އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު ވިދާޅުވީ ރާއްޖޭގެ ހުރިހާ ރައްޔިތުންގެ ފިންގާ ޕްރިންޓް ވެރިފައި ކުރުމުގެ ގާބިލުކަން ފުލުހުނާއި ޑިޕާޓްމަންޓް އޮފް ނެޝަނަލް ރެޖިސްޓްރޭޝަން (ޑީއެންއާރު) އަށްވެސް ލިބިފައި ނުވާ ކަމަށެވެ. ނަމަވެސް ފިންގާޕްރިންޓް ނެގުމުން މައްސަލަ ޖެހޭ ފޯމުތައް ފުލުހުންނަށް ފޮނުވައިގެން ބަލާނެ ކަމަށް ފުވާދު ވަނީ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު