އޮފިޝަލުންގެ ގޮތުގައި ކަނޑައަޅާފައި ވަނީ ސިޔާސީ ވަކި ފިކުރެއްގެ ބައެއް: ޖޭޕީ

ވޯޓު ފޮށި ކައިރީ ތިއްބަވާ އިލެކްޝަންސް ކޮމިޝަނުގެ ބައެއް އޮފިޝަލުންނަކީ ސިޔާސީ ވަކި ފިކުރެއްގައި މަސައްކަތް ކުރައްވާ ބައެއް ކަމަށް ޖުމްހޫރީ ޕާޓީން ބުނެފި އެވެ.

ޖުމްހޫރީ ޕާޓީގެ ފަރާތުން މިއަދު ހަވީރު މ. ކުނޫޒުގައި ބޭއްވި ނޫސްވެރީންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން އެ ޕާޓީގެ ނާއިބް ލީޑަރު އަމީން އިބްރާހީމް ވިދާޅުވީ މިދިޔަ މަހުގެ ހަތް ވަނަ ދުވަހު ބޭއްވި ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ގަވާއިދާ ޚިލާފަށް މީހުންނަށް ވޯޓުލުމުގެ ފުރުސަތު ދީފައި ވަނީ ވޯޓު ފޮށި ކައިރީގައި ތިއްބެވި އޮފިޝަލުން ކަމަށެވެ.

އަމީން ވިދާޅުވީ އުމުރުން 18 އަހަރު ނުފުރޭ ކުދީން ވޯޓުލާފައިވާ ކަމާއި އެކަކު ތަކުރާރުކޮށް ވޯޓުލާފައިވާކަން ޖުމްހޫރީ ޕާޓީގެ ފަރާތުން ސުޕްރީމް ކޯޓުގައި ވަކާލާތުކޮށް ސާބިތުކޮށްދީފައިވާ ކަމަށެވެ. އެފަދަކަންތައް ތަކުރާރު ވިޔަ ނުދިނުމަށް ކުރަންޖެހޭ މަސައްކަތްތައް ކުރުމަށް އަމީން ވަނީ އެދިވަޑައިގެންފަ އެވެ.

އޭނާ ވިދާޅުވީ ވޯޓުލާ މަރުކަޒުގައި ހަރަކާތްތެރިވުމަށް އިލެކްޝަންސް ކޮމިޝަނުން ކަނޑައަޅާފައިވާ ބައެއް އޮފިޝަލުން ނަކީ ސިޔާސީ ވަކި ފިކުރަކަށް ތާއީދުކުރާ ބައެއްކަމަށް ބުނެ ރައްޔިތުންގެ ތެރެއިން ގިނަ ބަޔަކު އެ ކޮމިޝަނަށް ޝަކުވާ ހުށަހަޅަމުން އަންނަ ކަމަށެވެ. އެހެންކަމުން އެ ޝަކުވާތަކަށް ރިއާޔަތް ކުރެއްވުމަށް ފަހު އެފަދަ ފަރާތްތަކުގެ ބަދަލުގައި ވަކިފަރާތަކަށް ނުޖެހި މަސައްކަތް ކުރާ މީހުން އޮފިޝަލުންގެ ގޮތުގައި ހަމަޖައްސަން ޖެހޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

ކުރިން ބޭއްވި އިންތިޚާބުތަކުގައި އިޚުލާސްތެރިކަމާ އެކު ވޯޓުލާ މަރުކަޒުގައި އޮފިޝަލުންގެ ގޮތުގައި ހަރަކާތްތެރިވި އެތަށް ބަޔަކަށް މިފަހަރު ފުރުސަތު ނުދެއްވައި "އިއްޔެ އޯލެވެލް ނިންމި ކުދިން" އޮފިޝަލުންގެ ގޮތުގައި ހަމަޖައްސާފައިވާ ކަމަށާއި އެކުދީންނަށް އެ މަސައްކަތް ކުރަން ރަނގަޅަށް ނޭނގޭ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މިއީ ޖެއްސުންކުރަންވީ ވަގުތު ނޫންކަމަށާއި މިއީ އިޚުލާސްތެރިކަމާ އެކު މަސައްކަތް ކުރަންވީވަގުތު ކަމަށެވެ.

ރިޔާސީ އިންތިޚާބު ބާތިލްކޮށް ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ވޯޓުލާ މަރުކަޒުތަކުގައި ހަރަކާތްތެރިވާ އޮފިޝަލުންނަކީ ސިޔާސީ ނުފޫޒުން އެއްކިބާވެފައިވާ ބައެއްކަން ކަށަވަރު ކުރުމަށްޓަކައި އެމީހުންނަކީ ހުރިހާ ކެންޑިޑޭޓުންގެ މަންދޫބުން ގަބޫލުކުރާ ބައެއްކަމަށް ހެދުމަކީ އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ލާޒިމް ކޮށްފައިވާ ކަމެކެވެ.

އަމީން ވިދާޅުވީ ވޯޓުލުމަށް ރަޖިސްޓްރީ ކުރުމުގެ ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަނުން ނެރުނު އިއުލާންގައި އެ ކޮމިޝަނުން ފޯމް ބަލައިގަންނާނީ ހުށަހަޅާމީހާ އެ ފޯމަށް ޒިންމާވާގޮތަށް ކަމަށް ބުނެފައިވާ ކަމަށެވެ. ނަމަވެސް އެ އިއުލާނުގެ ރޫހާ ޚިލާފަށް އީމެއިލާއި ފެކްސް މެދުވެރިކޮށް ހުށަހަޅާ ފޯމްތައް ބައެއް ކައުންސިލްތަކުން ބަލައިގަންނަމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ.

މަކަރުހަދަން ބޭނުންވާ ބަޔަކު މެދުވެރިކޮށް އއ. ބޮޑުފުޅުދޫ ކައުންސިލަށް ފެކްހާއި އީމެއިލް މެދުވެރިކޮށް ވޯޓުލުމަށް ރަޖިސްޓްރީ ކުރާ 10 ފޯމް ހުށަހެޅުމުން ބަލައިގެންފައިވާ ކަމަށް އޭނާ ވަނީ ތުހުމަތު ކުރައްވާފަ އެވެ.

މަކަރާއި ހީލަތް ހަދައި ނާޖާއިޒު ފައިދާ ހޯދުމަށް ކުރާ އެއްވެސް ކަމަކަށް ފުރުސަތު ދެވިގެން ނުވާނެ ކަމަށް ވެސް އަމީން ވިދާޅުވި އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު