ކޮމަންވެލްތުން ވަކިވާން ޖެހިއްޖެއްޔާ އެކަން ކުރަން ވެސް މިތިބީ ތައްޔާރަށް: ޑރ. ޑީޑީ

ކޮމަންވެލްތު މިނިސްޓީރިއަލް އެކްޝަން ގްރޫޕް (ސީމެގް) އިން ރާއްޖެ އަޅުވެތިކޮށް ބިރު ދައްކާނެ ކަމެއް ނެތް ކަމަށާއި އެ ގްރޫޕުން ވަކިވާން ޖެހިއްޖެއްޔާ ވަކިވާން ވެސް ތައްޔާރު ސަރުކާރުގެ ކޯލިޝަން ޕާޓްނާ ޖުމްހޫރީ ގުޅުމުގެ ޑެޕިއުޓީ ލީޑަރު ޑރ. އިބްރާހިމް ދީދީ (ޑރ. ޑީޑީ) ވިދާޅުވެއްޖެ އެވެ.

ޖުމްހޫރީ ގުޅުމުން މިރޭ ކުނޫޒުގައި ބޭއްވި ޖަލްސާގައި ކޮމަންވެލްތުގެ ފަރާތުން މިއަދު އިންތިހާބުގެ ދެވަނަ ބުރު އަވަސްކުރުމަށާއި އަންނަ މަހުގެ 11 ވަނަ ދުވަހު ރައީސަކު ހުވާކުރައްވަން ޖެހޭ ކަމަށް ވިދާޅުވެފައި ވާތީ އެކަމަށް ރައްދުދެއްވަމުން ޑރ. ޑީޑީ ވިދާޅުވީ ކޮމަންވެލްތުގެ ފަރާތުން ވެދެއްވާ އެހީތެރިކަން ކެނޑިއްޖެ ނަމަ ބަނޑަށްޖެހިދާނެ ކަމަށް ހީކޮށް ރައްޔިތުން ބިރު ގަންނަ ކަމަށާއި ނަމަވެސް އެ ގްރޫޕުގެ ފަރާތުން ރާއްޖެ އަށް ހިދުމަތެއް ލިބިގެން ނުދާ ކަމަށެވެ.

"ކޮމަންވެލްތޭ ބުނުމުން ރައްޔިތުންގެ ހިތަށް އަރާފާނެ އެއީ ވަރަށް ބޮޑު ޖަމާއަތެކޭ. އެބައި މީހުންގެ އެހީތެރިކަން ކެނޑިއްޖެ ނަމަ އަޅުނގަޑުމެން ބަނޑަށް ޖެހިދާނޭ. ނޫން ނޫން އެއްގޮތަކަށް ވެސް އެހެނެއް ނުވާނެ. ކޮމަންވެލްތަކީ ދޭތެރެ ދޭތެރެއިން ރާއްޖޭގެ ބައެއް ކިޔަވާ ކުދިންނަށް ކޮންމެވެސް ވަރަކަށް ޑިޕްލޮމާ ފެންވަރުގެ ކޯސްތަކެއް ފޯރުކޮށްދެއްވާ ބައެއް. އެނޫން އެއްވެސް ހިދުމަތެއް ކޮމަންވެލްތުގެ ފަރާތުން ލިބިގެންނެއް ނުދޭ،" ޑރ. ޑީޑީ ވިދާޅުވި އެވެ.

އޭނާ އިތުރަށް ވިދާޅުވީ މިއަދު ރާއްޖެ އިން ފެންނަމުން ދަނީ ގާނޫނު އަސާސީގެ ބާރު ކަނޑުވާލުމަށާއި މިނިވަން މުއައްސަސާތަކަށް ނުފޫޒު ފޯރުވާ ބޭރުގެ ޖަމާއަތްތައް ބޭނުންކުރައްވައިގެން ރައްޔިތުންގެ މިނިވަންކަން ނިގުޅައި ގަންނަން އުޅޭ މަންޒަރު ކަމަށެވެ. އަދި ކިތަންމެ ވަރަކަށް ބޭރުގެ ފަރާތްތަކުން ގައުމުގެ ދާހިލީ ކަންތައްތަކަށް ވަންނަން މަސައްކަތް ކުރި ކަމުގައިވީ ނަމަވެސް ފަހަތަށް ނުޖެހޭނެ ކަމަށް ވެސް ޑީޑީ ވިދާޅުވި އެވެ.

ޑީޑީ ވަނީ އިލެކްޝަން ކޮމިޝަންގެ ރައީސް ފުއާދު ތައުފީގުގެ އިސްތިއުފާއަށް ވެސް މިރޭ ގޮވާލައްވައިފަ އެވެ. އެގޮތުން ފުއާދަކީ ރައްޔިތުންނަށް ފޯރުކޮށްދޭން ޖެހޭ ހިދުމަތްތައް ކުރައްވައިގެން ހުންނެވި ހުވަޔާއި ހިލާފަށް ކުރައްވާފައިވާ ބޭފުޅެއް ކަމަށާއި ގާނޫނު އަސާސީގެ ބާރު ކަނޑުވާލަން މަސައްކަތް ކުރައްވާ ބޭފުޅެއް ކަމަށް ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު