ރިޔާސީ އިންތިހާބާ މެދު ހިތްހަމަނުޖެހިގެން ސުޕްރީމް ކޯޓަށް ހުށަހަޅާފައިވާ މައްސަލަ ހިނގަމުންދާ ގޮތާ މެދު ނުބެހުމަށް ބޭރުގެ ފަރާތްތަކަށް ރައީސް މުހައްމަދު ވަހީދު ގޮވާލައްވައިފި އެވެ.
އދ. އާއި ކޮމަންވެލްތު އަދި ނުފޫޒު ގަދަ ބައެއް ގައުމުތަކުން ނެރެފައިވާ ބަޔާންތަކާ ގުޅިގެން ރައީސް އޮފީހުން މިއަދު އިނގިރޭސި ބަހުން ނެރުނު ބަޔާނެއްގައި ވަނީ ރާއްޖެއަކީ އިންތިހާބާ ގުޅިގެން އުފެދިފައިވާ ހިޔާލު ތަފާތުވުން އަމިއްލައަށް ހައްލުކުރުމުގެ ގާބިލްކަން ލިބިގެންވާ ގައުމެއް ކަމަށެވެ. އަދި ރާއްޖެއަކީ ޑިމޮކްރަސީ ޅަފަތުގައިވާ ގައުމެއް ނަމަވެސް ދައުލަތުގެ މުއައްސަސާތަކާއި ޝަރުއީ ދާއިރާ ވަނީ ވަކި ފަރާތަކަށް ނުޖެހި އިންސާފުވެރިކަމާ އެކު މައްސަލަތައް ހައްލުކުރުމުގެ ގާބިލްކަން ލިބިގެންވާކަން ސާބިތުކޮށްދީފައި ކަމަށް އެ ނޫސްބަޔާނުގައި ބުނެފައިވެ އެވެ.
އެ ނޫސްބަޔާނުގައި ވަނީ ދިވެހި ރައްޔިތުން ވެސް ޝަރުއީ ދާއިރާގެ ނިންމުންތައް ބަލައިގަންނަ ކަމަށެވެ.
ރައީސް އޮފީހުން މި ބަޔާން ނެރުނީ ރިޔާސީ އިންތިހާބާ ގުޅިގެން ޖުމްހޫރީ ޕާޓީން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ވަގުތީ އަމުރެއް އިއްޔެރޭ ނެރުމާ ގުޅިގެން ބޭރުގެ އެކި ފަރާތްތަކުން އިންތިހާބު ލަސްނުކޮށް ބޭއްވުމަށް ބާރުއަޅަމުން ދަނިކޮށެވެ.
ރައީސް އޮފީހުގެ ބަޔާނުގައި ވަނީ ރިޔާސީ އިންތިހާބާ ގުޅިގެން ޝަކުވާއެއް އޮތް ނަމަ އެކަމެއް ހުށަހެޅުމުގެ ފުރުސަތު ކޮންމެ ކެންޑިޑޭޓަކަށް ވެސް ގާނޫނުން ލިބިދީފައިވާ ކަމަށެވެ.
އެ ބަޔާނުގައި ވަނީ އިންތިހާބު އޮބްޒާވްކުރުމަށް އައި ބޭރުގެ ވަފުދުތަކަށް ރާއްޖޭގެ އޮބްޒާވަރުންނަށް ވެސް ޝުރުއަދާކޮށްފަ އެވެ. ނަމަވެސް ކެންޑިޑޭޓުން ހުށަހަޅާ މައްސަލަތަކާ ގުޅޭ ގޮތުން ދުނިޔޭގެ އެއްވެސް ތަނެއްގައި އޮބްޒާވަރުންނަށް ގޮތް ކިޔައި ނުހެދޭނެ ކަމަށް ބުނެފައިވެ އެވެ.