ވޯޓްލުން ވަކި ދުވަހެއްގައި ބާއްވަން އެއްވެސް ޖަމާއަތަކަށް ނުބުނެވޭނެ: ޕީޕީއެމް

ވޯޓްލުން ވަކި ދުވަހެއްގައި ބާއްވާކަށް އެއްވެސް ގައުމަކުން އަދި ޖަމިއްޔާ ޖަމާއަތަކުން ވެސް ރާއްޖެ އަށް ނޭންގޭނެ ކަމަށް ޕީޕީއެމުން ބުނެފި އެވެ.

ނަސަންދުރަ ޕެލަސް ހޮޓަލުގައި ޕީޕީއެމުން މިއަދު ބޭއްވި ނޫސްކޮންފަރެންސެއްގައި ފޮރިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި ޕީޕީއެމްގެ ކައުންސިލް މެމްބަރު ދުންޔާ މައުމޫނު ވިދާޅުވީ ސުޕްރީމްކޯޓަށް ދޭން ޖެހޭ އިހުތިރާމު ދިވެހިން ވެސް އަދި ބޭރުގެ ފަރާތްތަކުން ވެސް ދޭން ޖެހޭނެ ކަމަށެވެ.

"ހާއްސަކޮށް އިންޑިއާ އަދި ކޮމަންވެލްތު އަދި ޔޫކޭގެ ސްޓޭޓްމެންޓްގައި ވަރަށް ސާފުކޮށް އެބަ ބުނޭ ދެވަނަ ބުރު ވޯޓިން ބާއްވާށޭ 28 ސެޕްޓެމްބަރުގައި. އަޅުގަނޑުމެން ގަބޫލުކުރާ ގޮތުގައި ވަކި ދުވަހެއްގައި ވޯޓިން ބާއްވާކަށެއް އެއްވެސް ގައުމަކުން އަދި ޖަމިއްޔާ ޖަމާއަތަކުން ނުބުނެވޭނެ އަޅުގަނޑުމެންނަކަށް،" ދުންޔާ ވިދާޅުވި އެވެ.

އަދި ވިދާޅުވީ ހަމަނުޖެހުން އުފެދޭނީ ހަމައެކަނި އިންތިހާބު ލަސްވެގެން ނޫން ކަމަށާއި ރައްޔިތުންގެ އިތުބާރު ނެތް މުއައްސަސާއަކުން އެކަން ކުރުމުން ވެސް ހަމަނުޖެހުން އުފޭނެ ކަމަށެވެ.

"އަޅުގަނޑު ގަބޫލުކުރާ ގޮތުގައި ހަމަނުޖެހުން އުފެދޭނީކީ ހަމައެކަނި އިލެކްޝަން ލަސްވެގެނެއް ނޫން. އެކި މަކަރުތައް ހަދައި އޮޅުވާލުންތަކެއްގެ ތެރޭގައި ރައްޔިތުންގެ އިތުބާރު ނެތް އިންސްޓްޓިއުޝަނަކުން އަދި އިތުބާރު ނެތް ޕްރޮސެސްއަކުން ކަންތައް ގޮސްގެން ވެސް ހަމަ ރާއްޖޭގައި ހަމަނުޖެހުން އުފެދޭނެ." ދުންޔާ ވިދާޅުވި އެވެ.
ދުންޔާ އަދި ވިދާޅުވީ ބޭރުގެ ފިއްތުންތަކަށް ބޯ ނުލަނބާނެ ވާހަކަ ދިވެހި ސަރުކާރާއި ޕީޕީއެމުން ކުރިން ވެސް ބުނެފައި ވާނެ ކަމަށެވެ.

"އަޅުގަނޑުމެން ހަމަ އޭރުވެސް، މިވަގުތު މިއޮތް ސަރުކާރުން ވެސް އަދި އަޅުގަނޑުގެ ޕާޓީ އާއި ކޯލިޝަނުގައި ހިމެނޭ ޕާޓީތަކުން ވެސް ސްޓޭންޑެއް ނަގާފައި އޮންނާނީ ވަރަށް ފާމްކޮށް، ބޭރު ދުނިޔޭގެ ފިއްތުންތަކަށް އަޅުގަނޑުމެންނެއް ބޯނުލަނބާނެ ކަން، އަޅުގަނޑުމެންނަކީ ހަމަ މުސްތަގިއްލު މިނިވަން ގައުމެއް." ދުނިޔާ ވިދާޅުވެފަ އެވެ.
ގުޅޭ ޓެގު
comment ކޮމެންޓް
ގުޅޭ ޚަބަރު
ގުޅޭ ޓެގު