އެމްޑީޕީން ސުޕްރީމް ކޯޓު ސަރަހައްދުގައި ކުރި މުޒާހަރާއެއްގައި ބަރަހާނާ މަންޒަރުތައް ދައްކުވައިދޭ ޕޯސްޓަރުތަކެއް ހިފައިން އުޅުނު ހަތަރު މީހަކު ހައްޔަރުކޮށް، މުއްދަތު ޖަހަން ގެންދިއުމުން ތިން މީހުން ދޫކޮށްލައިފި އެވެ.
ސަން އަށް އެނގިފައިވާ ގޮތުގައި އެ ހަތަރު މީހުންނަކީ މިދިޔަ ހޯމަ ދުވަހު ސުމްރީމް ކޯޓު ސަރަހައްދުގައި އެމްޑީޕީން ބޭއްވި މުޒާހަރާގެ ތެރޭގައި ބަރަހާނާ މަންޒަރުތަކެއް ދައްކުވައިދޭ ފޮޓޯތަކެއް ހަރުކޮށްފައިވާ ހުރި ބޯޑުތަކެއް ހިފައިގެން އުޅުނު ހަތަރު މީހުންނެވެ. އެ ހަތަރު މީހުން ހައްޔަރުކޮށްފައި ވަނީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވުމާއި އޮރިޔާން ކާޑު ގެންގުޅުމާއި ފުލުހަކާ މާރާމާރީ ހިންގި މައްސަލައެއްގެ ތުހުމަތުގަ އެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ވެސް ވަނީ އެ ދުވަހުގެ މުޒާހަރާއާ ގުޅިގެން ހަތަރު މީހަކު ހައްޔަރުކޮށްފައިވާކަން ކަށަވަރުކޮށްދީފަ އެވެ. ނަމަވެސް އެކަމުގެ އެއްވެސް ތަފްސީލެއް ނުދެއްވަ އެވެ.
އެ ހަތަރު މީހުންގެ ބަންދުގެ މުއްދަތު ޖަހަން ކޯޓަށް ގެންދިއުމުން އެގޭތެރެއިން ތިން މީހަކު ކޯޓުން ވަނީ ދޫކޮށްލައިފަ އެވެ. ނަމަވެސް ފުލުހަކާ މާރާމާރީ ހިނގި މައްސަލައެއްގެ ތުހުމަތުގައި އެ ތަނުން އެކެއްގެ ބަންދަށް ފަސް ދުވަހުގެ މުއްދަތެއް ވަނީ ޖަހައިދީފަ އެވެ.