މޯލްޑިވްސް ޕޯޓްސް ލިމިޓެޑް(އެމްޕީއެމް) އިން މިދިޔަ އަހަރު އެކުންފުންޏަށް ލިބުނު ފައިދާ އިން ހިއްސާގެ ފައިދާގެ ގޮތުގައި 60 މިލިއަން ރުފިޔާ ސަރުކާރަށް ދިނުމަށް ފާސްކޮށްފި އެވެ.
އެމްޕީއެލްއިން މިއަދު ބޭއްވި އަހަރީ އާންމު ޖަލްސާ އަށް ފަހު ނޫސްވެރިންނާއި ބައްދަލުކޮށް ވާހަކަ ދައްކަވަމުން އެކުންފުނީގެ ޗެއާމަން ހަސަން ޝާހް ވިދާޅުވީ އެކުންފުންޏަށް މިދިޔަ އަހަރު ލިބުނު ފައިދާއިން 60 މިލިއަން ރުފިޔާ މި މަސް ނިމުމުގެ ކުރިން ސަރުކާރަށް ދިނުމަށް ފާސްކޮށްފައިވާ ކަމަށެވެ.
އެމްޕީއެލްގެ ޗީފް ފައިނޭޝަން އޮފިސާ އަހުމަދު ނާޒިމް ވިދާޅުވީ އެކުންފުއްޏަށް މިދިޔަ އަހަރު ފައިދާގެ ގޮތުގައި 81 މިލިއަން ރުފިޔާ ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ އެންމެ ބޮޑަށް އެކުންފުންޏަށް ފައިދާ ވަނީ މުދާ ކުލިއާ ކުރުމުން ކަމަށެވެ. އެކުންފުނީގައި މިވަގުތު 800 އަށް ވުރެ ގިނަ މުއައްޒިފުންތިބި އިރު އެ ކުންފުނީގެ ހަރަދުތަކުގެ 38 ޕަސެންޓަކީ މުއައްޒިފުންގެ ހަރަދުތައްކަމަށް ނާޒިމް ވިދާޅުވި އެވެ.
އެ ކުންފުނީގެ ސީއީއޯ މުހައްމަދު ލަތީފް ވިދާޅުވީ އެ ކުންފުންޏަށް ދިމާވެފައިވާ ގޮންޖެހުންތައް ހައްލުކުރުމަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުންދާ ކަމަށާއި އެގޮތުން ހުއްޓިފައިވާ ޕްރޮޖެކްޓްތަކުން އާމުދަނީ ލިބޭނެ ގޮތް ހެދުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ.
އެމްޕީއެލްއިން ބުނީ އެކުންފުންޏަށް މި އަހަރުގެ ފުރަތަމަ ހަ މަސް ދުވަހު ލިބުނު އާމްމުދަނީ ވެސް ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ. އެއީ ހަތް މިލިއަން ރުފިޔާ އެވެ.