ސުޕްރީމް ކޯޓުން އަމުރާ ހިލާފަށް އަންނަ ހޮނިހިރު ދުވަހު ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރުގެ ވޯޓު ނުނަގާނެ ކަމަށް އިލެކްޝަންސް ކޮމިޝަންގެ ރައީސް ފުއާދު ތައުފީގު މިއަދު ވިދާޅުވެއްޖެ އެވެ.
މިއަދު އޮތް ޝަރީއަތުގެ މަޖިލީހުގައި ޖުމްހޫރީ ޕާޓީގެ ވަކީލު ޑރ. ހަސަން ސައީދު ކުރެއްވި ސުވާލުތަކަށް ޖަވާބުދެއްވަމުން ފުއާދު ތައުފީގު ވިދާޅުވީ ސުޕްރީމްކޯޓުގެ އަމުރާ ޚިލާފަށް އިންތިޚާބު ނުބާއްވާނެ ކަމަށާއި ނަމަވެސް ކޮންމެ ވަގުތެއްގައި ވެސް ސުޕްރީމް ކޯޓުގެ ހުކުމެއް އަތުވެދާނެ ކަމަށް ބަލައި އިންތިޚާބަށް ވާންޖެހޭ ތައްޔާރީތައްވަމުން އަންނަ ކަމަށެވެ.
މިއަދުގެ ޝަރީއަތުގެ މަޖިލީހުގައި އިލެކްޝަންސް ކޮމިޝަންގެ ނައިބު ރައީސް އަހުމަދު ފަޔާޒު ހަސަން ވިދާޅުވީ ކޯޓު އަމުރު ބަލައިގެންފައިވާ ކަމަށާއި ނަމަވެސް އެ އަމުރުގައި ކޮމިޝަންގެ މަސައްކަތް ހުއްޓާލުމަށް ބުނެފައިނުވާ ކަމަށެވެ. އެހެންކަމުން އިންތިޚާބު ބޭއްވުމަށް ކުރަން ޖެހޭ މަސައްކަތްތައް ކުރަމުން އަންނަ ކަމަށް ފަޔާޒު ވިދާޅުވި އެވެ.
އޭޖީ އޮފީހުގެ ޑެޕިއުޓީ އެޓާނީޖެނެރަލް އަހުމަދު އުޝާމް ވިދާޅުވީ އިލެކްޝަންސް ކޮމިޝަނުން ރައީސުލްޖުމްހޫރިއްޔާ އަށް ސިޓީއެއް ފޮނުވާފައިވާ ކަމަށެވެ. އެ ސިޓީގައި ގާނޫނު އަސާސީގައި ބުނެފައިވާ މުއްދަތުގައި އިންތިޚާބު ބޭއްވުމާ ބެހޭ ގޮތުން ލިޔެފައިވާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.